Roadha Mihaaru
ފީ ނުދައްކާ ކުންފުނިތައް އުވައިލެވޭ ގޮތަށް ފާސްކޮށްފި

އަހަރީ ފީ ނުދައްކާ ކުންފުނިތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިކޮށް އުވައިލެވޭ ގޮތަށް ފާސްކޮށްފި

12 ޑިސެމްބަރ 2018

އަހަރީ ފީ ނުދައްކާ ކުންފުނިތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިކޮށް، އުވައިލެވޭ ގޮތަށް ސަރުކާރުން ކުންފުންޏާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަހަރީ ފީ ނުދައްކާ ކުންފުނިތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިކޮށް، އުވައިލެވޭ ގޮތަށް ސަރުކާރުން ކުންފުންޏާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ބިލް މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް ދިރާސާ ކުރި އިގްތިސާދީ ކޮމިޓީން ވެސް ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ބިލް އޮތް ގޮތަށް ފާސްކޮށްފަ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ. --- ފޮޓޯ: މިހާރު

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ. --- ފޮޓޯ: މިހާރު

ޣަފޫރު ބިލް، ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބުނީ މިދިޔަ 22 އަހަރުގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދެއްކުމާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ އަހަރީ ރިޕޯޓު ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7،000 އަށް ވުރެ ގިނަ ކަމަށެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި އަހަރީ ފީ ނުދެއްކުމާއި ރިޕޯޓުތައް ހުށަނޭޅުމުގެ ސަބަބުން ކުންފުނިތައް އުވައިލެވޭނެ އެކަށީގެންވާ ނިޒާމެއް މިހާރަކު ނެތެވެ. އަދި ބިލްގެ ބޭނުމަކީ އަލަށް ވިޔަފާރި ފެށުމަށް ފަހު، އެކި ސަބަބުތަކާ ހުރެ އެ ވިޔަފާރިއެއް ހުއްޓާލާފައިވާ މީހުންނަށް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން، އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ހުށަހަޅަން ޖެހޭނީ ކޯޓަށެވެ. އެކަމަކު، ޣަފޫރު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވައިލުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ދީފަ އެވެ.

އިސްލާހުގައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ކުންފުންޏެއް ވެސް އަހަރީ ފީ ދައްކަން ވާނެ ކަމަށެވެ. އަދި އެ އަހަރެއްގެ މާޗު މަހުގެ ކުރިން ފީ ނުދައްކައިފި ނަމަ، އެ ކުންފުންޏަކުން ކުރަމުން އަންނަ ވިޔަފާރި، ފީ ދައްކައި ނިންމަންދެން ހުއްޓުވުމުގެ އިހްތިޔާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވެ އެވެ.

ކޮންމެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން ފީ ނުދައްކައިފި ނަމަ، ކުންފުނި އުވައިލުމުގެ އިހްތިޔާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވެ އެވެ.

އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓުތަކާއި އޮޑިޓަރުންގެ އަހަރީ ރިޕޯޓު ހުށަނާޅާ ކުންފުނިތައް އުވައިލުމުގެ އިހްތިޔާރު ވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ބިލުން ވަނީ ދީފަ އެވެ.