Roadha Mihaaru
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ

ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފި

23 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ، އެ ބްރިޖު ފެނުން މައްޗަށް ނާރައި އުޅެނިކޮށް އެކަމަށް ސަރުކާރުން ދެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ، އެ ބްރިޖު ފެނުން މައްޗަށް ނާރައި އުޅެނިކޮށް އެކަމަށް ސަރުކާރުން ދެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި އެފްކޮންސް ކުންފުންޏާ އެކު ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމަންޖެހޭ ގޮތަށެވެ. އެކަމަކު، ގާތްގަނޑަކަށް ހަ ކިލޯ މީޓަރުގެ ބްރިޖު އެޅުމުގެ މުއްދަތު ހަމަވާން ކައިރިވީއިރު ވެސް އެ އިން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

އެ މަސައްކަތްތައް ލަސްވަމުން ދާތީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުގެ އެއް ދުވަސް ކުރިން އެ ސަރުކާރުން ވަނީ ބްރިޖު އެއްބަސްވުން ތިން އަހަރަށް ދަންމާލައިފަ އަނެއްކާވެސް އެފްކޮންސް އަށް ފުރުސަތު ދީފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކޮންސްޓްރަކްޝަން އަދި އިންސްޓްރަކްޗަރު މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ބިޔަ ޕްރޮޖެކްޓަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 37.3 ޕަސެންޓް ފައިސާ ދައްކާފައިވާ ކަމަށެވެ. އެއީ 186،725،462 ޑޮލަރު ނުވަތަ 2.8 ބިލިއަން ރުފިޔާ އެވެ.

ބްރިޖަށް އެތައް ބިލިއަން ރުފިޔާގެ ފައިސާ ދިނަސް، އެ މަޝްރޫއު އިން މިހާތަނަށް ނިމުނީ އެންމެ 29 ޕަސެންޓެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން ފައިސާ ދައްކާފައިވަނީ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަށް ކަމަށެވެ. އިތުރަށް ފައިސާ ދީފައި ނުވާ ކަމަށާއި އެކަމަކު، އެޑްވާންސްކޮށް ދައްކާފައި ހުރި ޕޭމަންޓާ ހެދި އަދަދު އިތުރަށް ދައްކަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖަށް އެތައް ބިލިއަން ރުފިޔާއެއް ދިންއިރު، އެފްކޮންސް އަށް މިހާތަނަށް ކުރެވުނީ ތަނބުތަކާއި ޕްރީ ކާސްޓް ސެގްމެންޓް އެތުރުމުގެ މަސައްކަތް އެކަންޏެވެ.