Roadha Mihaaru
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި

ޔާމީނަށް ރައީސް މުއިއްޒު ގޯސްވީ 'ތިމަންނާގެ މައްޗަށް އެހެން މީހެއްގެ ބާރެއް ނުހިނގާނެއޭ' ވިދާޅުވީމާ: އަބްދުއްރަހީމް

06 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޯސްވީ، ވެރިކަން ކުރެއްވުމުގައި އެ މަނިކުފާނުގެ މައްޗަށް އެހެން މީހެއްގެ ބާރެއް ނުހިނގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޯސްވީ، ވެރިކަން ކުރެއްވުމުގައި އެ މަނިކުފާނުގެ މައްޗަށް އެހެން މީހެއްގެ ބާރެއް ނުހިނގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވަނީ ޔާމީން އިސްވެ ސިލްސިލާކޮށް ބާއްވަމުންދާ ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާތަކުގައި ސަރުކާރަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ކުރައްވާ ތުހުމަތުތަކާއި އަމާޒުކުރައްވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޕީޕީއެމް/ޕީއެންސީއާ ދުރަށް ވަޑައިގެން، ޕީއެންއެފް އުފެއްދެވީ އެހެން މީހަކު ވެރިކަން ކުރާ ތަން ބައްލަވަން "ދެލޮލަށް ކުޅަދާނަ ނުވެ، ލަގޮނޑިއަށް ކެތްނުވެގެން" ކަމަށެވެ.

"ރައީސް ޔާމީނަށް ރައީސް މުއިއްޒު ގޯސްވީ ތިމަންނާގެ މައްޗަށް އެހެން މީހެއްގެ ބާރެއް ނުހިނގާނެއޭ ވިދާޅުވީމާ. އެއީ ރައީސް މުއިއްޒު ދޫކުރައްވައި [ޔާމީން] ގެއަށް ވަޑައިގެންނެވި ސަބަބު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ.--

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ.--

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވައިގެން، ޔާމީން އެންމެ ފުރަތަމަ ނުރުހުނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ޝުކުރު އަދާކުރައްވަން ޖަލްސާއެއް ބާއްވަން ރައީސް މުއިއްޒު ބޭނުންފުޅުވުމުންނެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ބޭނުންފުޅުވީ އެ ޖަލްސާ، އެ މަނިކުފާނު ޖަލުން މިނިވަންވުމަށް ފަހު ބޭއްވުމަށެވެ. އެކަމަކު އެ ޖަލްސާ ބާއްވާނެ ކަން ރައީސް މުއިއްޒު އާންމުކޮށް އިއުލާނުކުރައްވާފައި ވަނިކޮށް، ޖަލްސާ ފަސްނުކުރަން ދެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޔާމީނަށް، މުއިއްޒު ގޯސްވުމުގެ ފެށުމެވެ.

"މި ޕާޓީއާ ރައީސް ޔާމީން ދުރަށް ވަޑައިގަތަކީ ގޯސްތަކެއް ހިނގާތީއެއް ނޫނޭ. އަޅުގަނޑު މި ވާހަކަތައް މި ދައްކަނީ އަކުރުން އަކުރަށް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ބޭނުންވެގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބޮޑު ހިޔާނާތުގެ ތުހުމަތުތަކަށް ވެސް ރައްދު ދެއްވި

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަތައް ބަލަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޔާމީން މި ފަހުން ވިދާޅުވި ވާހަކައަށް ވެސް އަބްދުއްރަހީމް މިރޭ ރައްދު ދެއްވި އެވެ.

އަބްދުއްރަހީމް ވަނީ ޔާމީން އެދިވަޑައިގަތް ގޮތަށް އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މިނިވަން ކޮމިޝަނެއް އުފެއްދެވުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.

އެކަމަކު އެ މައްސަލަ ބެލުމަށްޓަކައި ޔާމީން ޗެއާ އަކަށް ލައްވާ ކޮމިޓީގެ އިތުރުން ދެ ވަނަ ކޮމިޓީއެއް އެކުލަވައިލަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަމަކު ހަމަ އެހެން ކޮމިޓީއެއް ހައްދަވަން ވާނެ. ހަދާފައި އެ ކޮމިޓީގެ ޗެއާއަކަށް ލާން ވާނީ އަޅުގަނޑު. ދެން މެންބަރުންނަށް ލާން ވާނީ އަޅުގަނޑު ބުނާ ބައެއް، އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގިވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭރުން، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޔާމީންގެ އަމިއްލަފުޅު އެކައުންޓުތަކުގައި މިލިއަނުން ހުރި ފައިސާގެ ތަފްސީލް ހާމަވެ، އެ ފައިސާ ހޯއްދެވި ގޮތެއް ޔާމީން ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ.