Roadha Mihaaru
ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް އިނާމު ދީފި

ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް ދިޔަ ދުވުންތެރިންނަށް އިނާމު ދީފި

11 ނޮވެމްބަރ 2023

މި ދިޔަ މަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ވަނަތައް ހާސިލްކުރި ދުވުންތެރިންނަށް އިނާމު ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި ދިޔަ މަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ވަނަތައް ހާސިލްކުރި ދުވުންތެރިންނަށް އިނާމު ދީފި އެވެ.

ދިިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ވަނަތައް ހާސިލްކުރި 31 ދުވުންތެރިންނަށް 39 އެވޯޑެއް ހަވާލުކުރި އެވެ. އޭގެ ތެރޭގައި ހާފް މެރެތަން، 5K އަދި 10K އޯޕަން، 5K ސްކޫލް – 13 އަހަރުން މަތީގެ އަދި 5K - ސްކޫލް 13 އަހަރުން ދަށުގެ ކެޓެގަރީން ވަނަތައް ހާސިލްކުރި ދުވުންތެރިން ހިމެނެ އެވެ. ވަނަތައް ހާސިލް ކުރި އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ ފަސް ދުވުންތެރިންނާއި ސްކޫލްތަކުން ބައިވެރިވި 12 ދަރިވަރުން ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ހާފް މެރެތަންގެ ޗެމްޕިއަންއަށް 25,000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. އަދި ރަނަރަޕް އަށް 15,000ރ. އަދި ސެކަންޑް ރަނަރަޕް އަށް 10,000ރ. ގެ އިނާމު ވެސް ވަނީ ދީފަ އެވެ. އޭގެ އިތުރުން 10K އާއި 5K އޯޕަން ކެޓެގަރީގެ ޗެމްޕިއަނުންނަށް 10,000ރ. ، ރަނަރަޕް އަށް 8,000ރ. އަދި ސެކަންޑް ރަނަރަޕްއަށް 6,000ރ. ފައިސާގެ އިނާމު ވެސް އެ ރަސްމިއްޔާތުގައި ދިނެވެ. އަދި 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ގިފްޓް ވައުޗަރު ވެސް ހަވާލުކުރި އެވެ.

މި ގިފްޓު ވައުޗަރުތަކުގައި ހިމެނެނީ ޗެމްޕިއަނުންނަށް 5,000ރ.، ރަނަރަޕްއަށް 3,000ރ. އަދި ސެކްންޑް ރަނަރަޕް އަށް 1,000ރ. އެވެ.

ދިރާގުން ވަނީ އޯވަރޯލް އަދި ލޯކަލް ކެޓެގަރީގެ ވަނަ ވަނަ ހާސިލްކުރި ފަރާތްތަކަށް 400,000 އެއްހާ ރުފިޔާގެ އިނާމު ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ 635,000ރ. ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯ އަށް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި އެ ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަށް ހަދިޔާކުރި 200،000ރ. ގެ ފައިސާގެ އިނާމު ހިމެނެ އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވެސް ހިމެނެ އެވެ. މި ފައިސާ ވަނީ ރޯޑް ރޭހުން އެންޑޯސްކޮށްފައިވާ 12 އެންޖީއޯއަށް ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ޓޮޕް 5 އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 76،250ރ. އަދި ބާކީ 7 އެންޖީއޯގެ ތެރެއިން ކޮންމެއެންޖީއޯއަކަށް 36،250ރ. ދިނެވެ.

އިނާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ގައުމީ އަދި ބައިނަލްއަގުވާމީ ދުވުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އަދި މި ދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީ ވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ދުވުންތެރިންނަށް އިނާމު ދިނުމުގެ އިތުރުން އެ ރަސްމިއްޔާތުގައި އެ ރޭހަކީ ކާމިޔާބު އިވެންޓަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ވޮލަންޓިއަރުންނާއި ޕޭސާސްގެ އަގުވަޒަން ވެސް ކުރި އެވެ. އަދި އަންނަ އަހަރުގެ ރޯޑް ރޭސް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އިއުލާނު ކުރި އެވެ.

މި އަހަރުގެ ރޯޑް ރޭހުގައި 4000އަށް ވުރި ގިނަ ބައިވެރިން ރެޖިސްޓާ ކުރި އެވެ. އަދި 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވި އެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ 7 ސްކޫލް ހިމެނެ އެވެ.