Roadha Mihaaru
ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވެ ވޯލްޑް ކަޕުން ކަޓައިފި

ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވެ، ކްލަބް ވޯލްޑް ކަޕުން ކަޓައިފި

16 ޑިސެމްބަރ 2023

ޖިއްދާ (އޮކްޓޫބަރު 16) - ކެޕްޓަން ކަރީމް ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވެ، ތަރިން ތަކަކާ އެކު ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް އިއްތިހާދު، ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖިއްދާ (އޮކްޓޫބަރު 16) - ކެޕްޓަން ކަރީމް ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވެ، ތަރިން ތަކަކާ އެކު ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް އިއްތިހާދު، ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓައިފި އެވެ.

އިއްތިހާދުގެ ރަސްމީ ދަނޑުގައި ރޭ ކުޅުނު މުބާރާތުގެ ދެވަނަ ބުރުގެ މެޗުގައި އެފްރިކާގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީއާ ވާދަކޮށް ބަލިވީ 3-1 އިންނެވެ.

އަހްލީ އިން ވަނީ މެޗުގެ 21 ވަނަ މިނިޓުގައި އަލީ މައުލޫލް ކާމިޔާބު ކޮށްދިން ޕެނަލްޓީ އިން ލީޑު ނަގައިފަ އެވެ. ނަމަވެސް ހާފުގެ އެންމެ ފަހު ވަގުތު ވީއޭއާރުގެ އެހީގައި އިއްތިހާދަށް އެއްވަރުކުރަން ލިބުނު ޕެނަލްޓީ ބެންޒެމާ ފޮނުވާލުމުން ގޯލްކީޕަރު މުހައްމަދު އަލް ޝެނާވީ ދިފާއު ކުރި އެވެ.

ބެންޒެމާ ފޮނުވާލި ޕެނަލްޓީ ދިފާއު ކުރަނީ.--

ބެންޒެމާ ފޮނުވާލި ޕެނަލްޓީ ދިފާއު ކުރަނީ.--

ދެވަނަ ހާފުގައި އިއްތިހާދަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު އޭގެ ފައިދާ ނަގައި އަހުލީ އިން ވަނީ ހުސެއިން އަލް ޝަހާތު އާއި އިމާމް އާޝޫރުގެ ގޯލުތަކުން މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. އިއްތިހާދުގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބެންޒެމާ އެވެ.

މުބާރާތް ބާއްވާ ގައުމުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ކުޅޭ އިއްތިހާދު ވަނީ ފުރަތަމަ ބުރުގެ މެޗުގައި އޯޝޭނިއާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ނިއުޒިލެންޑުގެ އޮކްލޭންޑް ސިޓީ 3-0 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ރޮމާރީނިއޯ އާއި ބެންޒެމާގެ އިތުރުން އެންގޯލޯ ކަންޓޭ އެވެ.

އޮކްލޭންޑް ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު އިއްތިހާދު ކުޅުންތެރިން އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޮކްލޭންޑް ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު އިއްތިހާދު ކުޅުންތެރިން އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިއްތިހާދު ބަލިކުރި މިސްރުގެ އަލް އަހުލީ، ސެމީ ފައިނަލްގައި ހޯމަ ދުވަހުގެ ރޭ ނުކުންނާނީ ދެކުނު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުން ކެޓިއަސް އޭޝިއާގެ ޗެމްޕިއަނުން ވޯލްޑް ކަޕްގައި ކުރިއަށް

މިދިޔަ ސީޒަންގެ އޭޝިއާ ބައްރުގެ ޗެމްޕިއަން، ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ގުރޫޕް ސްޓޭޖާ ހަމައިން ނިންމާލަން ޖެހުނަސް އެޓީމުން ވަނީ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

އުތުރު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން، މެކްސިކޯގެ ލިއޯން އާ ވާދަކޮށް އުރަވާ ރެޑް ޑައިމަންޑްސް މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ 78 ވަނަ މިނިޓުގައި އެޓީމު މޮޅު ކޮށްދިން ގޯލު ޖަހައިދިނީ އެލެކްސް ޝާކް އެވެ.

ސެމީ ފައިނަލްގައި އަންނަ އަންގާރަ ދުވަހުގެ ރޭ އުރަވާ ރެޑް ޑައިމަންޑްސް ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.