Roadha Mihaaru
"ކުންފުނިތަކުގެ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ"

ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ: ސުޕްރީމް ކޯޓް

23 ނޮވެމްބަރ 2023

ކުންފުނީގެ ޑިރެކްޓަރަކު ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ހާލަތްތަކުގައި ކުންފުންޏަށް އެ ޑިރެކްޓަރަކު ވަކި ނުކުރެވޭ ހާލަތްތަކުގައި ޑިރެކްޓަރުން ވަކި ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް މިއަދު ކަނޑައަޅައިފި އެވެ.

ކުންފުނީގެ ޑިރެކްޓަރަކު ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ހާލަތްތަކުގައި ކުންފުންޏަށް އެ ޑިރެކްޓަރަކު ވަކި ނުކުރެވޭ ހާލަތްތަކުގައި ޑިރެކްޓަރުން ވަކި ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް މިއަދު ކަނޑައަޅައިފި އެވެ.

ކުންފުންޏާބެހޭ ގާނޫނު އޮންނަ ގޮތުން ކުންފުންޏެއްގެ ޑިރެކްޓަރުން ވަކި ކުރެވޭނީ އެ ކުންފުންޏެއް އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ. ނަމަވެސް އާންމު ޖަލްސާއަކުން އެކަން ނުކުރެވޭ ހާލަތްތަކުގައި ކޯޓު މެދުވެރިކޮށް ޑިރެކްޓަރުން ވަކި ކުރެވޭނެ ކަމަކަށް ގާނޫނުގައި ބުނެފައެއް ނެތެވެ.

ރިހިވެލި ބީޗް ރިސޯޓް ހިންގަމުން ދިޔަ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އޭނާގެ ހިއްސާ އޮތް އެހެން ކުންފުންޏަކަށް ދޭންޖެހޭ ފައިސާތަކެއް ދޫކުރި ކަމަށް ބުނެ ސޭވް ދަ ޑްރީމް ކުންފުނީގެ ހިއްސާ އޮންނަ ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް ދައުވާކުރި އެވެ. އެ ފައިސާ ދޫކުރީ ރިހިވެލި ރިސޯޓްގެ ސަބްލީސް އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމަށް ކަމަށް ބުންޏަސް، ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ބުނާގޮތުން އެ ފައިސާ ދޫކުރީ އެ ކުންފުންޏަށް ނޭނގި އެވެ.

އެ މައްސަލާގައި މެނޭޖިން ޑިރެކްޓަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް، އަދި އެ ފައިސާ އަނބުރާ ހޯދަން ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ މެނޭޖިން ޑިރެކްޓަރު ވަކި ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުންފުނީގެ ޑިރެކްޓަރަކު ވަކި ކުރެވޭނީ ކުންފުނީގެ އާންމު ޖަލްސާއަކުން ފާސްކޮށްގެން ކަމަށް ކުންފުންޏާބެހޭ ގާނޫނުގައި ބުނެފައި ވިޔަސް، ކުންފުނީގެ ޑިރެކްޓަރުންގެ އަދަދު ހަމަހަމަވާ ގޮތަށް އޮންނަ ހާލަތްތަކުގައި ކޯޓުތަކުން އެކަމަށް ހައްލެއް ދެވިދާނެ ކަމަށެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރި ޑިރެކްޓަރު ވަކި ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.

"ކުންފުނީގެ އާންމު ޖަލްސާއިން އެ މައްސަލައަށް ހައްލު ނުލިބޭ ހާލަތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅިއްޖެނަމަ، ޑައިރެކްޓަރު އޭނާގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފްވެފައިވާ ކަމަށް ކޯޓަށް ފެނިއްޖެނަމަ އެ ޑައިރެކްޓަރަކު ޑައިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ޑިސްކޮލިފައި ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ދެކެމެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އަދި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޑިރެކްޓަރުން އެ މީހުންގެ އަމާނާތްތެރިކަމުގެ ވާޖިބު އަދާ ނުކުރާނަމަ އެކަމުގެ ގާނޫނީ ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އަދި ޑިރެކްޓަރުންގެ މައްޗަށް އަމާނާތްތެރިކަމުގެ ވާޖިބު އޮންނާނެ ކަމަށް ކޯޓުތަކުން ކުރިން ވެސް ނިންމާފައިވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ކުންފުންޏެއްގެ ހިއްސާދާރުންނަށް ގެއްލުންވާ ގޮތަށް ކުންފުނި ހިންގާނަމަ އެކަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ހިއްސާދާރުންނަށް ލިބިގެންވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ހުކުމުގައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހިއްސާ އޮތް އެހެން ކުންފުންޏަކަށް ފައިސާ ދޫކުރީ ރިހިވެލި ރިސޯޓްގެ ސަބްލީސްގެ ފައިސާ ދެއްކުމުގެ ގޮތުން ކަމަށް އޭނާ ބުނެފައި ވިޔަސް، ފައިސާ ލިބުނު އަނެއް ކުންފުންޏަކީ ވެސް އޭނާ ޑިރެކްޓަރުކަން ކުރަމުންދާ ކުންފުންޏެއް ކަމަށްވާތީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމަށެވެ. އަދި ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގައި ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ދެ ހިއްސާދާރުން ކަމަށްވާތީ ކުންފުންޏާބެހޭ ގާނޫނު ބުނާގޮތަށް ކުންފުނީގެ ތެރެއިން އެ މައްސަލަ ހައްލު ކުރެވެން ނެތް ކަމަށާއި އެހެންކަމުން މި ހާލަތުގައި އެކަމަށް ކޯޓުން ހައްލެއް ހޯދައި ދޭންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމާނާތްތެރިކަމުގެ ވާޖިބާ ހިލާފް ވެފައިވާތީ އެ ކުންފުނީގެ ބޯޑުން އޭނާ ވަކިކުރަން ނިންމީ ކަމަށެވެ.

އެ މައްސަލާގައި ދޫކުރި ފައިސާ އޭނާގެ އަތުން ނަގައި ދިނުމަށް ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން އެދިފައި ވިޔަސް، އެ ހުކުމުގައިވާ ގޮތުން އެ ފައިސާ ދައްކަން އަމުރެއް ނުކުރެވޭނެ އެވެ. ސަބަބަކީ އެއީ ރިސޯޓްގެ ކުލި ދެއްކުމުގެ ގޮތުން ދޫކުރި ފައިސާއެއް ކަމަށް ބުނާއިރު، އެ ފައިސާ ނަގައި ދިނުމަކީ ނުހައްގު މުއްސަނދި ކަމެއް ސޭވް ދަ ޑްރީމް ފްރާންސް ކުންފުންޏަށް ލިބޭނެ ކަމަކަށް ވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.