28 އޮކްޓޯބަރ 2023
އެއް މެމްބަރަކު އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެންނެވެ. އޭނާ ނޫނަސް، 10 މިލިއަން ނުވަތަ އެއަށް ވުރެ ވެސް މާ ގިނަ ފައިސާ ހޭދަކޮށްގެން މަޖިލީހުގެ ގޮނޑި ހޯއްދެވި ބޭފުޅުން އެބަތިއްބެވި އެވެ. ބޭނުމަކީ، ޝަރަފެވެ، އިއްޒަތެވެ. އިމްތިޔާޒުތަކެވެ.
އެއް މެމްބަރަކު އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެންނެވެ. އޭނާ ނޫނަސް، 10 މިލިއަން ނުވަތަ އެއަށް ވުރެ ވެސް މާ ގިނަ ފައިސާ ހޭދަކޮށްގެން މަޖިލީހުގެ ގޮނޑި ހޯއްދެވި ބޭފުޅުން އެބަތިއްބެވި އެވެ. ބޭނުމަކީ، ޝަރަފެވެ، އިއްޒަތެވެ. އިމްތިޔާޒުތަކެވެ.
އެކަމަކު، އެ ގޮނޑީގެ އިމްތިޔާޒުތައް ދޭން ރައްޔިތުން ބޭނުންވާހެނެއް ހިޔެއް ނުވެ އެވެ. މަޖިލީހުގެ ގަވައިދުގައި އޮންނަ އިމްތިޔާޒުތައް ނުލިބިގެން މެމްބަރުން ޝަކުވާކުރާ ކޮންމެ ފަހަރަކު ރައްޔިތުންގެ އުދާސްތައް ދަނީ ކޮޅުންލައިގެންނެވެ. ރުޅިގަނޑު ދަނީ ފަޅައިގެންނެވެ. -- އެއީ ކީއްވެހެއްޔެވެ؟
މިދިޔަ ހަފުތާގެ ތެރޭގައި، މަޖިލިސް މެމްބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިގެން މެމްބަރުން އެކަމުގެ ޝަކުވާ ކުރުމުން ވެސް އާންމުން އެކަމަށް ޖެހީ ޖޯކެވެ. އެ ޚަބަރު "މިހާރު"ގައި ޖެހުމުން ހަތްދިހައެއްހާ ކޮމެންޓް ޝާއިއުކުރި އެވެ. އެ ކޮމެންޓުތަކުގައި މެމްބަރަކަށް ހެޔޮހިތުން އެއްޗެއް ބުނެލި ހަމަ އެކަކު ވެސް ނެތެވެ. މެމްބަރުންގެ އިމްތިޔާޒުތަކާ ގުޅޭ މި ކަހަލަ ކަންކަމުގެ ވާހަކަ އަޑުއަހަން އާންމުން މިހާރު ހަގީގަތުގައި ވެސް ފޫހިވެ އެވެ.
ހަގީގަތަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމެވެ. މަޖިލީހަކީ، ބައެއް މީހުންގެ ނަޒަރުގައި މިހާރު އެއްވެސް އޮއްޓަރެއް އޮތް ތަނެއް ކަމަކަށް ނުދެކެ އެވެ. އަދި، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، މަޖިލީހަކީ "ބޭކާރު" ތަނަކަށް ވެސް ވެއްޖެ އެވެ! އިއްޒަތް ދޭން ބޭނުން ނުވަނީ އެހެންވެ ކަމަށް ވެދާނެ އެވެ.
"ރައްޔިތުންނަށް ދަތިވާ ކަންތައްތައް ނުބަލާ މި މީހުންނަށް ދަތިވާ ކަންތައްތައް ބެލުމުގައި ވަގުތު ބޭކާރު ކޮށްލަނީ. ތިވަރު މީހުންނަށް އިއްޒަތްތެރިންނޭ ކިޔާނީ މޮޔައިން،" ކޮމެންޓެއްގައި މީހަކު ބުންޏެވެ.
