Roadha Mihaaru
ޖޭއެސްސީގައި ރައީސްގެ މެމްބަރަކަށް ސަމީރު

ޖޭއެސްސީގައި ރައީސްގެ މެމްބަރަކަށް ސަމީރު

23 ނޮވެމްބަރ 2023

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް މުހައްމަދު ސަމީރު މިއަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް މުހައްމަދު ސަމީރު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަން ކުރެއްވި ސަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައި، ފަތްކޮޅާ ހަވާލުވެ ވަޑައިގެންފަ އެވެ. އޭނާއަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސަމީރު ކުރިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަމިއްލަ ލޯ ފާމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ގާނޫނު އަސާސީ އޮންނަ ގޮތުން ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި އާންމުންގެ ތެރެއިން މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރެއް އަދި ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން ތިއްބަވާނެ އެވެ.

ރައީސްގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އެންމެ ފަހުން ހުންނެވީ ވަކީލް މަސްތޫރު ހުސްނީ އެވެ. އޭނާ މިދިޔަ ހަފުތާގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް މިއަދު ވަނީ އާ ބަންޑާރަ ނައިބު އަހްމަދު އުޝާމް ވެސް ޖޭއެސްސީއަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ.