ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނަގަން ޖެހޭ ގޮތަށް އެ ރަށު ކައުންސިލުން އަނެއްކާވެސް ނިންމައިފި އެވެ.
27 ނޮވެމްބަރ 2025
ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނަގަން ޖެހޭ ގޮތަށް އެ ރަށު ކައުންސިލުން އަނެއްކާވެސް ނިންމައިފި އެވެ.
ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ ބޭނުމުގައި ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ނިންމުމުން، އިޖުރާއަތްތައް ފުރިހަމަކޮށްފައި ނޫނީ އެ ފީ ނުނެގުމަށް އެލްޖީއޭ އިން ލަފާދިން ކަމަށެވެ.
އެހެންވެ، މިދިޔަ ޖުލައި 9 ގައި އެލްޖީއޭ އިން ފޮނުވި ސިޓީއާ އެއްގޮތަށް، އެ ފީ ނެގުން ހުއްޓާލައި ރަށުގެ އާއްމުންނާ އެކު މިދިޔަ އޮގަސްޓް 10 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި 5،000ރ. ގެ ފީއެއް ނަގަން ހިޔާލު ދީފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
ކައުންސިލުން އެކަން ކުރީ ރަށްވެހިކަން ދޫކޮށްލުމުން ފީގެ ގޮތުގައި ނަގާނެ އަދަދުތަކުގެ ގޮތުގައި 0-5،000ރ. އާ ދެމެދުގެ ފީ ހިމެނޭ ގޮތަށް އިހުތިޔާރު ދީފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް، އާއްމުންގެ ހިޔާލަށް ހުށަހެޅުމުން މެޖޯރިޓީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެއާ އެއްގޮތަށް، ކުރީގެ އިއުލާން ބާތިލްކޮށް، އަލުން އެ ފީ ނެގުމަށް މިދިޔަ އާދިއްތަ ދުވަހު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފުރަތަމަ ފުރަތަމަ ފީ ނަގަން ފެށީ ޖެނުއަރީ، 2024 ގަ އެވެ. ނަމަވެސް، އެލްޖީއޭގެ އެންގުމާއެކު ވަކި ހިސާބަކުން އެކަން ހުއްޓުނީ އެވެ.
އާބާދީގައި 10،000 ހަމަ ނުވަނީސް ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް އޮގަސްޓު 30، 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ނަމަވެސް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ. އާ ސަރުކާރުން ވެސް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
ތިނަދޫގެ އާބާދީގައި މިހާރު އުޅެނީ 7،000 މީހުންނެެވެ. މި އަދަދު އިތުރުކުރަން އެހެން ރަށްރަށުގެ މީހުން ވެސް އެ ރަށުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލި އެވެ.
ތިނަދޫ ކައުންސިލްގެ ދަރަޖަ ބަދަލުނުކުރެވޭނެ: އެލްޖީއޭ
ތިނަދޫ ރަށްވެހިކަން ދޫކޮށްލުމުން ނަގާ ފީ ބާތިލްކުރަނީ
ތިނަދޫ ސިޓީ ކައުންސިލްގެ ހައިސިއްޔަތާމެދު ސުވާލެއް!
ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެއްޖެ
ތިނަދޫގެ ބިންތަކުން ކުލި ނުލިބޭތީ ފިޔަވަޅު އަޅަނީ
ތިނަދޫ ކައުންސިލުން ފައިސާ ގެންގުޅުމުގައި ގޯސްތަކެއް!
ސަސްޕެންޑްކުރި މައްސަލާގައި ތިނަދޫ މޭޔަރު ކޯޓަށް
މުސާރަ ނުދޭ ގޮތަށް ތިނަދޫ މޭޔަރު ސަސްޕެންޑްކޮށްފި
ތިނަދޫގެ ހައުސިން ޔުނިޓްތައް ދޫކުރާނީ ސީދާ މިނިސްޓްރީން
އެލްޖީއޭއިން ތިނަދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް