Roadha Mihaaru
ޗިކާއި ޓީރެކްސް އިން ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި

ޗިކާއި ޓީރެކްސް އިން ރާއްޖޭގެ ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި

11 ފެބުރުއަރީ 2018

ބާސްކެޓްބޯޅައިގެ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ރެކޯޑް ޓީރެކްސް ބީސީން އަދި އެއް މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ ރެކޯޑް އެ ޓީމުގެ އިބްރާހިމް ރަޝްވާން (ޗިކު) ރޭ ގާއިމްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސްކެޓްބޯޅައިގެ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ރެކޯޑް ޓީރެކްސް ބީސީން އަދި އެއް މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ ރެކޯޑް އެ ޓީމުގެ އިބްރާހިމް ރަޝްވާން (ޗިކު) ރޭ ގާއިމްކޮށްފި އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕުގައި 2013 ވަނަ އަހަރު ވީ ޔުނައިޓެޑް އަތުން 220-43 ޕޮއިންޓުން މޮޅުވެ ރެޑްލައިނުން ހެދި ރެކޯޑް ޓީރެކްސް އިން މުގުރާލީ މި އަހަރުގެ މުބާރާތުގައި ރޭ ލަޔަނެސް ސްޕޯޓްސް ކްލަބް އަތުން 231-14 ޕޮއިންޓުން މޮޅުވެގެންނެވެ.

އަދި ހަމަ އެ މެޗުގައި ރެޑްލައިނުގެ އޭރުގެ ކުޅުންތެރިޔާ މުހައްމަދު ޒިލާލް 67 ޕޮއިންޓް އެއްކޮށްގެން ހެދި ރެކޯޑް ޗިކު މުގުރާލީ ރޭގެ މެޗުގައި 85 ޕޮއިންޓް އެއްކޮށްގެންނެވެ. ޗިކު އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އެވެ.

ރޭގެ މެޗުގައި ޓީރެކްސްގެ އަހުމަދު ހުޝާމް ވެސް 43 ޕޮއިންޓް އެއްކުރި އެވެ. މިއީ ރާއްޖޭގައި އެވްރެޖް މެޗުތަކުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ކުޅުންތެރިޔާ ހޯދާ އަދަދަށް ވުރެ ވެސް މަތީ އަދަދެކެވެ. މި މެޗުގައި ޕޮއިންޓް އެއްކުރި އެހެން ކުޅުންތެރިންނަށް ބަލާއިރު އަހުމަދު ޒަބީރު ވަނީ 19 ޕޮއިންޓް އެއްކޮށްފަ އެވެ. ހުސެއިން ހަލީމް 18 ޕޮއިންޓް ހޯދިއިރު ޒަކަރިއްޔާ އަބްދުއްލަތީފް 16 ޕޮއިންޓް އެއްކުރި އެވެ.

ޓީރެކްސް އާއި ސްޓިންގާސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީރެކްސް އާއި ސްޓިންގާސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ގްރޫޕް އެކެއްގައި ފަސް މެޗު ކުޅެފައިވާއިރު ކިންގްސް ބީސީ ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ރެޕްޓާސް، ރޯޔަލްސް، ރެޑްވިންގްސް، އެޗްޑީސީ އަދި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް، ސްޓިންގާސް، ސީބީއެލް، ހާފް ކޯޓް، އެލްކިއު ސްޕޯޓްސް އަދި ލަޔަނެސް އެވެ. މީގެ ތެރެއިން ޓީރެކްސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ފުރަތަމަ ސެމީގައި މި މަހުގެ 25 ގެ ހަވީރު ވާދަކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އެރޭ ކުޅޭ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި ގްރޫޕް އެކެއްގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެރޭ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ހިމެނެނީ ސައިކްލޯން ބީސީ، ޖިބިލީ ސްޕޯޓްސް ކްލަބް، ރެޑްވިންގްސް އަދި ބެންޗް އެވެ. ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ފުރަތަމަ ސެމީގައި މި މަހުގެ 24 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމެވެ. ދެ ވަނަ ސެމީގައި އެރޭ ކުޅޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ. ފައިނަލް އޮންނާނީ 27 ވަނަ ދުވަހުގެ ހަވީރެވެ.

އަންހެން ޑިވިޝަން ފަށާނީ މާދަމާ ހަވީރު ސައިކްލޯން އާއި ޖިބިލީގެ މެޗުންނެވެ.