Roadha Mihaaru
ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓް ނެރެފި

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓް ނެރެފި

17 ނޮވެމްބަރ 2023

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ނަންތައް އާންމުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ނަންތައް އާންމުކޮށްފި އެވެ.

ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވައިލި މުއްދަތު ހަމަވިއިރު 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

ރޭ އިއުލާންކުރި ލިސްޓްގައިވާ ގޮތުން ފްލެޓަށް 21،247 މީހުން އަދި މާލެ ސަރަހައްދުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވެ އެވެ. ފްލެޓާއި ގޯއްޗަށް ކުރިމަތިލައި، އެކަމަކު ލިސްޓްގައި ނެތް ނަމަ ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ.

ރޭ 11:53ގައި ގެޒެޓްކުރި ލިސްޓަކީ ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި، ޕޮއިންޓް ދީފައިވާ ލިސްޓެއް ނޫނެވެ. ނަމަވެސް، ސަރުކާރުން ކުރިން ބުނެފައިވަނީ ދައުރު ނިމުމުގެ ކުރިން ދެވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުން އާންމުކުރާނެ ކަމަށެވެ.

މި ފަހަރު ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާނަމަ ފްލެޓަށް ކުރިމަތިލެވުނެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުވަޅުން ގޯއްޗަށް ހުޅުވާލުމުން 20،000 އެއްހާ މީހުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަވާ 18،955 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދީފަ އެވެ.

މިއަދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށެވެ.

ނިމިގެން މިދާ ސަރުކާރުން ވަނީ އެންމެ ފަހު ވަގަތު ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ. އަދި އެ ފްލެޓްތަކުގެ ގުރުއަތުލައި، އެގްރިމެންޓްތައް ހެދުމުގެ މަސައްކަތް އަވަސްއަރުވާލައިގެން ކުރި އެވެ.

ނަމަވެސް، އެކަމާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް އޮތުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވާފަ އެވެ.