Roadha Mihaaru
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ

ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ

26 ޖޫން 2024

އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް އެ ދެމެދުގައި އަޅާ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމައި އަންނަ މަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް އެ ދެމެދުގައި އަޅާ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމައި އަންނަ މަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ، އައްޑޫގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއަ ބްރިޖު ނުވަތަ ހަންކެޑެ ބްރިޖުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެ ބްރިޖުގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ކްރޭޝް ބެރިއާ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމާއި މި މަސައްކަތް ކުރުމަށް ވަގުތީ ގޮތުން އަޅާފައިވާ ވެލިތަށް ބްރިޖުގެ ދަށުން ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

"އަންނަ ޖުލައި މަހު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ބްރިޖު ހުޅުވާލުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ،" މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށާއި މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެއީ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް އެއްކޮށް ނުނިމި، އެކި ސަބަބުތަކާ ހުރެ ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ.

މާލެ ސަރަހައްދުގައި ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރާ އެފްކޮންސް ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އެ ދެމެދުގައި ބްރިޖެއް އަޅަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އެ ބްރިޖު ހަދަނީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެ އަށް ނާރާ ގޮތަށް، ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލެވޭ ގޮތަށެވެ. އެއީ ދިގުމިނުގައި 1.5 ކިލޯމީޓަރު ހުންނާނެ، ހަތަރު ލޭނުގެ ބްރިޖެކެވެ.