Roadha Mihaaru
މިނިސްޓަރުންގެ އެހެން ގައުމެއްގެ ޕާސްޕޯޓް އޮތްތޯ ބަލަނީ

މިނިސްޓަރުންގެ އެހެން ގައުމެއްގެ ޕާސްޕޯޓް ނެތްކަން ކަށަވަރުކުރަނީ

27 ނޮވެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅެއް ހިމެނޭތޯ ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅެއް ހިމެނޭތޯ ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

ގާނޫނުއަސާސީގައިވާ ގޮތަށް ކެބިނެޓް މިނިސްޓަރުންނަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާއިރު، އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ވަނީ ފަށައިފަ އެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ވަރަށް ގިނަ ދުވަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައިވާ ދެތިން ބޭފުޅުން މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮވެދާނެ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި މިނިސްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާ އެކު، އެހެން ގައުމެއްގެ ރައްޔިތަކަށްނުވުން ހިމަނާފައިވެ އެވެ.

މިނިސްޓަރަކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅުއްވާތޯ ސާފުކުރުމަށް އިމިގްރޭޝަންގައި ވެސް އެދިފައިވެ އެވެ. ނަމަވެސް، އެ އިދާރާ އިން ވަނީ އެއީ އެ ބޭފުޅުންގެ މެންޑޭޓް ތެރޭގައި އޮތް ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންވެ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެދިވަޑައިގަތީ މިނިސްޓަރުން ކޮމިޓީ އަށް ހާޒިރުކޮށްގެން ނުވަޔަ ލިޔުމަކުން ދަންނަވައިގެން އެކަން ސާފުކުރުމަށެވެ.

ނަމަވެސް، މިނިސްޓަރުންނަށް ރުހުންދޭ މަރުހަލާގައި އެ ބޭފުޅުންނާ އިންޓަވިއު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުުގެ ހުކުމެއްގައި ކަނޑައަޅާފައި އޮވެ އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވީ ރައީސް އޮފީހަށް ލިޔުމަކުން ދަންނަވައިގެން މިނިސްޓަރުންގެ އެ މައުލޫމާތު ސާފުކުރުމަށެވެ. އެކަމަށް ތާއިދުކުރެއްވި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ އެހެން ގައުމެއްގެ ރައްޔިތެއްތޯ ކޮންމެހެން ކަށަވަރުކުރަން ޖެހޭ ކަމަށާއި ނަމަވެސް، އެކަން ކަށަވަރުކުރާނެ މަގެއް ގާނޫނުގައި ނެތް ކަމަށެވެ. އެހެންވެ، ފިރުޝާން ވެސް ހުށަހެޅުއްވީ ރައީސް އޮފީހަށް ދަންނަވައިގެން މިނިސްޓަރުންގެ އެ މައުލޫމާތު ސާފުކުރުމަށެވެ.

ކޮމިޓީން މިއަދު ނިންމީ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް އޮފީހަށް ހުށަހަޅައިގެން މިނިސްޓަރުންގެ ރަށްވެހިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.