Roadha Mihaaru
ތިނަދޫގެ ސިޓީގެ ދަރަޖައާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

ތިނަދޫގެ ސިޓީގެ ދަރަޖަ އަނބުރާ ގެންނަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

24 ނޮވެމްބަރ 2023

އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރި ކުރުން މި ސަރުކާރުން ގަބޫލުނުކުރަން ނިންމާފައިވާ ކަމަށް ބުނެ ދަައްކާ ވާހަކަތައް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރި ކުރުން މި ސަރުކާރުން ގަބޫލުނުކުރަން ނިންމާފައިވާ ކަމަށް ބުނެ ދަައްކާ ވާހަކަތައް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.

ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވަނީ ތިނަދުއަކީ ސިޓީއެއް ކަމަށް ނިންމަވައި ކުރީގެ ރައީސް އިބޫ ނެރުއްވި ގަރާރު މި ސަރުކާރުން ބަަލައިގަންނަން ދެކޮޅު ހަދާފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން އަންގާފައިވާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން އެކަން ދޮގުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަަސްވަރު ތިނަދު އަށް ސިޓީގެ ދަރަޖަ ދޭން އެންމެ ފުރަތަމަ ވައުދުވެވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އެކަމަކު، ކުރީގެ ސަރުކާރުން އެކަން ކޮށްފައި ވަނީ ބަލަން ޖެހޭ ކަންކަން ނުބަލައި، ގާނޫނީ އިމުން ބޭރުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ކުރަމުން އަންނަނީ ގާނޫނީ އިޖުރާއަތުތަކަށް އެކަން ފެއްތުމުގެ މަސައްކަތް ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އެކަމާ ގުޅިގެން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ، އެކި ފަރާތްތަކުން އެ ގަރާރު އެކި ގޮތަށް މާނަކުރަމުން ދާތީ އެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ތިނަދު އަށް އިބޫގެ ސަރުކާރުން ސިޓީގެ ދަރަޖަ ދިނީ މި އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. އެކަމަކު، އިންތިހާބް ކާމިޔާބު ކުރެވިއްޖެ ނަމަ ތިނަދު އަށް ސިޓީގެ ދަރަޖަ ދޭން ރައީސް ޑރ. މުއިއްޒު އޭރު އޮތީ ވައުދުވެވަޑައިގެންފަ އެވެ.

ސިޓީއެއް ކަނޑައެޅުމުގެ ޝަރުތުގެ ގޮތުގައި އާބާދީގައި 10،000 ހަމަވުން ހިމެނޭ ނަމަވެސް، އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ތިނަދޫގެ އާބާދީއަކީ 8،000 އެވެ.