Roadha Mihaaru
ހޮސްޕިޓަލްގެ އާ އިމާރާތް އަންނަ އަހަރު ބޭނުންކުރެވޭނެ

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ދަނީ ޝެޑިއުލަށް ވުރެ ބާރަށް: މިނިސްޓަރު

07 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި އަލަށް ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލަށް ވުރެ ބާރަށް ކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި އެ އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އައިޖީއެމްއެޗްގައި އަލަށް ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލަށް ވުރެ ބާރަށް ކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި އެ އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑައިގްނޯސް ސެންޓަރެއް ވެސް ހިމެނޭ ގޮތަށް ހަދާ މި އިމާރާތުގެ މަސައްކަތް އަންނަ އަހަރު ނިންމަން ޖެހެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އެތަން އިމާރާތްކުރަނީ އެއް ލައްކަ މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.

ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްގެން ކުރާ އިމާރާތުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ އެ އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހާ ހިސާބުގައި ނިންމާލެވޭނެ ކަމަށެވެ. މިވަގުތު އެ އިމާރާތުގެ ހަ ޝީޓް ވަނީ އަޅައިފަ އެވެ.

"މި ބިލްޑިންގް ވެގެންދާނީ މިހާރު އައިޖީއެމްއެޗްގެ ޖާގައިގެ ދަތިކަމަށް ތަނަވަސް ހައްލު ހޯދައިދޭނެ ބިލްޑިންގަކަށް. މި ބިލްޑިންގް ވެގެންދާނީ ހަމައެކަނި ހޮސްޕިޓަލަކަށް ނޫން. ވަރަށް ހިތްގައިމު، މާލޭގެ ލޭންޑްސްކޭޕަށް ރީތިކަމެއް ގެނެސްދޭނެ ބިލްޑިންގަކަށް،" ނާޒިމް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އިމާރާތް ބައްލަވާލެއްވުމަށްފަހު މިނިސްޓަރު ނާޒިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އައިޖީއެމްއެޗްގެ އިމާރާތް ބައްލަވާލެއްވުމަށްފަހު މިނިސްޓަރު ނާޒިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ ބިލްޑިންގް ހެދުމަށް ހިނގާ ހަރަދަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއްތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއްގޮތަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މަސައްކަތުގެ ކޮލިޓީ އާއި ސްޕީޑާއި އެތަނުގެ ޑިޒައިން އެކުވެގެންދާއިރު އެއީ ރަނގަޅު އަގެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްގައި ހިމެނެނީ އިމާރާތަށް ބޭނުންވާ އިންޓީރިއާ އާއި ހުރިހާ މަސައްކަތްތަކެއް. އިމާރާތަށް ބޭނުންވާ ސަމާނުތައް އެ އޮންނަ އުސޫލުގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖައްސައިދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަންނަ މަހު، އިމާރާތުގެ ތިރީ ބުރިން ފެށިގެން މައްޗަށް އިންޓީރިއާގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިޔަށްދާއިރު ކޮންކްރީޓްގެ މަސައްކަތްތައް ވެސް ކުރިޔަށްދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހަދާ އެންމެ އަގު ބޮޑު އިމާރާތުގެ މަސައްކަތްކުރުމަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިންޓީރިއާ މަސައްކަތް ފެށުމުން މުވައްޒަފުންގެ އަދަދު އެއަށްވުރެ އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.