Roadha Mihaaru
މަގާމުތަކަށް ކުރީ ސަރުކާރުން ފޮނުވި ނަންތައް ގެންގޮސްފި

މަގާމުތަކާއި ސަފީރު ކަމަށް އައްޔަންކުރަން ކުރީ ސަރުކާރުން ފޮނުވި ނަންތައް އަނބުރާ ގެންގޮސްފި

27 ނޮވެމްބަރ 2023

ބައެއް މުއައްސަސާތަކާއި ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބައެއް މުއައްސަސާތަކާއި ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ފޮނުވި ނަންތައް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު މަޖިލީހަށް ފޮނުވި ފޮނުވި ހަތަރު ސަފީރެއްގެ ނަންތައް ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަނބުރާ ގެންދެވި ސަފީރުންގެ ނަންތައް

- ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ކަނޑައެޅި ހުދާ އަލީ ޝަރީފް

- ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި މިދްފާ ނައީމް

- ބަންގްލާދޭޝް އަށް ކަނޑައެޅި ޝިއުނީން ރަޝީދު

- ޕާކިސްތާނަށް ކަނޑައެޅި ސެލީނާ ހަދީޖާ ނަޖީހާ

މީގެ އިތުރުން މިދިޔަ އޭޕްރިލް މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިވްރީން އާއި މެއި މަހު އައްޔަން ކުރެއްވި މުހައްމަދު އާޒާދަށް ރުހުން ދިނުމުގެ މައްސަލައެއް ވެސް މަޖިލީހުގައި އެބަ އޮތެވެ.

އަސްލަމް މިއަދު ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން ވެސް މިހާރު އެ މަގާމްތަކުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.