Roadha Mihaaru
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ

ދިވެހި ލީގު ހުއްޓާލުމުން ގައުމީ ޓީމަށް އަދި މާޒިޔާ އަށް ވެސް އަސަރު ކުރޭ: މިލޯ

06 ނޮވެމްބަރ 2023

ދިވެހި ޕްރިމިއާ ލީގު ދިގު މުއްދަތަކަށް މެދުކަނޑާލައިގެން ތިބުމުން ގައުމީ ޓީމަށް ވެސް އަދި އޭއެފްސީ ކަޕް މެޗުތަކާ ކުރިމަތިލާއިރު މާޒިޔާ އަށް ވެސް އަސަރު ކުރާކަމަށް އެ ކްލަބްގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގު ދިގު މުއްދަތަކަށް މެދުކަނޑާލައިގެން ތިބުމުން ގައުމީ ޓީމަށް ވެސް އަދި އޭއެފްސީ ކަޕް މެޗުތަކާ ކުރިމަތިލާއިރު މާޒިޔާ އަށް ވެސް އަސަރު ކުރާކަމަށް އެ ކްލަބްގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.

އޭއެފްސީ ކަޕުގައި މާޒިޔާގެ ހަތަރުވަނަ މެޗުގައި، އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން އޮޑީޝާ އެފްސީއާ ދެކޮޅަށް މާދަމާ ނުކުންނާނެ އެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ފެށި ފަހުން މާޒިޔާ އިން މިހާތަނަށް ޑޮމެސްޓިކް ސީޒަންގައި މެޗެއް ނުކުޅެ އެވެ.

ލީގުގައި މާޒިޔާ އިން މެޗެއް ނުކުޅޭތާ 75 ދުވަސް ވެއްޖެ އެވެ. އޮޑީޝާ އާއި މާޒިޔާގެ ފުރަތަމަ ލެގް، މިދިޔަ މަހުގެ 24 ގައި އިންޑިއާގައި ކުޅުނު ފަހުން، އޮޑީޝާ އިން އެ ގައުމުގެ ލީގުގައި ތިން މެޗު ކުޅެފި އެވެ. އެންމެ ފަހުން ކުޅުނީ މިދިޔަ ހުކުރު ދުވަހު ނޯތު އީސްޓް ޔުނައިޓެޑާ ދެކޮޅަށެވެ.

މިލޯ ބުނީ އިންޑިއާގެ ކްލަބްތައް އޭއެފްސީ ކަޕް މެޗާ ކުރިމަތިލާއިރު ލީގުގައި މެޗުތައް ކުޅެމުން އަންނާތީ އެ ޓީމުތަކަށް އެޑްވާންޓެޖު އޮންނަ ކަމަށެވެ. އެކަމަކު ރާއްޖޭގެ ލީގު ހުއްޓާލާފައި އޮތުމުން އޭއެފްސީ ކަޕް މެޗުތަކުގައި މާޒިޔާ އަށް އަސަރު ކުރާ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު މިލޯ ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަދުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު މިލޯ ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޑޮނޭޝިއާގެ ލީގުގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތް ކުރި މިލޯ ބުނީ ލީގު ހުއްޓާލައިގެން ތިބުމުން ގައުމީ ޓީމަށް ވެސް އޭގެ އަސަރު ކުރާ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން މެޗެއް ކުޅުނީ އޯގަސްޓް މަހު 29 ގަ އެވެ. އަލުން ލީގު ފެށޭނެ ތާރީހެއް ވެސް އަދި އެނގިފައެއް ނެތެވެ.

"ކީއްވެހޭ ރާއްޖޭގެ ގައުމީ ޓީމު އަދި މާޒިޔާގެ ޓީމު ވެސް މެޗުން ބަލިވީ. ލީގުގެ މެޗުތައް ކުރިއަށް ނުގެންގޮސް ހަމައެކަނި (އޭއެފްސީ) ކަޕް މެޗުތައް ކުޅެގެން ކޮން ޓީމަކަށް ރަނގަޅަށް ކުޅެވިފައި އޮތީ،" މިލޯ ބުންޏެވެ.

"...އިންޑިއާ ޓީމު ކަޕް ކުޅެނީ ލީގު ވެސް ކުޅެމުން. އެކަމަކު އަހަރެމެން ކުޅެނީ އަންޑަ 19 ޓީމާ އެކު ޓްރޭނިންގެ ތިން މެޗު. ލީގު ކުރިއަށް ނުގެންގޮސް (އޭއެފްސީ ކަޕް) ގައި ކުޅުމަކީ އުނދަގޫ ކަމެއް. މާޒިޔާ އަށް ވެސް އަދި ގައުމީ ޓީމަށް ވެސް އުނދަގޫ ކުރިމަތިވަނީ އެކަމުގެ ސަބަބުން."

ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް މޮޅަށް ކުޅުނީ ރާއްޖޭގެ ޓީމު ކަމަށް މިލޯ ބުންޏެވެ. ރާއްޖޭގެ ގައުމީ ޓީމު އޭނާ ސިފަ ކުރީ "މާޒިޔާގެ ގައުމީ ޓީމު" ގެ ގޮތުގަ އެވެ.

މިލޯ(ކ): އޭނާ ބުނީ ގައުމީ ޓީމުގެ ނަތީޖާ އިން ކުޅުންތެރިންނަށް އަސަރު ކުރި ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިލޯ(ކ): އޭނާ ބުނީ ގައުމީ ޓީމުގެ ނަތީޖާ އިން ކުޅުންތެރިންނަށް އަސަރު ކުރި ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ބުނީ އެ މެޗުން ބަލިވުން ރާއްޖޭގެ ޓީމަށް ހައްގު ނޫން ކަމަށެވެ. އެ މެޗުގައި ކުޅުންތެރިން އެހާ ވަރަށް މަސައްކަތް ކޮށްފައި ނަތީޖާ ނުލިިބުމުން ކުޅުންތެރިންނަށް އަސަރުކޮށްފައިވާ ކަމަށް މިލޯ ބުންޏެވެ.

"އެ ނަތީޖާގެ ސަބަބުން ކުޅުންތެރިންނަށް އަސަރު ކުރި. އެ މީހުންނަށް ދެވަނަ ބުރަށް ދިއުން ހައްގު،" މިލޯ ބުންޏެވެ.

ގައުމީ ޓީމުގެ 13 ކުޅުންތެރިންނަކީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ގައުމީ ޓީމުގެ މެޗު ނިންމާފައި ކްލަބާ ގުޅެން އެނވުރި އައިނަމަވެސް، ހުރިހާ ކުޅުންތެރިން ރިކަވާ ވެގެން އެންމެ ފަހުން އޮޑީޝާއާ ދެކޮޅަށް ކުޅުނު މެޗާ ދެމެދު މުޅި ޓީމަށް ޕްރެކްޓިސްކޮށް ލެވުނީ ދެ ފަހަރު ކަމަށް މިލޯ ބުންޏެވެ.

އިންޑިއާގެ ބުނަބޭޝްވަރުގައި ކުޅުނު އެ މެޗުން މާޒިޔާ ބަލިވީ 6-1 ންނެވެ. ދެވަނަ ލެގް މެޗުގައި މާދަމާ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ފަށާނީ މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ.