Roadha Mihaaru
ބައްސާމް އެކަނިވެއްޖެ، ރީތިގޮތަކީ އިސްތިއުފާ ދެއްވުން!

ބައްސާމް އެކަނިވެއްޖެ، ދެން ވެސް ރީތި ގޮތަކީ އިސްތިއުފާ ދެއްވުން!

17 ޑިސެމްބަރ 2023

"ކުރިން އަބަދު ވެސް ބައްދަލުކުރަން ދާއިރު ކައިރީގައި އުޅޭނެ، ކްލަބްތަކުގެ އިސް މީހުންގެ ތެރެއިން ކޮންމެ ވެސް އެކަކު. އެއިން މީހަކު ބައްތު [ބައްސާމް] އާ އެކު ނޫޅޭ ގަޑިއަކާ ދިމާވެފައެއް ނެތް."

ހުސެއިން ހަބީބް ހުސެއިން ހަބީބް

"ކުރިން އަބަދު ވެސް ބައްދަލުކުރަން ދާއިރު ކައިރީގައި އުޅޭނެ، ކްލަބްތަކުގެ އިސް މީހުންގެ ތެރެއިން ކޮންމެ ވެސް އެކަކު. އެއިން މީހަކު ބައްތު [ބައްސާމް] އާ އެކު ނޫޅޭ ގަޑިއަކާ ދިމާވެފައެއް ނެތް."

މިއީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދޭތެރެދޭތެރެއިން ބައްދަލު ކުރާ، ފުޓްބޯޅައިގައި މަސައްކަތް ކުރާ މީހަކު ކިޔައި ދިން ގޮތެވެ.

ބައްސާމްގެ ވަށައިގެން މީގެ ކުރިން ކްލަބްތަކުގެ ވެރިން އުޅުނީ، ފާޑުކިޔާ މީހުން ސިފަކުރާ ގޮތުގައި "ކަލްޓެއް" އެއް ހެންނެވެ. ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި ބައްސާމް ރުހުން ނުހޯދައި ނިސްބަތްވާ ކްލަބަށް ކަމެއް ހާސިލު ނުވާނެކަން ކްލަބްތަކުގެ ވެރިން އޭރު ގަބޫލުކޮށްގެން ތިބި ކަހަލަ އެވެ.

"އެ ލެވެލްގައި ކްލަބްތަކުގެ އިސް މީހުން ބައްސާމްގެ އަރިހުގައި އުޅުނީ،" އެފްއޭއެމްގެ މައުލޫމާތު އެނގޭ، އެ އިދާރާގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ.

އެކަމަކު މިހާރު ބައްސާމް މުޅިން އެކަނި ވެއްޖެ އެވެ. އޭނާ އަށް ވަފާތެރިވާނެ ކަމަށް ބެލެވުނު ކްލަބްތަކުގެ ވެރިން އޭނާއާ ފެއަށް ޖެހި ވަޑައިގެންފި އެވެ. އެހެން ކްލަބްތަކަށް ވުރެ އިސްކަމެއް ބައްސާމް ދެއްވި ކްލަބަކީ މާޒިޔާ އެވެ. ނަމަވެސް، އޭނާގެ ކައިރީގައި ހުންނަވާފައި އެންމެ ފުރަތަމަ ނުކުންނެވީ، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. އެފްއޭއެމުގެ ނައިބު ރައީސްކަމުގެ މަގާމު ދޫކޮށްލައްވާފައި، އެކްސްކޯ އިން އިސްތިއުފާ ދީ، އެންމެ ފުރަތަމަ ބޭރަށް ނުކުންނެވީ އޭނާ އެވެ.

އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ޝާފިއު (ކ) އާއި ބައްސާމް: އެފްއޭއެމްގެ އެކްސްކޯ އިން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޝާފިއު --- ފައިލް ފޮޓޯ

އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ޝާފިއު (ކ) އާއި ބައްސާމް: އެފްއޭއެމްގެ އެކްސްކޯ އިން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޝާފިއު --- ފައިލް ފޮޓޯ

ބައްސާމާ ދެކޮޅަށް، ހުށަހަޅަން މަސައްކަތް ކުރާ އިތުބާރު ނެތްކަމުގެ މައްސަލާގައި ލީޑް ކުރަނީ ޝާފިއުގެ މާޒިޔާ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް އަލުން ވާދަކުރައްވަން އިއުލާންކޮށްފައިވާ އަހްމަދު ތޯރިގް (ޓޮމް)، އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވިޔަސް މައްސަލަ އެފްއޭއެމް އަށް ހުށަހަޅާނީ މާޒިޔާގެ ނަމުގައިކަން އެ މަސައްކަތުގައި އުޅޭ ފަރާތަކުން "މިހާރު" އަށް ބުންޏެވެ.

"ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ވީހެނެއް، މިފަހަރު ނުވާނެކަން ޔަގީން،" ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މީގެ ކުރިން އުޅުނު ނިއު އާއި ވިކްޓަރީގައި މުސާރަ ނުދިނުމުގެ މައްސަލަތައް ހުރުމުން އެ ދެ ކްލަބް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަށް އިޝާރާތްކޮށް، މިފަހަރު އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލަކު ބުންޏެވެ.

"މާޒިޔާ އިން (އިތުބާރު ނެތްކަމުގެ) މައްސަލާގައި ލީޑް ކުރަނީ. ކުޅުންތެރިޔަކަށް ކޯޗަކަށް ޑެޓެއް [ދަރަންޏެއް] ހަމަ ގައިމު ވެސް އެ ޓީމަކު ނޯންނާނެ. އެހެންވީމަ އެ ކްލަބްގައި އަތް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ."

ބައްސާމް އާއި އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހްމަދު ޝަކީބު

ބައްސާމް އާއި އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހްމަދު ޝަކީބު

• ބައްސާމްގެ އެކްސްކޯ މެންބަރުން ވެސް އޭނާއާ ދެކޮޅު؟

ޖުލައި 2020 ގައި ދެވަނަ ދައުރަކަށް އިންތިހާބުވި ބައްސާމްގެ އާ އެކްސްކޯގައި ނުފޫޒުގަދަ އަނެއް ނަމަކީ، ޓީސީ ސްޕޯޓްސް ކްލަބްގެ އެއް މަސްއޫލުވެރިޔާ އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) އެވެ. އެކްސްކޯގައި ހުރެގެން އޭނާ ވަނީ ބައްސާމްއާ ދެކޮޅަށް މަސައްކަތް ކުރައްވަން ފަށައިފަ އެވެ. ތޯރިގުއާ ބައްދަލުކޮށް އޭނާގެ މަސައްކަތަށް ތާއީދު ކުރާކަން ނަޝީދު ވަނީ ހާމަކޮށްފަ އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލާގައި ޓީސީން ވެސް ވަނީ ސޮއިކޮށްފަ އެވެ.

އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި ބައްސާމްގެ މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ. ކްލަބްތަކުން ދަނީ އޭނާގެ އިތުބާރުނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.

މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ގައުމީ ޓީމު ކެޓި ހިސާބުން ބައްސާމްގެ އިސްތިއުފާ އަށް ގޮވާލާ އަޑު ގަދަވި އެވެ. އެކަމަކު އޭރު ވެސް އޭނާ ވިދާޅުވީ ކްލްބަތްކުގެ ތާއީދު އޭނާ އަށް އެބައޮތް ކަމަށެވެ. ކްލަބްތައް އޭނާ މަގާމުން ދުރަށް ދިއުމަށް ބުނާ ހިސާބުން މަގާމުގައި ނުހުންނަވާނެ ކަމަށް އޯގަސްޓް މަހު އޭނާ ވިދާޅުވި އެވެ.

އެކަމަކު ގާތްގަނޑަކަށް ދެތިން ހަފުތާތެރޭގައި ކަންތައްތައް ބަދަލުވެއްޖެ އެވެ. އަންނަ މަހު 31 ގައި ބާއްވާ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރެއްވިޔަސް، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވީރާނާ ވެފައި އޮތް އެފްއޭއެމްގެ އޮފީހުގައި ހުރުމަށް ވުރެ ދެން ވެސް ބައްސާމަށް، އޮތް އެންމެ ރީތި ގޮތަކީ އަމިއްލަ އަށް އިސްތިއުފާ ދެއްވައި، އެއްފަރާތް ވެލުމެވެ.

"ފުޓްބޯޅަ އަށް ކިރިޔާ ވެސް ކުލުނެއް ހުރި ނަމަ ރީތި ގޮތަކީ އިސްތިއުފާ ދެއްވުން،" ސޯޝަލް މީޑިއާގައި ތޯރިގް ވިދާޅުވި އެވެ.