"މީ ދެން މާ މަތީ ބައެއް ހިތުން. އެއްވެސް ބަޔަކު ކުޑަމިނުން ރެސްޕެކްޓެއް ވެސް ނުކުރާ ބޭކާރު ބައެއް. މި މީހުން ހޮވާނެ ކަމެއް ނެތް. ދުވަހަކު ޖަލްސާއަކަށް ނުދިޔަސް ބަރާބަރަށް މުސާރަ ނަގައިގެން ތިބޭނީ،" އެ ހަބަރަށް "ބޭކާރު" ނަމުގައި ކޮމެންޓް ކުރި މީހަކު ބުންޏެވެ.
"ކީއްކުރަން؟ ރިޔާސަތުގައި ބަގުނޑި ބައްދައިގެން ނެއްޓެން ނޭނގިގެން އުޅެން ހަދައިގެން މަސައްކަތެއް ނުކުރާތާ ހަ މަސްވެގެން ދަނީ. މެމްބަރުން އިތުބާރު ނެތޭ ބުނީމާ ވެސް ވޯޓަކަށް އަހާލަން ނުކެރިގެން ބަހަނާ ދައްކާލަ ދައްކާލަ ތިބެނީ. ތި މީހުންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ވެސް ކަނޑާލަންވީ،" އެހެން ކޮމެންޓެއްގައި ވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝާއިއު ކުރި އެ ޚަބަރަށް މުޅިން ވެސް ލިބުނީ މި ކަހަލަ ކޮމެންޓުތަކެވެ.
މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވައްދަން ދަތިވާތީ ޝަކުވާ ބޮޑުވެއްޖެ https://t.co/S2u58GcadM
— Mihaaru (@Mihaarunews) October 26, 2023
މެމްބަރުންގެ ޝަކުވާ ބޮޑުވީ އެ ބޭފުޅުންގެ ކާރުކޮޅު ވެލާނާ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ދޮރުމައްޗާ ހަމަ އަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މެމްބަރުންގެ ކަންކަން ބަލަހައްޓާ މަޖިލީހުގެ "މެމްބަ ސާވިސް އެންޑް ޕްރޮޓޮކޯލް"ގެ ފަރާތުން ވަނީ އާންމު ކޮމެޓީ އަށް ޝަކުވާތައް ހުށަހަޅައި މަޝްވަރާ ފަށައިފަ އެވެ.
މިދިޔަ ހަފުތާގައި ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ މެމްބަރުންގެ ކާރުތަކަށް ހާއްސަ ޕާކިން ސްޓިކާއެއް ބޭނުންކޮށްގެން އަދި ޕާކިން އޭރިއާއެއް ކަނޑައަޅައިގެން އެ މައްސަލަ ހައްލުކުރެވި ދާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލް އާއި ފުލުހުންނާ އެކު ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ހައްލު ކުރަން ތާއީދު ކުރެއްވި ނަމަވެސް، ބައެއް މެމްބަރުން ވަނީ ކޮމެޓީ ބައްދަލުވުމުގައި އެކަމާ ދެކޮޅު ވެސް ހައްދަވައިފަ އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މެމްބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އޭނާ ތާއިދު ކުރެއްވިޔަސް، އެއާޕޯޓުގެ ރެސްޓްރިކްޓެޑް އޭރިއާއެއް ނުވަތަ ސެކިއުރިޓީ މަތިކޮށްފައި އޮންނަ ސަރަހައްދެއްގައި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވެރިންގެ ކާރުކޮޅު ޕާކުކޮށްފައި ބޭއްވިދާނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.
