Roadha Mihaaru
އެންމެ ފުރިހަމަ ސީސީޔޫ އެއްކޮށް ބޭނުމެއް ނުކުރެވޭ!

އެންމެ ފުރިހަމަ ސީސީޔޫ، އެކަމަކު އެއްކޮށް ބޭނުމެއް ނުކުރެވޭ!

05 ނޮވެމްބަރ 2023

ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަ ސީސީޔޫ އެއްކޮށް ބޭނުން ނުކުރެވެނީ އިތުރު މަސައްކަތްތައް ކުރަންޖެހޭތީ ކަމަށް އެ ތަނުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަ ސީސީޔޫ އެއްކޮށް ބޭނުން ނުކުރެވެނީ އިތުރު މަސައްކަތްތައް ކުރަންޖެހޭތީ ކަމަށް އެ ތަނުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް، މިދިޔަ ބުރާސްފަތި ދުވަހު ދިން ޖަވާބުގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ހުންނަ ސީސީޔޫ، ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް އައިސީޔޫއެއްގެ ގޮތުގައި ބޭނުންކުރި ކަމަށެވެ.

އެކަމަކު ޖެނުއަރީ 21، 2021 އިން ފެށިގެން ބޭނުންކުރުން މެދުކަނޑާލުމަށް ފަހު، އެންމެ ހާލު ދެރަ މީހުންނަށް ފަރުވާ ދިނުމަށް ސީސީޔޫ އަލުން ބޭނުންކުރަން ފެށީ ސެޕްޓެމްބަރު 20، 2023 ގަ އެވެ.

އެ ސީސީޔޫ ބޭނުން ކުރަނީ އައިޖީއެމްއެޗުގެ ސީސީޔޫގެ ބައެއްގެ ގޮތުގައި، އެ ތަނުގެ ކޭސްތައް މެނޭޖް ކުރުމަށް ޑެއިލީ ޕްރޮސީޖާތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ބޮޑު ހަރަދެއް ކޮށްގެން ހެދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީސީޔޫގައި 10 އެނދު ހުރެ އެވެ. އެކަމަކު، ދެ ޝިފްޓަށް ބަހާލައިގެން މި ވަގުތު ބޭނުންކުރަނީ ހަތަރު އެނދެވެ.

ބާކީ ހަ އެނދު ބޭނުން ނުކުރެވެނީ އިތުރު ކަންތައްތަކެއް ކުރަން ޖެހޭތީ އެވެ.

"ފުލީ ފަންކްޝަނިން ސީސީޔޫއެއްގެ ގޮތުގައި ފެށުމަށް ބޭނުންވާ ބަޖެޓާއި އަދި މި ނޫން ވެސް އިތުރު ފަންނީ ކަންކަން ކުރިއަށް ދާތީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައިވާ ފުލީ ފަންކްޝަނިން ސީސީޔޫއެއްގެ ގޮތުގައި މި ވަގުތު ބޭނުން ކުރަމުން ނުދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ޖަވާބުގައި ވެ އެވެ.

އައިޖީއެމްއެޗުން ވާހަކަ ދެއްކި ޑޮކްޓަރަކު "މިހާރު" އަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީސީޔޫއަކީ މި ސަރަހައްދުގައި ވެސް ނުހުންނާނެ ވަރުގެ ފެންވަރު ރަނގަޅު ތަނެއް ކަމަށެވެ. އެކަމަކު، އެ ތަން ބޭނުން ނުކޮށް ދިގުލައިގެން ދިއުމަށް ފަހު ވެސް، ފުލީ ފަންކްޝަނިން ސީސީޔޫއެއްގެ ގޮތުގައި ބޭނުންކުރަން ނުފެށުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ދުވަސްތަކުގައި އައިޖީއެމްއެޗްގެ އައިސީޔޫގެ އެނދުތައް ފުރިގެން، އައިސީޔޫ އިން ބަދަލުކުރެވޭ ވަރަށް ސްޓޭބަލް ވަންދެން މަޑުކުރަން ޖެހޭ ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.

"އެހެން ހޮސްޕިޓަލްތަކުން ބަލި މީހުން ޓްރާންސްފާ ކުރަން ރިކުއެސްޓްކުރީމަ ވެސް އެބަހުރި އައިސީޔޫގެ އެނދުތައް ފުރިފައި ހުރިކަމުގެ ޖަވާބު ދީފައި،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި 14 ވަރަކަށް އެނދު ހުރެ އެވެ.