Roadha Mihaaru
އެމްބީއޭ ކަޕް: ފުރަތަމަ މެޗު ޓީރެކްސް ކާމިޔާބުކޮށްފި

އެމްބީއޭ ކަޕް: ފުރަތަމަ މެޗު ޓީރެކްސް ކާމިޔާބުކޮށްފި

09 ފެބުރުއަރީ 2017

އަހަރުގެ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕުގެ ފިރިހެން އެއް ވަނަ ޑިވިޝަނުގެ ފުރަތަމަ މެޗު ޓީރެކްސް ބީސީ ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަހަރުގެ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕުގެ ފިރިހެން އެއް ވަނަ ޑިވިޝަނުގެ ފުރަތަމަ މެޗު ޓީރެކްސް ބީސީ ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ޓީރެކްސް ކާމިޔާބުކުރީ ދަ ބައުސްއާ ވާދަކޮށް 80-63 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސް އަށް 22 ޕޮއިންޓް އެއްކޮށްދިން އަހުމަދު ޒަބީރެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް އޭނާ އެވެ. ބައުސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 19 ޕޮއިންޓް އެއްކުރި އިބްރާހިމް ނަސީމެވެ.

އެމްބީއޭ ކަޕުގެ ފިރިހެން އެއް ވަނަ ޑިވިޝަނުގައި ވާދަކުރަނީ ޓީރެކްސް އާއި ބައުސްގެ އިތުރުން މުޅިން އަލަށް ބާސްކެޓްބޯޅައިގައި ވާދަކުރާ ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ކިންގްސް އާއި ކުޑަހެންވޭރެވެ.

އަންހެން ޑިވިޝަނުގައި ހިމެނެނީ ރެޑް ވިންގްސް އާއި ޒިގް ޒެގް އަދި ސައިކްލޯން އެވެ. ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ރެޑް ވިންގްސް އަދި ޒިގް ޒެގެވެ. މި މެޗު 44-17 ޕޮއިންޓުން ކާމިޔާބުކުރީ ޒިގް ޒެގެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެ ޓީމަށް 14 ޕޮއިންޓް އެއްކޮށްދިން އައިމިނަތު ޝިއުރާ އަބްދުލްބާރީ އެވެ.

މުބާރާތުގެ ފިރިހެން ދެ ވަނަ ޑިވިޝަނުގައި ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީ ސްޕޯޓްސް ކްލަބާއި ޔޫއެން ފްރެންޑްސް އަދި އެލްކިއު ސްޕޯޓްސް އެވެ. ގްރޫޕް ދޭއްގައި ވާދަކުރަނީ ސްޓިންގާސް އާއި ރެޑް ވިންގްސް އަދި ރައިވެރިޔާ އެވެ. ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ ޔޫއެން އަތުން އެލްޓީ ވަނީ 55-37 ޕޮއިންޓުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސްޓިންގާސް ވަނީ ރެޑް ވިންގްސް އަތުން 75-50 ޕޮއިންޓުން މޮޅުވެފަ އެވެ.