Roadha Mihaaru
ވިސާމާއި ލީވާނަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި

ވިސާމާއި ލީވާނަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ދެ ނޫސްވެރިންގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ދެ ނޫސްވެރިންގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ލީވާނާއި ވިސާމް 28،000ރ. އިން ޖޫރިމަނާކޮށް، މިދިޔަ މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ހައްޔަރުކުރަން ފުލުހުން އުޅުމުން އެ ދެ މީހުން އެކަމަށް ހުރަސް އެޅި މައްސަލައިގަ އެވެ.

އެ މައްސަލަ ވިސާމާއި ލީވާންގެ ފަރާތުން މިއަދު އިސްތިއުނާފަށް ހުށަހެޅިކަން އެ ދެ މީހުންގެ ވަކީލް އަބްދުﷲ ހަސީން ކަށަވަރުކޮށް ދެއްވި އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމަކީ މައްސަލައިގެ ބާވަތަށް ބަލައި، ޖަލަށްލެވޭ ކުށެއް ނަމަވެސް ގާޒީ ނިންމެވީ ވިސާމާއި ލީވާން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު ޖޫރިމަނާ ފައިސާ އެއް މަސް ތެރޭގައި ދައްކަން އެ މީހުންނަށް އެންގި އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ވިސާމްގެ މައްޗަށް ކުރާ އިތުރު ދައުވާއެއް ވެސް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އަދި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް އެފަދަ ދައުވާއެއް ވަނީ އުފުލައިފަ އެވެ.