Roadha Mihaaru
ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދާ ކުއްޖާ ފުރައިފި

ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދާ ފުރަތަމަ ކުއްޖާ ފުރައިފި

14 ޑިސެމްބަރ 2023

ތެލަސީމިއާ އިން ސަލާމަތްވާން ދޭ ފަރުވާ، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ސަރކާރުން ފޮނުވާ ފުރަތަމަ ކުއްޖާ މިއަދު ފުރައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތެލަސީމިއާ އިން ސަލާމަތްވާން ދޭ ފަރުވާ، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ސަރކާރުން ފޮނުވާ ފުރަތަމަ ކުއްޖާ މިއަދު ފުރައިފި އެވެ.

ތެލަސީމިއާ ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހެލްތް މިނިސްޓްރީން ބުނީ ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިއަދު އެއް ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު ހަތަރު ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޯންމެރޯ ހަދަން މިފަހަރު ފޮނުވީ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.

މީހެއްގެ ގަޔަށް ލޭ އަޅަނީ.-- ފޮޓޯ: މިހާރު

މީހެއްގެ ގަޔަށް ލޭ އަޅަނީ.-- ފޮޓޯ: މިހާރު

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, އެ ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހަދައި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންޖެހެ އެވެ.

ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. މި އިންތިޒާމްގެ ތެރެއިން މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް މިހާރު ލިބޭނެ ކަމަށް މިނިސްޓްރީން ބުންނެވެ.

ބޯންމެރޯ ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާ ވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ.

ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ހާއްސަކޮށް ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިނާއި އެހެނިހެން އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ފަށާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒަކާތު ފަންޑުން އެހީ ދީގެން ވަރަށް ގިނަ ކުދިން ބޯންމެރޯ ހަދަން ފޮނުވައި އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ.