Roadha Mihaaru
މި ސަރަހައްދުގެ ސަލާމަތަށް ރާއްޖެ މުހިންމު: މޯދީ

މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގައި ރާއްޖެއަކީ އިންޑިއާއަށް މުހިންމު ގައުމެއް: މޯދީ

11 ނޮވެމްބަރ 2023

މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގައި ރާއްޖެ އަކީ އިންޑިއާ އަށް ވަރަށް މުހިންމު ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގައި ރާއްޖެ އަކީ އިންޑިއާ އަށް ވަރަށް މުހިންމު ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން މެދުވެރިކުރައްވައި، މޯދީ ނެރުއްވި ނޫސްބަޔާނެއްގައި ވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދިވެހި ސަރުކާރަށާއި ދިވެހިންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެެވެ.

އެ ނޫސްބަޔާނުގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި ބާއްވަނީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެ އަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށާއި މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު ކަމަށްވާ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (އެސްއޭޖީއޭއާރު)" ގާއިމްކޮށްދިނުމުގައި ރާއްޖެ އަކީ އިސްދައުރެއް އަދާކުރާ ގައުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.

މޯދީ 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ރައީސް އޮފީހުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯދީ 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ރައީސް އޮފީހުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެ ގައުމުގެ މީހުންގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށްޓަކާ، ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ވެސް މޯދީ ދެއްވި އެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް މަލްޓި ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މިދިޔަ ފަސް އަހަރު އިންޑިއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވައިފަ އެވެ. ފާއިތުވި އަހަރުތަކުގައި އިންޑިއާ އިން އެހީ އާއި އެކިއެކި ލޯނުތައް ނަގައިގެން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވެސް ހިންގަން ވަނީ ފަށައިފަ އެވެ.

ނަމަވެސް، އަންނަ ހުކުރު ދުވަހު އަލަށް އުފައްދާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލާގައި އެ ގައުމަށް ދޫނުދޭނެ ކަމަށް ބުނެފަ އެވެ. މުއިއްޒުގެ ވެރިކަމުގެ އެންމެ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ވެސް އިންޑިއާގެ ސިފައިން ފޮނުވާލުން ހިމެނެ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެކަން ކުރައްވާނީ ޑިޕްލޮމަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި އުފައްދާ އާ ސަރުކާރަށް އެ ގައުމުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.