Roadha Mihaaru
މޯދީގެ ލަވައެއް ގްރެމީ އެވޯޑަށް ނޮމިނޭޓް ވެއްޖެ

މޯދީގެ ލަވައެއް ގްރެމީ އެވޯޑަށް ނޮމިނޭޓް ވެއްޖެ

11 ނޮވެމްބަރ 2023

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފީޗާކޮށްފައިވާ ލަވައެއް އަންނަ އަހަރުގެ ގްރެމީ އެވޯޑްސް އަށް ނޮމިނޭޓު ވެއްޖެ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފީޗާކޮށްފައިވާ ލަވައެއް އަންނަ އަހަރުގެ ގްރެމީ އެވޯޑްސް އަށް ނޮމިނޭޓު ވެއްޖެ އެވެ.

ގްރޭމީ އަށް ނޮމިނޭޓުވީ އިންޑިއާގައި ހައްދާ ދަނޑުގޮވާމާ ގުޅޭ ގޮތުން ހަދާފައިވާ "އެބަންޑަސް އިން މިލެޓްސް" ކިޔާ ލަވައެކެވެ. އެ ލަވަ ނޮމިނޭޓުވީ ބެސްޓް ގްލޯބަލް މިއުޒިކް ޕާފޯމަސްގެ ކެޓަގަރީންނެވެ. މިދިޔަ ޖޫން މަހު ނެރުނު އެ ލަވަ ކިޔާފައި ވަނީ އިނގިރޭސި އަދި ހިންދީ ބަހުންނެވެ.

އިންޑިއާގައި ހައްދާ ދަނޑުގޮވާމާ ގުޅޭ ގޮތުން މޯދީގެ ހާއްސަ މެސެޖުތަކެއް އެ ލަވައިގައި ގެނެސްދެ އެވެ.

އެ ލަވަ ކިޔާފައި ވަނީ އިންޑިއާ އަށް އުފަން، އެމެރިކާގެ ދެމަފިރިން ކަމަށްވާ ފަލްގުނީ ޝާހު އާއި ގޯރަވް ޝާހު އެވެ. ފަލްގުނީ އަށް ވަނީ މިދިޔަ އަހަރު ވެސް ގްރޭމީ އެވޯޑް ލިބިފަ އެވެ. މިދިޔަ އަހަރު އޭނާ އަށް ލިބުނީ ބެސްޓް ޗިލްޑްރެންސް އަލްބަމްގެ އެވޯޑެވެ.

ނޮމިނޭޝަންތަކުގެ ކުރީގައި ސިޒާ

ގްރޭމީ އެވޯޑްސް 2024 ގެ ނޮމިނޭޝަންތައް އިއްޔެ އިއުލާންކުރި އިރުގައި، އެންމެ ކުރީގައި އުޅޭ އާޓިސްޓަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ ސިޒާ އެވެ. އޭނާ ވަނީ ނުވަ ކެޓަގަރީއަކުން ނޮމިނޭޓުވެފަ އެވެ. އެ ލިސްޓުގެ ކުރީގައި ދެން އުޅެނީ ހަތް ނޮމިނޭޝަނާ އެކު، އެމެރިކާގެ ލަވަކިޔުންތެރިޔާ ވިކްޓޯރިއާ މޮނޭ އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފީބީ ބްރިޖާސް އަށް ވެސް ވަނީ ހަތް ނޮމިނޭޝަން ލިބިފަ އެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސްވިފްޓް، އޮލިވިއާ ރޮޑްރިގޯ، ބިލީ އެއިލިޝް، ޖެކް އެންޓޮނޯފް، ޖޮން ބަޓިސްޓެ، މައިލީ ސައިރަސް އަދި ބްރެންޑީ ކްލާކް އެވެ.

ގްރޭމީ އެވޯޑްސް ބާއްވަނީ އަންނަ އަހަރު ފެބްރުއަރީ ފަހެއްގަ އެވެ.