Roadha Mihaaru
ގޯލެއްނުޖެހި އެއްވަރުވެގެން ރެއާލަށް އެއްވަނަ ގެއްލިއްޖެ

22 ހަމަލާއިން ވެސް ގޯލެއް ނުޖެހި ރެއާލަށް އެއްވަނަ ގެއްލިއްޖެ

06 ނޮވެމްބަރ 2023

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެން، ރެއާލަށް ލީގުގެ އެއްވަނަ މަގާމު ގެއްލިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެން، ރެއާލަށް ލީގުގެ އެއްވަނަ މަގާމު ގެއްލިއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ރެއާލުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން 12 ހަމަލާ ފޮނުވާލި އެވެ. އަދި މުޅި މެޗުގައި ޖުމްލަ 22 ހަމަލާ ފޮނުވާލި ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

މިދިޔަ ހަފްތާ ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗު، އެންމެ ފަހު ވަގުތު ގޯލު ޖަހައިގެން ކާމިޔާބުކޮށް އެއްވަނައިގައި މަގާމު ދެމެހެއްޓި ނަމަވެސް، ރޭގެ މެޗުން މޮޅު ނުވެވުމުން އެއްވަނައިގައި އޮތީ 12 މެޗުން 31 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ.

ރެއާލަށް 29 ޕޮއިންޓް ލިބިފައި ވާއިރު ތިންވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. އަދި ހަތަރުވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 25 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

"ގޯލު ނުޖެހިގެން އަހަރެން ހާހެއް ނުވޭ، އަހަރެމެން އެކި ގޮތްގޮތުން ގޯލު ޖަހަން ވާނީ މަސައްކަތް ކޮށްފަ އެކަމު ކާމިޔާބު ނުވީ. އެވަރު ކަމެއް ވެދާނެ،" މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.

"މެޗު ރަނގަޅު، ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކުރި. މަދުވީ ގޯލެއް. ނަތީޖާ ނުނެރެވުމުން ދެރަވޭ. އެކަމު އަހަރެން ދެކެނީ މިއީ ރަނގަޅު މެޗެއް ކަމަށް."

ވަޔެކާނޯގެ ގޯލްކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ ވަނީ ފުރަތަމަ ހާފުގައި ފެޑެރިކޯ ވެލްވާޑޭ އާއި ހޮސޭލޫ ފޮނުވާލި ހަމަލާތައް ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފުގައި ވިނީޝީއަސް ޖޫނިއާ ރެއާލަށް ލީޑު ނަގައިދިން ކަމަށް ހީކުރެވުނަސް، ގޯލުގެ ކުރިން އޮފްސައިޑް ވެފައިވާތީ ރެފްރީ އެ ގޯލު ބަލައެއް ނުގަނެ އެވެ.