Roadha Mihaaru
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ

ހުރިހާ ދިވެހިން ތެލެސީމިއާ އަށް ޓެސްޓުކުރުމުގެ އަމާޒާ އެކު، ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފި

01 ފެބުރުއަރީ 2024

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހުރިހާ ދިވެހިން ތެލެސީމިއާ އަށް ޓެސްޓުކުރުމުގެ އަމާޒާ އެކު، އެ ބައްޔާ ދެކޮޅަށް ގައުމީ ބޮޑު ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހުރިހާ ދިވެހިން ތެލެސީމިއާ އަށް ޓެސްޓުކުރުމުގެ އަމާޒާ އެކު، އެ ބައްޔާ ދެކޮޅަށް ގައުމީ ބޮޑު ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކަން އިފުތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ، އެ ކެމްޕެއިން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ އެއީ ރާއްޖެ އަށް ވަރަށް ފައިދާ ހުރި، މަންފާކުރާ ނަތީޖާއަކަށް ވާނެ ކަމަށެވެ.

ތެލެސީމިއާ އަށް ހާއްސަ ކޮށްގެން ވަކި މަރުކަޒެއް ހަދައި، ފަރުވާ މިހާރަށް ވުރެ އުސް ހަރުފަތަކަށް ގެންދިއުމަށް ހޮސްޕިޓަލެއް އަޅަން ނިންމީ އެހެންވެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް މީގެ 12 އަހަރު ކުރިން ވުޖޫދުކުރި ގާނޫނުގައިވާ ގޮތުން، އުމުރުން 18 އަހަރު ވުމުގެ ކުރިން ތެލެސީމިއާ ކެރިއާ ޓެސްޓު ހެދުމަކީ ބެލެނިވެރިންނަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެކަމަކު، އެއާ އެއްގޮތަށް ގިނަ ފަހަރު އަމަލެއް ނުކުރެ އެވެ.

މިނިސްޓަރު ވިދާޅުވީ އާ ރޫހެއްގައި އެ މަސައްކަތް އަލުން ފެށީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ތެލެސީމިއާއާ ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ރޭޓް 50 ޕަސެންޓަށް ދަށްކުރުމުގެ އަމާޒާ އެކު ކަމަށެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު ޑރ. ހަލީލް އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު ޑރ. ހަލީލް އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މަސައްކަތުގެ ތެރެއިން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް އަދި އަމިއްލަ ޖަމިއްޔާތަކަށް ތެލެސީމިއާއާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ވަނީ ފަށައިފަ އެވެ. އެހެންވެ، ގްރޭޑު 10 ގައި ކިޔަވާ ކުދިން ތެލެސީމިއާ އަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.

ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ދަރިވަރުން އެ ކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވައި ނިންމާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގައި މި ފެށޭ ކެމްޕެއިންގެ ތެރެއިން މާތްﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ތެލެސީމިއާ އަށް ޓެސްޓު ކުރެވިގެން ދާނެ. ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 17 އިންސައްތަ އަކީ ތެލެސީމިއާ ބަލީގެ ބޭފުޅުން އަދި އޭގެ އަލާމާތްތައް ހުރި ބޭފުޅުން،" ހަލީލް ވިދާޅުވި އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގައުމީ ކެމްޕެއިން ފައްޓަވައިދެއްވުމަށްފަހު ހެލްތު މިނިސްޓަރު ޑރ. ހަލީލް މިއަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގައުމީ ކެމްޕެއިން ފައްޓަވައިދެއްވުމަށްފަހު ހެލްތު މިނިސްޓަރު ޑރ. ހަލީލް މިއަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެ ބަލީ ހުންނަ ކޮންމެ ފަރާތަކަީ ލޭ އަޅަންޖެހޭ ކުއްޖަކަށް ނުވެދާނެ، މީހަކަށް ނުވެދާނެ. އެހެން ނަމަވެސް، އެ ބަލީގެ ނިސްބަތް ރާއްޖޭގައި ހުރީ 17 އިން ސައްތައިގައި. ވަރަށް ބޮޑު އަދަދެއް އެއީ ރާއްޖޭގެ އާބާދީ އަށް ބަލާއިރު. އަޅުގަނޑުމެން ނުވިސްނާ ތިބިއްޔާ އެ އަދަދު ދާނީ ވެސް ދުވަހުން ދުވަހަކަށް ބޮޑުވަމުން."

ހަލީލް ވިދާޅުވީ ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ނޭޕާލް އަދި ސައިޕްރަސްގެ އެހީ ހޯދުމުގެ މަޝްވަރާގެ ފުރަތަމަ މަރުހަަލާ ފަށާފައިވާ ކަމަށެވެ. އެއީ ވެސް، ތެލެސީމިއާ ފަރުވާ އަށް ލިބޭނެ ފުރިހަމަ ކާމިޔާބީއެއް ކަން ފާހަގަކުރެއްވި އެވެ.

މިހާރު ވެސް ލޭ އަޅަންޖެހޭ 650 ކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް ފަރުވާ ދިނުމުގައި ދަތިތައް ހުރިކަން ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުގައި މި ވަގުތު ވެސް އިންޑިއާގައި ފަސް ކުއްޖަކު އަންނަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުންނެވެ. ހަލީލް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެޖެންޑާ ހާސިލް ވާއިރު، ތެލެސީމިއާ ކުދިންނަށް އާއްމު ހާލަތެއްގައި ދިރިއުޅެވޭ ވަރަށް ފަރުވާ ރަނގަޅު ވާނެ އެވެ.