Roadha Mihaaru
ޕީއެންސީއަށް މެންބަރުން އިތުރުކުރާތީ ޔާމީންގެ ނުރުހުން!

ޕީއެންސީއަށް މެމްބަރުން އިތުރުކުރަން މަސައްކަތްކުރާތީ ޔާމީންގެ ނުރުހުން!

30 އޮކްޓޯބަރ 2023

ޕީޕީއެމްގެ މެމްބަރުން އިސްކޮށް ތިބެ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ނުރުހުންފާޅުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕީޕީއެމްގެ މެމްބަރުން އިސްކޮށް ތިބެ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ނުރުހުންފާޅުކުރައްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަނިކޮށް ގޭބަންދަށް ބަދަލުކޮށް، މި ހަފުތާގައި ކަރެކްޝަނަލް ސާވިސް އިން ބޭސްފަރުވާއަށް އިތުރު ލުޔެއް އެމަނިކުފާނަށް ހަމަޖައްސައިދިނުމާ އެކު ރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނަށް އެނގިވަޑައިގެން ބޭއްވި ބައްދަލުވުމަކަށް ނުވާތީ އިސް ބޭފުޅަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ޔާމީނާ އެކު އިންނެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ޔާމީންއާ ހަވާލާ ދެއްވައި ރޭގެ ބައްދަލުވުމާ ގުޅޭ ގޮތުން ޖަމީލް ވިދާޅުވީ ޕީޕީއެމް ނޫން އެހެން ޕާޓީއެއްގެ ފޯމު ފުރަން އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަަމަށާއި މެންބަރުން ވެސް ދާން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.

"ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ،" ޔާމީން ވިދާޅުވި ކަމަށް ރޭގެ ޖަލްސާގައި އަރިހުގައި އިންނެވި ޖަމީލް ފޭސްބުކްގައި ލިޔުއްވައިފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ގެންދަނީ ޕީއެންސީއަށް ސޮއިކުރަމުންނެވެ.

ޖަމީލް ވިދާޅުވީ އެހެނިހެން ކުދި ޕާޓީތަކުގެ މެންބަރުން ޕީޕީއެމާއި ޕީއެންސީއަށް ސޮއިކުރުވުމުގައި މައްސަލައެއް އޮތް ކަމަކަށް ޔާމީން ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ދެ ޕާޓީއަކީ ވެސް އެއް ފިކުރުގެ ދެ ޕާޓީ ކަމަށް ވާތީ ޕީޕީއެމްގައި ތިއްބެވި މެންބަރުން ޕީއެންސީއަށް ސޮއިކުރުމުގެ ބޭނުމެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.

ޔާމީން ރޭ ސަޕޯޓަރުންނާ ބައްދަލުކުރެއްވި އިރު ޖަމީލް އަރިހުގައި: ޕީއެންސީއަށް ޕީޕީއެމްގެ މެމްބަރުން ފޯމު ފުރާތީ ޔާމީން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައި.

ޔާމީން ރޭ ސަޕޯޓަރުންނާ ބައްދަލުކުރެއްވި އިރު ޖަމީލް އަރިހުގައި: ޕީއެންސީއަށް ޕީޕީއެމްގެ މެމްބަރުން ފޯމު ފުރާތީ ޔާމީން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައި.

ޕީޕީއެމްގެ ފިކުރަށް އަނެއްކާވެސް ވެރިކަން ފުރޮޅިގެން ދިޔައީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށް ވިދާޅުވެ އޭގެ ތެރެއިން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ މެމްބަރުންގެ މަސައްކަތް ޔާމީން ފާހަގަކުރެއްވި ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ޕީޕީއެމް ވަރުގަދަކޮށް، ކުރިއަށް އޮތް ރއްޔިތުންގެ މަޖިލީހުގެ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުން މުހިއްމު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ދެ ގަޑިއެއްހާ އިރު، ޔާމީން ދެއްކެވި ވާހަކަފުޅު ދެން މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ ޕީޕީއެމް އިތުރަށް ވަރުގަދަކޮށް، އެ ޕާޓީގެ ފިކުރާއި ސިޔާސަތުތައް ޒުވާނުންނަށް ވިއްކުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީނާ ހަވާލާ ދެއްވައި ޖަމީލް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސިޔާސަތާއި ފަލްސަފާ ނުވިއްކެންވީ ސަބަބެއް ނެތެވެ. ވާދަވެރި އެމްޑީޕީގެ ހަރުދަނާ ސިޔާސަތެއް ނެތް ކަން އެ ޕާޓީގެ ކޮންމެ ވެރިކަމަކުން ހާމަވާ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޔާމީން ނެންގެވީ، ތަރައްގީއަކީ ކޮންކްރީޓް ނޫން ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމްޑީޕީން ދެއްކެވި ވާހަކަތައް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ކޮންކްރީޓުންނޭ ބްރިޖު އެޅެނީ. ކޮންކްރީޓޭ ރަށްރަށް ގިރާ މައްސަލަ ހައްލުކުރަން ވެސް ބޭނުން ކުރަނީ. ހަމަ ކޮންކްރީޓުން މާލެ އާއި ތިލަމާލެއާ ދޭތެރޭ ބްރިޖު އަޅަންށޭ އެމްޑީޕީ ހޮވުނީ. އެ ކަމެއް ނުވާނެޔޭ، އެކަން ކުރެވޭނެ ވަރުގެ ބަޔަކާ ނޫނޭ ހަވާލުކުރީ،" ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުންތަކަކާ ޔާމީން ރޭ ބައްދަލުކުރެއްވި އިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބެވީ އެމްއެންއޭސީއައިއާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާއެއްގަ އެވެ.