Roadha Mihaaru
ފުލުގައި އޮތް ޓީމާ ބެންޒެމާގެ އިއްތިހާދު އެއްވަރު

ފުލުގައި އޮތް ޓީމާ ކުޅެ ބެންޒެމާގެ އިއްތިހާދު އެއްވަރު

27 އޮކްޓޯބަރ 2023

ޖިއްދާ (އޮކްޓޫބަރު 27) - ސައުދީ ޕްރޯ ލީގުގައި ކަރީމް ބެންޒެމާ ކުޅެމުން އަންނަ އަލް އިއްތިހާދު، ލީގުގެ ފުލުގައި އޮތް އަލް ހަޒްމް އާ ވާދަކޮށް 2-2 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖިއްދާ (އޮކްޓޫބަރު 27) - ސައުދީ ޕްރޯ ލީގުގައި ކަރީމް ބެންޒެމާ ކުޅެމުން އަންނަ އަލް އިއްތިހާދު، ލީގުގެ ފުލުގައި އޮތް އަލް ހަޒްމް އާ ވާދަކޮށް 2-2 އިން އެއްވަރު ވެއްޖެ އެވެ.

މިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަން ލީގުގެ ދެވަނަ ޓީމުގެ ގޮތުގައި ޕްރޯ ލީގުން ފުރުސަތު ހޯދި ހަޒްމް އާ ދެކޮޅަށް މެޗުގައި އެންގޯލޯ ކަންޓޭގެ އެހީތެރިކަމާ އެކު ފުރަތަމަ ގޯލު ޖެހީ ބެންޒެމާ އެވެ. އޭނާގެ ގޯލުން ފުރަތަމަ ހާފު ލީޑުގައި އޮތް ނަމަވެސް ދެވަނަ ހާފުގައި މުހައްމަދު އަލް ތާނީ ވަނީ އަލް ހަޒްމް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ބެންޒެމާގެ އެހީތެރިކަމާ އެކު ހަސަން ކާދޭޝް އިއްތިހާދަށް އަލުން ލީޑު ހޯދައިދިނެވެ. ނަމަވެސް ފަސް މިނިޓު ތެރޭ އަލް ހަޒްމް އިން ނަތީޖާ އެއްވަރު ކުރީ ކޮމޮރޯސްގެ ފާއިޒް ސަލީމާނީ ކާމިޔާބު ކޮށްދިން ގޯލުންންވެ.

މި ނަތީޖާއާ އެކު އިއްތިހާދު މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 21 ޕޮއިންޓާ އެކު މިވަގުތު އޮތީ ފަސްވަނައިގަ އެވެ. މިރެއާއި މާދަމާ ރޭ ވެސް ސައުދީ ޕްރޯ ލީގުގައި 11 ވަނަ ހަފްތާގެ މެޗުތައް ބާކީ ހުރުމާ އެކު އިއްތިހާދު ހަވަނައަށް ވެއްޓުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މުޅި އެކު 18 ޓީމު ވާދަކުރާ ސައުދީ ޕްރޯ ލީގުގައި އިއްތިހާދާ އެއްވަރުކުރި އަލް ހަޒްމް ވަނީ ހަތް ޕޮއިންޓް ހަމަކޮށް، ވަގުތީގޮތުން 17 ވަނައަށް ޖެހިލައިފަ އެވެ.

ހަޒްމް އާއި އިއްތިހާދު ބައްދަލުކުރި މެޗުގެ ތެރެއިން.--

ހަޒްމް އާއި އިއްތިހާދު ބައްދަލުކުރި މެޗުގެ ތެރެއިން.--

އަލް ހަޒްމް އަތުން މޮޅު ނުވެވި، އިއްތިހާދަށް ވަނީ ލީގުގައި މޮޅު ނުވެމުގެ ސިލްސިލާ ހަތަރު މެޗަށް ދިގު ދެމިގެން ގޮސްފަ އެވެ.

މިދިޔަ ހަފްތާ ރަށުން ބޭރުގައި އައް ތައާވޫނާ ދެކޮޅަށް އިއްތިހާދު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ބެންޒެމާ އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް އެއްވަރުވީ ބެންޒެމާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

އޭގެ ކުރިން އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލީ ފްރޭންކް ކޭސީގެ ގޯލުން 1-0 އިން އިއްތިހާދު ބަލިވި މެޗަށް ފަހު އެވެ. އަދި އެ މެޗުގެ ކުރިން އަލް ފައިހާއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ވެފައި ވެއެވެ.

ވަރުގަދަކޮށް ލީގު ފެށި އިއްތިހާދު ކުޅުނު ފުރަތަމަ ހަތް މެޗުގެ ތެރެއިން އެޓީމު ވަނީ ހަ މެޗު ކާމިޔާބު ކޮށްފަ އެވެ. ބަލިވީ އަލް ހިލާލް އަތުން 4-3 އިންނެވެ. ބެންޒެމާ ވެސް ގޯލު ޖެހި އެ މެޗުގައި ހިލާލަށް ކުޅޭ އަލެކްޒެންޑަ މިޓްރޮވިޗް ވަނީ އިއްތިހާދު ކޮޅަށް ހެޓްރިކް ހަދައިފަ އެވެ.