24 އޮކްޓޯބަރ 2024
މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވި ގޮތުގެ ހަރަދުތައް ހާމަކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައިފި އެވެ.
މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވި ގޮތުގެ ހަރަދުތައް ހާމަކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައިފި އެވެ.
މިއަދުގެ ޖަލްސާ އަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިހާރު ވެފައިވަނީ ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށް ކަމަށާއި އެއީ ރައީސް އޮފީހުގެ ޑެސްކަކަށް ބަދަލުވެފައިވާ ކަމަށެވެ.
މީގެ ކުރިން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ އޭރު ވެރިކަންކުރި އެމްޑީޕީ އަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭރު އަމަލު ކުރަމުން ދިޔައީ ކަންކަން ސާފުވާނެ ގޮތަށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން އަމަލު ކުރަމުން ދިޔައީ ރައްޔިތުންނަށް ދެފުށް ފެންނާނެހެން، ތަފާސްހިސާބުތައް ހާމަވާނެހެން. ރައްޔިތުންގެ މަޖިލީހުގައި އޮންނަ މާލިއްޔަތު ކޮމިޓީން ވެސް އަހަރަކުން އަހަރަކުން ބަޖެޓު ހުށަހެޅޭ ކޮންމެ ފަހަރަކު އަދި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅޭ ކޮންމެ ފަހަރަކު އެ ތަފާސްހިސާބުތައް ރައްޔިތުންނާ ހަމައަށް ތިލަވެގެން ދޭ،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވިގޮތުގައި، ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ބަޖެޓު ފައިސާ ހަރަދު ކުރި ގޮތް އެނގެން ނެތުމެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވެސް ވިދާޅުވީ ރާއްޖޭގައި ތާރީހުގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ހުސްކޮށް، އިތުރު ކުރަން އުޅެނީ ކޮން ސަބަބަކާތޯ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ބަޖެޓުން ކަނޑައެޅި މަޝްރޫއުތައް ކުރިއަށް ގެންދާތަން ނުފެންނަ ކަމަށާއި ނަމަވެސް ދުވަހަކު ނުވާ ވަރަށް ހަރަދު ކޮށްފި ކަމަށެވެ. އެކަމަކު، އެ ހަރަދުތައް ހިނގި ގޮތް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ދައްކަނީ 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކުރި ވާހަކަ. ކިޔާލަން ވަރަށް ކުޑަ އިއްޒަތްތެރި ރައީސް. އެކަމަކު މި މަޖިލީހުގެ ހޯލަށް އަޅައިފިއްޔާ މި ތަން ފުރިގެން އަދި ބޭރަށް ވެސް ޖަހައިގެން ނޫނީ އެކަމެއް ނުވާނެ،" ޣަފޫރު ވިދާޅުވި އެވެ.
"[މި ފައިސާ ހަރަދުކުރި ގޮތް] މާލިއްޔަތު ކޮމިޓީއަކުން ފެންނާކަށް ނެތް. މި މަޖިލީހަކުން ވެސް ފެންނާކަށް ނެތް."
ޣަފޫރު ވިދާޅުވީ ގައުމު މި ހާލަތުގައި އޮތް އިރު، ހަރަދު ކުޑަނުކޮށް މި ހިސާބަށް އަންނަން ޖެހުނީ ސަރުކާރުގެ އިހުމާލުން ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހުމަދު ނަސީމް؛ ބަޖެޓު ހަރަދު ކުރި ގޮތް ހާމަކުރަން ވަނީ ގޮވާލާފައި -- ފޮޓޯ: މަޖިލިސް
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން މިއަދު ވަނީ ހުށަހަޅާއިފަ އެވެ. ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރައިގެންދާނެ އެވެ. ފިނޭންސުން ބުނީ ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޕީއެސްއައިޕީ އަށް އެހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހުނީ، ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބައެއް ޕްރޮޖެކްޓްތަކަށް ހަރަދު ކުރަން ޖެހުމުން ކަމަށެވެ. އެއީ މި އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫއުތަކަށް ރިއަލިސްޓިކް އަދަދަށް ވުރެ ކުޑަކޮށް ޖަހާފައި އޮތުމުން ދިމާވި މައްސަލައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
5.1ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ހިސާންގެ އިސްލާހުތައް ފޮނުވީ މަސައްކަތް ނިމުނު ފަހުން
އާ މިނިސްޓްރީތަކުގެ ބަޖެޓު ފޮނުވޭނީ އަންނަ ހޯމަ ދުވަހު
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް އަމީރަށް ލަފާދީފި
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި