Roadha Mihaaru
އެއާ ފްރާންސުން ރާއްޖެ އަށް ދަތުރުތައް ފަށަނީ

އެއާ ފްރާންސުން ރާއްޖެ އަށް ދަތުރުތައް ފަށަނީ

07 ފެބުރުއަރީ 2017

ފްރާންސުގެ ގައުމީ އެއާލައިން، އެއާ ފްރާންސުން އަންނަ ނޮވެމްބަރު މަހު ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ފްރާންސުގެ ގައުމީ އެއާލައިން، އެއާ ފްރާންސުން އަންނަ ނޮވެމްބަރު މަހު ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެއާ ފްރާންސުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަންނަ ނޮވެމްބަރު އެކަކުން ފެށިގެން ރާއްޖެ އަށް ހަފުތާ އަކު ދެ ދުވަހު ފްލައިޓުތައް އޮޕަރޭޓް ކުރަން ވަނީ ނިންމައިފަ އެވެ. ޕެރިހުގެ ޝާލެ ޑެ ގޯލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހަކު ފްލައިޓް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

"މާލެ އަށް ދަތުރުތައް ފެށުމުން، ޗުއްޓީ ހޭދަކުރަން ދާ މަންޒިލްތަކަށް ހިދުމަތް ދިނުމުގައި އިތުުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ. ފެންވަރު ރަނގަޅު ހިދުމަތްތަކާ އެކު އެއާ ފްރާންސް އުޅެނީ މި މާކެޓުގެ އެންމެ ކުރީގައި،" އެއާ ފްރާންސުގެ ސީއީއޯ ފްރޭންކް ޓާނާ ވިދާޅުވި އެވެ.

ފްރާންސުން ރާއްޖެ އަންނަ ފްލައިޓް ޕެރިހުން ފުރާނީ ފްރާންސް ގަޑިން ރޭގަނޑު 8:50 ގަ އެވެ. މި ފްލައިޓް ވީއައިއޭގައި ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:20 ގަ އެވެ. ރާއްޖޭން ފްރާންސަށް ދާ ފްލައިޓް، ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހަކު ރާއްޖެ ގަޑިން 1:05 ގައި ފުރައިގެން ޕެރިހަށް ދެވޭނީ އެ ތަނުގެ ގަޑިން ރޭގަނޑު 7:35 ގަ އެވެ.

ރާއްޖެ އަށް ކުރާ ދަތުރުތަކަށް އެއާ ފްރާންސުން ބޭނުން ކުރާނީ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި 260 އިކޮނޮމީ ކްލާސް ސީޓާއި 24 ޕްރިމިއަމް އިކޮނޮމީ ކްލާސް ސީޓުގެ އިތުރުން، 28 ބިޒްނަސް ކްލާސް ސީޓު ހިމެނެ އެވެ.

ރާއްޖެ އާއި ފްރާންސާ ދެމެދު މިހާރު ސީދާ ދަތުރުތަކެއް ނޯވެ އެވެ. ފްރާންސުން ރާއްޖެ އަންނަ މީހުން ދަތުރު ކުރަނީ ގަތަރު، އިއްތިހާދު ނުވަތަ ސްރީލަންކަން ފަދަ އެއާލައިންތަކުން އެކި ގައުމުތަކުގައި ޓްރާންސިޓް ކުރުމަށް ފަހު އެވެ.

އެއާ ފްރާންސުގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމާފައި ވާއިރު، ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެކަމަކު، ފްރާންސުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ވަނީ ކޮންމެ ވެސް ވަރަކަަށް ދަށަށް ގޮސްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު ރާއްޖެ އައި ފްރާންސް މީހުންގެ ޖުމްލަ އަދަދު ކަމަށްވާ 40,487 އަކީ އޭގެ ކުރީ އަހަރު ފްރާންސުން ރާއްޖެ އައި 42,024 މީހުންނަށް ވުރެ 3.7 ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖެ އަށް މިހާރު ވެސް 30 އަށް ވުރެ ގިނަ ބޭރުގެ އެއާލައިންތަކުން ދަތުރު ކުރެ އެވެ. އޭގެ އިތުރުން ވެސް، ޓޫރިޒަމް ސީޒަނާ ދިމާކޮށް ބައެއް ޗާޓަރު ފްލައިޓުތަކާ އަދި ޑޮމެސްޓިކް އެއާލައިންތަކުން ވެސް ރާއްޖޭގެ މައި އެއާޕޯޓަށް ދަތުރު ކުރެ އެވެ.

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އާ ތިން އެއާލައިނަކުން ރާއްޖެ އަށް އުދުހެން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އެއާލައިނެއްގެ އިތުރުން، އިންޑިއާގެ އެއާލައިނަކާއި ޗައިނާގެ ގައުމީ އެއާލައިން ވެސް ހިމެނެ އެވެ.