Roadha Mihaaru
ކޭންސީސީގެ ރިޔާސަތު ރާއްޖެއަށް

ޖަޒީރާ ގައުމުތަކުގެ މައްޗަށް އެކުލެވޭ ކޭންސީސީގެ ރިޔާސަތު ރާއްޖެއަށް

06 ޑިސެމްބަރ 2023

ޖަޒީރާ ގައުމުތަކުގެ މައްޗަށް އެކުލެވޭ އދ. ގެ ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ)ގެ ރިޔާސަތާ ރާއްޖެއިން އިއްޔެ ހަވާލުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖަޒީރާ ގައުމުތަކުގެ މައްޗަށް އެކުލެވޭ އދ. ގެ ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ)ގެ ރިޔާސަތާ ރާއްޖެއިން އިއްޔެ ހަވާލުވެއްޖެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުބާއީގައި މިހާރު ކުރިއަށް ގެންދާ ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް-28 ގައި އިއްޔެ ބޭއްވި ކޭންސީސީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެ ޖަމާއަތުގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް ކަމަށެވެ.

ކޭންސީސީ އަކީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ ފަސް ގައުމެއް ކަމަށްވާ ރާއްޖެ އާއި މާޝަލް އައިލެންޑްސް އާއި ކިރިބާސް އާއި ޓުވާލޫ އަދި ޓޮކެލާއޫ ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ.

އެ ޖަމާއަތުގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކޮށް، އެ ކަހަލަ ގައުމުތަކުގެ ހާއްސަ ނާޒުކުކަމާ ގުޅޭ ގޮތުން ވަކާލާތު ކުރުމެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ކޭންސީސީގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ތޯރިގް ދެއްކެވި ވާހަކައިގައި ޖަރީޒާ ގައުމުތައް އުފެދިފައިވާ ގޮތުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށާއި ވަކިން ހާއްސަކޮށް އެ ކަހަލަ ގައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުއްވާލެއްވި ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަނުކުރެވޭ ގެއްލުންތައް ފޫބެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާއި މި މަސައްކަތަށް ކުރެވިފައިވާ ރަނގަޅު ތަޖުރިބާތައް ހިއްސާ ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ތޯރިގު ވާހަކަދެއްކެވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ތޯރިގު ވިދާޅުވީ މި މައްސަލަތަކުން އަރައިގަތުމަށް ޖަޒީރާ ގައުމުތައް ގުޅިގެން އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށެވެ.

ދުބާއީގައި މިހާރު ކުރިއަށް ގެންދާ ކޮޕް ސަމިޓުގައި މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތަގުރީރުކުރައްވައިފަ އެވެ. އެ ތަގުރީރުގައި ރައީސް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.