Roadha Mihaaru
އަބްދުއްރަހީމް އައްޔަންކުރީ އަމާޒު ހާސިލްކޮށްދޭނެތީ

ސިފައިންގެ ޗީފަށް އަބްދުއްރަހީމް އައްޔަންކުރީ އަމާޒު ހާސިލްކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން: ސަރުކާރު

20 ނޮވެމްބަރ 2023

އިންޑިއާ ސިފައިންގެ މައްސަލަ ދިފާއުކޮށް މީގެ ކުރިން ވާހަކަދެއްކެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ، މި ސަރުކާރުގެ އަމާޒު ހާސިލްކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ ސިފައިންގެ މައްސަލަ ދިފާއުކޮށް މީގެ ކުރިން ވާހަކަދެއްކެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ، މި ސަރުކާރުގެ އަމާޒު ހާސިލްކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ހުވާކުރެއްވުމަށް ފަހު، އެ މަނިކުފާނު ވަނީ، ކުރީގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ހަމަޖައްސަވައިފަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ވިއްކި އެއް ކަންތައް، އިންޑިއާ ސިފައިންގެ މައްސަލައިގައި ކުރީގެ ސަރުކާރު ދިފާއުކުރައްވަން ހުންނެވި ބޭފުޅަކު އައްޔަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އިންޑިއާ ސިފައިންގެ މައްސަލަތަކާ ގުޅޭގޮތުން، ސިފައިންގެ ލީޑަޝިޕުން ވަނީ ކުރީގެ ސަރުކާރުގައި ދައުލަތުގެ މީޑިއާ އަށް އިންޓަވިއު ދެއްވައިފަ އެވެ. އޭގެ ތެރޭގައި އަބްދުއްރަހީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އާ ސަރުކާރުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރަން ނިންމި ނިންމުމާ ގުޅޭގޮތުން "މިހާރު"ން ކުރި ސުވާލަށް، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މި ސަރުކާރުން ސަމާލުކަން ދޭން ބޭނުންވަނީ އެ ބޭފުޅުންގެ ކުރިމަތީގައި އޮތް މައްސަލަ އަށް ކަމަށެވެ.

އެކަމަކީ، ރާއްޖޭގައި ބޭރުގައި ސިފައިން ތިބުން، ހާއްސަކޮށް މި ވަގުތު އިންޑިއާ ސިފައިން ތިބުމާއި ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ ނުކުތާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުން، ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އާ ސަރުކާރުން، ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފިރުޒުލް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަގާމުތައް އައްޔަންކުރަނީ ވެސް އެގޮތަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް މައްސަލައަށް އަޅުގަނޑުމެން ފޯކަސް ކުރަން ބޭނުން ވަނީ. އެ މައްސަލައަކީ ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް މި ގައުމުގައި އިންޑިއާ ސިފައިން، ބޭރުގެ ސިފައިން ގާއިމްވެ ތިބުން. ހަމައެއާއެކު ވެފައިވާ އެއްބަސްވުންތައް ނުވަތަ އެެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ ނުކުތާތައް،" ފިރުޒުލް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ފޯކަސް މި ކުރަނީ އެ މަސައްކަތް މި ވަގުތު ބާރަށް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް އިއާދަކުރަން. އެގޮތަށް މަސައްކަތްކުރަން ބައްޓަންކުރަން ޔަގީންކަން ލިބެނިވި ގޮތަށް ސަރުކާރުގެ މަގާމުތައް ވެސް ބައްޓަންވެގެން ގޮސްފައި އެވަނީ. އަދި އެހެންމެ، ކުރިއަށް އޮތް ތަނުގައި ބައްޓަން ވެގެން ދާނީ ވެސް."

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށް، އެއްބަސްވުންތައް ހާމަކުރުމާ ގުޅޭގޮތުންނެވެ.

ރައީސް އޮފީހުން ވަނީ އެކަމުގެ ބައެއް ތަފްސީލުތައް ވެސް މިއަދު ދެއްވައިފަ އެވެ.

ފިރުޒުލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގައި، އިންޑިއާގެ 77 ސިފައިން ތިބިކަން ކަށަވަރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން، ދެ ގައުމުން 108 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެއްބަސްވުންތައް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށްފަހު، ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ބައިތައް ހާމަކުރާނެ ކަމުގެ ޔަގީންކަން ފިރުޒުލް ދެއްވި އެވެ.