"ނަމަވެސް އެތަނަށް އަރާވަޑައިގަންނަވާއިރާއި ފައިބާވަޑައިގަންނަވާއިރު، އެ ބޭފުޅުންނަށް ގޮސް އެތަނުގައި ކުޑަ އިރުކޮޅަކަށް މަޑުކޮށްލަން ފުރުސަތު އޮތުން ރަނގަޅު. އެކަމަކު އެތަނުގައި ގޮސް ޕާކުކޮށްގެން ތިބެން އިންތިޒާމު ހަމަޖެއްސުން އެއީ އެހާ ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މި ނޫނަސް މެމްބަރުންގެ އިމްޒިޔާޒުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވި އެވެ. އެއް މެމްބަރަކު މީގެ ކުރިން ގަލޮޅު ދަނޑަށް ކިޔޫގައި ވަންނަވަން ޖެހިވަޑައިގަތުމުން އޭގެ ޝަކުވާ ވެސް ކުރެއްވި އެވެ. މިއީ، މީޑިއާއާ ހަމައަށް ތިލަވި މައްސަލަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހާއްސަ އިމްތިޔާޒުތަކެއް އޮންނަ ބައެކެވެ. ރާއްޖޭގައި ވެސް އެކަން އެކަން އޮންނަނީ އެހެންނެވެ. ދައުލަތަށް ކުޅަދާނަ ނުވާ ވަރުގެ ބޮޑު މުސާރައެއްގެ އިތުރުން އަނބިދަރިންނަށް ވެސް ރާއްޖެ އިން ބޭރުން ހިލޭ ބޭސްފަރުވާ އާއި އެހެނިހެން ބައިވަރު އިނާޔާތްތައް މިހާރު ވެސް ދެ އެވެ. އެކަމަކު، އާންމުން ކުރާ ސުވާލަކީ، ރައްޔިތުންގެ ފައިސާ އިން އެހާ ބޮޑު ހަރަދެއް މެމްބަރުންނަށް ކޮށްދޭ އިރު މެމްބަރުން އެ އެ ބޭފުޅުންގެ ޒިންމާ އަދާކުރައްވާ ހެއްޔޭ އެވެ؟
"ތިޔައީ މިހާރު ރައްޔިތުންގެ މަޖިލީހެއް ނޫން. ތިޔައީ މެންބަރުންގެ މަޖިލީހެއް،" ކޮމެންޓެއްގައި ބުނެފައި އޮތެވެ.
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: މެމްބަރުންނަށް އާންމުން ކުރާ އިތުބާރު ގެއްލި، އެ ބޭފުޅުންނަށް ކުރާ އިހްތިރާމު ވެސް ވަނީ ކުޑަވެފައި.-- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ދައުރެއް ނިމެން ކައިރިވާ އިރު، މެމްބަރުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އާންމުން ސުވާލު އުފައްދަ އެވެ. އަހަރެއްހާ ދުވަސް މި ދަނީ މަޖިލީހުގެ އެންމެ ޖަލްސާއެއް ވެސް ފުރިހަމަ އަށް ކުރިއަށް ނުގެންދެވި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެ އެވެ. މެމްބަރުންނަށް ކަންކަން ފަސޭހަކޮށް ދޭން އެދޭ އިރު، އާންމުންނަށް ވީ ފަސޭހައެއް ދައްކަބަލާށޭ ވެސް އެބަ ބުނެ އެވެ.
މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި އިންނަވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ މެމްބަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްގެން ޒިންމާދާރު މަގާމަކަށް އައްޔަންކުރާ ބޭފުޅުންނަށް ވާތީ، އެ މަގާމާ އެކުގައި މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، މެމްބަރުންގެ އަމަލުތައް ހުންނަ ގޮތުން އާންމުން މިހާރު މި ކަހަލަ ކަންކަމަކީ މާ ސީރިއަސް ކަންކަމުގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ފަންސަވީހަކަށް އަހަރު ކުރިން ދިވެހިން މަޖިލިސް މެމްބަރުންނަށް ވަރަށް އިހްތިރާމު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، މިއަދު ދިވެހިން ބުނަނީ މަޖިލިސް މެމްބަރުންނަކީ ބޮޑު މުސާރަ އާއި އިޔާނަތްތައް ނަގައިގެން އާންމުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކޮށް ނުދޭ ބައެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ އިތުބާރު ކުޑަ މުއައްސަސާތަކުގެ ލިސްޓުގެ ކުރީގައި، މިފަހަކަށް އައިސް އަބަދުވެސް، ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ވެސް އޮތީ ރައްޔިތުންގެ މަޖިލިސް،" އޭނާ ވިދާޅުވި އެވެ.
