Roadha Mihaaru

ދިރާގު ރޯޑް ރޭސް ފުވައްމުލަކުގައި ބާއްވަނީ

ދިރާގު ރޯޑް ރޭހުގެ ދުވުމެއް ފުވައްމުލަކުގައި ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.

ދިރާގު ރޯޑް ރޭސް ފުވައްމުލަކުގައި ބާއްވަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

29 ޖެނުއަރީ 2025

ދިރާގު ރޯޑް ރޭހުގެ ދުވުމެއް ފުވައްމުލަކުގައި ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، މާލެ އިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ދުވުން، "ދިރާގު ފުވައްމުލައް ރަން"ގެ ނަމުގައި އޮންނާނީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހެވެ. މި ދުވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި dmrr.mv މެދުވެރިކޮށް ހުޅުވާލާނެ އެވެ.

ދިރާގުން އެ ދުވުން ފުވައްމުލަކުގައި ބާއްވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. "ދިރާގު ފުވައްމުލައް ރަން" ރަސްމީކޮށް އިފްތިތާހު ކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވަނީ މާލެއިން ބޭރުގައި ރޯޑް ރޭހުގެ ދުވުމެއް ބޭއްވުމަކީ އެ ދުވުމަށް ލިބޭ ކުރި އެރުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

"ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތި ކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސެޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދުވުމުގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިޝްތިހާރުވެގެން ދާނެ އެވެ.

އެ ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ އެ ދުވުމުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، އެ ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ރަށް އޮތީ ދުވުމުގައި ބައިވެރިވާން އަންނަ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ. ދިރާގުން މި ދުވުން ބާއްވަން ފެށީ 2007 ވަނަ އަހަރު އެވެ.