Roadha Mihaaru
ފޭނުން ގެ ކައިރިއަށް އެއްވާތީ ޖަންކޫކް ރުޅިގަދަވެއްޖެ

ފޭނުން ގެ ކައިރިއަށް އެއްވާތީ ޖަންކޫކް ރުޅިގަދަވެއްޖެ

10 ޑިސެމްބަރ 2023

ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް މިއުޒިކް ގްރޫޕް "ބީޓީއެސް"ގެ ލަވަކިޔުންތެރިޔާ، ޖަންކޫކްގެ ގެ ކައިރިއަށް ފޭނުން އެއްވާތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުނެފި އެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް މިއުޒިކް ގްރޫޕް "ބީޓީއެސް"ގެ ލަވަކިޔުންތެރިޔާ، ޖަންކޫކްގެ ގެ ކައިރިއަށް ފޭނުން އެއްވާތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުނެފި އެވެ.

ދެކުނު ކޮރެއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ވީވާސް"ގައި ކުރި ލައިވްއެއްގައި ޖަންކޫކް ބުނީ އޭނާ އަށް އަބަދު ފާރާލާ ބައެއް ފޭނުން ވެސް އުޅޭ ކަމަށާއި މިހާރު އެ ކަންތައްތައް ބޮއްސުންލައިގެން ދާން ފަށައިފި ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގޭގެ ބޭރުގައި އަބަދު މަޑުކޮށްގެން ތިބޭ މައްސަލަ ވެސް ވަރަށް ބޮޑު ކަމަށް ބުންޏެވެ.

"ރޮނގު ހުރަސް ނުކުރާތި،" ޖަންކޫކް އޭނާގެ ފޭނުންނަށް ބުންޏެވެ.

ޖަންކޫކް ލައިވްގައި މި ގޮތަށް ބުނުމުން ބައެއް ފޭނުން ވަނީ އޭނާ އަށް ސަޕޯޓްކޮށް ވާހަކަދައްކައިފަ އެވެ. އަދި ޖަންކޫކް ހިތްހަމަނުޖެހޭ ގޮތަށް ކަންކަން ނުކުރުމަށާއި އޭނާގެ ޕްރައިވެސީ އަށް އިހުތިރާމް ކުރުމަށް ވެސް އެހެން ފޭނުންގެ ފަރާތުން ވަނީ އެދިފަ އެވެ.

މިއީ ޖަންކޫކް ދެކުނު ކޮރެއާގެ މަޖުބޫރު އަސްކަރީ ހިދުމަތަށް ނުކުތުމަށް ކުރިން ކުރި އެންމެފަހު ލައިވް އެވެ.

ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުން ދެ އަހަރު މުއްދަތަކަށް އަސްކަރިއްޔާ އަށް ހިދުމަތްކޮށްދިނުން ގާނޫނީ ގޮތުން ލާޒިމް ކުރެ އެވެ. ނަމަވެސް، ގައުމަށް ޝަރަފު ލިބޭ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވަނަތައް ހޯދާ ކުޅުންތެރިންނާއި ފަންނާނުން އެކަމުން އިސްތިސްނާކޮށްދެ އެވެ.