Roadha Mihaaru

ސަލްމާންގެ ފިލްމަކަށް އަރްޖިތު ކިޔާފައިވާ ފުރަތަމަ ލަވަ ނެރެފި

24 އޮކްޓޯބަރ 2023

ބޮލީވުޑްގެ ތަރި ސަލްމާން ހާންގެ ފިލްމަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ކިޔާފައިވާ ފުރަތަމަ ލަވަ އިއްޔެ ނެރެފި އެވެ.

ބޮލީވުޑްގެ ތަރި ސަލްމާން ހާންގެ ފިލްމަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ކިޔާފައިވާ ފުރަތަމަ ލަވަ އިއްޔެ ނެރެފި އެވެ.

އަންނަ މަހު ޕްރިމިއާ ކުރާ ސަލްމާންގެ ފިލްމު "ޓައިގާ 3" އަށް އަރްޖިތު ކިޔާފައިވާ ލަވައަކީ "ލޭކޭ ޕްރަބޫ ކާ ނާމް" އެވެ. މި ލަވަ ނެރުނުތާ 24 ގަޑިއިރު ނުވަނީސް، 15 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާރު ވަނީ ލިބިފަ އެވެ.

މި ލަވާގައި ފެންނަނީ ސަލްމާން އާއި ކެޓްރީނާ ކައިފް އެވެ.

ސަލްމާންގެ ފިލްމަކަށް މީގެ ކުރިން އަރްޖިތު ލަވަ ކިޔާފައި ނުވެ އެވެ. އެ ދެމީހުންގެ މެދުގައި 2014 ވަނަ އަހަރު ހޫނުވި މައްސަލައަކާ ގުޅިގެން ސަލްމާންގެ ބައެއް ފިލްމުތަކުން އަރްޖިތަށް ލިބުނު ފުރުސަތުތައް ވެސް އަތުލި އެވެ.

އެ މައްސަލަ ޖެހުނީ 2014 ވަނަ އަހަރު ބޭއްވި ސްޓާ ގިލްޑް އެވޯޑު ހަފުލާގަ އެވެ. އަރްޖިތަށް ލިބުނު އެވޯޑާ ހަވާލުވާން އޭނާ ސްޓޭޖަށް އެރި އިރުގައި ނިދިޖެހިފައި ހުރުމުން ސަލްމާން އެ ވާހަކަ އެހުމުން އަރްޖިތު ދިން ޖަވާބުން ސަލްމާން ހިތްހަމަ ނުޖެހުނީ އެވެ. އަރްޖިތު ބުނީ ސަލްމާންމެންނާ ހެދި ނިދުނީ ކަމަށެވެ. އެހެން ބުނުމުން ސަލްމާން ވަނީ އަރްޖިތު ލަވަކިޔާ ގޮތުން ނިދި އަންނަނީ ކަމަށް ބުނެ އޭނާ އަށް މަލާމާތުގެ ރާގަކުން ވާހަކަދައްކައިފަ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސަލްމާންގެ ސްޕައި ފިލްމު "ޓައިގާ 3"ގެ ޓްރެއިލާ ވެސް މިދިޔަ ހަފުތާގައި ވަނީ ނެރެފަ އެވެ.

މި ފިލްމަކީ ވެސް ޔަޝް ރާޖު ފިލްމްސްގެ "ސްޕައި ޔުނިވާސް"ގެ ފިލްމެކެވެ. ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގައި ދައްކާނީ ވެސް "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ.

ސަލްމާން ހާން އާއި ކެޓްރީނާއާ އެކު، މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ އިމްރާން ހާޝްމީ، ރެވާތީ، ރަންވީރު ޝޯރޭ، ވިޝާލް ޖެތުވާ އަދި ރިދީ އެވެ. އަދި ހާއްސަ ފެނިލުމަކުން، ޕަތާންގެ ރޯލުން ޝާހްރުކް ހާން ވެސް ފެންނާނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ކަހަލަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ.

"ޓައިގާ 3" ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ މަހު 10 ގަ އެވެ.