އެ އިތުބާރު ގެއްލުނީ، އުޝާމް ވިދާޅުވި ގޮތުގައި، މެމްބަރުންނާ ހަވާލުކޮށްފައި އޮތް ގާނޫނީ ޒިންމާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތުންނެވެ.
ރައްޔިތުން މިއަދު ގަބޫލެއް ނުކުރޭ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ މަސައްކަތެއް ކުރާ ކަމަކަށް. ރައްޔިތުން މިއަދު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރާ ތަނެއްގެ ގޮތުގައި: އުޝާމް
"ރައްޔިތުން މިއަދު ގަބޫލެއް ނުކުރޭ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ މަސައްކަތެއް ކުރާ ކަމަކަށް. ރައްޔިތުން މިއަދު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރާ ތަނެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި މި އަހަރަށް ބަލައިފި ނަމަވެސް ކޮންމެ މަހަކު މެމްބަރުންނަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެބަ ލިބޭ މުސާރައިގެ ގޮތުގައި. ނުވަތަ އެއަށް ވުރެ ވެސް ގިނައިން. ހަތްދިހަ، އައްޑިހަހާސް ކޮންމެ މަހަކު އެބަ ލިބޭ. އެކަމަކު އެއް އަހަރު ދުވަހުގެ ތެރޭގައި އަސްލު ހަގީގަތުގައި ރައްޔިތުންނަށް ފައިދާ ހުރި ކޮން މަސައްކަތެއްތޯ އަޅުގަނޑުމެންނަށް ކުރެވުނީ."
މަޖިލީހުގެ އެހެން ބައެއް ބައެއް މެމްބަރުން ވެސް ބުނި ގޮތުގައި، އަހަރެއްހާ ދުވަސް މި ބޭކާރުކޮށްލީ ސިޔާސީ ދެބަސްވުންތަކާއި ޒުވާބުތަކުގެ ތެރޭގަ އެވެ. އާންމު މީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ އެއްވެސް ނިންމުމެއް މަޖިލީހަކަށް ނުނިންމުނެވެ. އެހެންވީމާ، އާންމުން މެމްބަރުންނަށް ޖޯކު ނުޖަހަންވީ އެއްވެސް ސަބަބެއް ނެތެވެ.
މާ ބޮޑު ބަދަލެއް ނެތި، ހަތް ބިލެއް ފާސްކޮށްފި
މަޖިލިސް ޗުއްޓީއަށް ދިއުން ދެ ހަފުތާއަށް ފަސްކޮށްފި
މެންބަރުންގެ އަދަދު ހިފަހައްޓަންޖެހޭ:ޕީއެންސީ/އެމްޑީޕީ
ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހަޅާ ގޮތަށް ހަދަނީ
މެމްބަރުންގެ ތައުލީމީ ޝަރުތު ހިމަނަން ގޮވާލައިފި
މަޖިލީހަށް ހޮވުނު އެންމެ ޒުވާން މެމްބަރު ޕީއެންސީއަށް
މެމްބަރަކަށް 100،000ރ. ލިބޭ ގޮތަށް ފާސްކޮށްފި
މެންބަރުންގެ ކާރު އެއާޕޯޓަށް ވައްދަން ދަތިވާތީ ޝަކުވާ
ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާއަށް
މަޖިލިސް އިންތިހާބަށް ގިނަ މުވައްޒަފުން ހޯދަނީ