Roadha Mihaaru
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން

ނަޝީދު ވަކިކުރާ މައްސަލަ މާދަމާ އަށް "ޕާކްކޮށް" ދެ ބަޖެޓް ހުށަހެޅުން އެޖެންޑާކޮށްފި

30 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މި ވަގުތަށް "ޕާކްކޮށް" މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުން މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މި ވަގުތަށް "ޕާކްކޮށް" މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުން މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވާފައިވާއިރު، އޭގައި އޮތީ ދެ ބަޖެޓް ހުށަހެޅުން އެކަންޏެވެ. ނަޝީދުގެ މައްސަލަ ނެތެވެ.

އިއްޔެ އާއި މިއަދަށް ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ.

ނަޝީދު މަގާމުން ވަކިކުރާ މައްސަލަ ދެން އެޖެންޑާ ކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ.

މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މާދަމާ އަށް ވެސް ސަލާން ވިދާޅުވެފަ އެވެ. ނަޝީދުގެ މައްސަލަ އެޖެންޑާ ނުކޮށް، ބަޖެޓްގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފައިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން މާދަމާ އަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަސް ކަމަށް ވާތީ، ބަޖެޓް ހުށަހެޅުން މާދަމާގެ ޖަލްސާ އަށް އެޖެންޑާކުރީ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ. ނޮވެމްބަރު 1 ގެ ކުރިން، ބަޖެޓް ހުށަހަޅައި، އޭގެ މަސައްކަތްތައް މަޖިލީހުން ފަށަން ޖެހެ އެވެ.

މާދަމާ އަށް ބަޖެޓް ހުށަހެޅުން ތާވަލް ކޮށްފައިވާއިރު، އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.