Roadha Mihaaru

ހަ އަހަރަށް ފަހު ނިއު ރޭޑިއަންޓާއި އާއި ވިކްޓަރީ އަށް އެފްއޭއެމްގެ މެންބަރުކަމުގެ ހައްގުތައް އަލުން ދީފި

މިއަދު ފާސް ކުރި އެފްއޭއެމްގެ އާ އަސާސީ ގަވާއިދާ އެކު ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އެސޯސިއޭޝަނުގެ މެންބަރުކަމުގެ ހައްގުތައް އަލުން ދީފި އެވެ.

ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

27 ޖޫން 2025

މިއަދު ފާސް ކުރި އެފްއޭއެމްގެ އާ އަސާސީ ގަވާއިދާ އެކު ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އެސޯސިއޭޝަނުގެ މެންބަރުކަމުގެ ހައްގުތައް އަލުން ދީފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ ދެ ކްލަބަށް އެފްއޭއެމްގެ މެންބަރުކަމުގެ ފުރިހަމަ ހައްގުތައް އަލުން ލިބުމުގެ ފުރުސަތު ފަހިވީ އާ އަސާސީ ގަވާއިދުގައި އެ ދެ ކްލަބް ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު އިތުރު ކުރުމުންނެވެ.

ވިކްޓަރީ ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު މިހާރުގެ އަސާސީ ގަވާއިދުން 10 އަށް ބަދަލު ކުރުމުން އެ ޑިވިޝަނަށް އެންމެ ފަހުން ކޮލިފައިވި ވިކްޓަރީ އާއި އޮޑި ސްޕޯޓްސް އަށް ވެސް މެންބަރުކަން ލިބޭނީ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ އަށެކެވެ.

ނިއު ރޭޑިއަންޓް ވާދަކުރާ ދެވަނަ ޑިވިޝަނުން އެފްއޭއެމްގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުކޮށްފަ އެވެ. އެ ނިންމުމާ އެކު އެ ޑިވިޝަނުގައި މިހާރު އޮތް ހުރިހާ ކްލަބަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ 10 އެކެވެ.

ނިއު އާއި ވިކްޓަރީ އަށް އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތު ލިބެން މި ފަހިވީ ހަ އަހަރަށް ފަހު އެވެ.

ނިއު އަށް އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތު އެންމެ ފަހުން ދިނީ 2018 ގަ އެވެ. ވިކްޓަރީ އަށް އެ ފުރުސަތު އެންމެ ފަހުން ދިނީ 2019 ގަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ނިއު އިން އިސްވެ، ހުށަހަޅަން އުޅުމުން މުސާރައިގެ މައްސަލައިގައި އެ ކްލަބް ޑިސެމްބަރު 2018 ގައި އެފްއޭއެމުން ސަސްޕެންޑް ކުރި އެވެ.

އޭގެ ފަހުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ވިކްޓަރީންނެވެ. މުސާރައިގެ މައްސަލާގައި އެ ކްލަބް ސަސްޕެންޑް ކުރީ 2019 ގެ ޑިސެމްބަރު މަހު އެވެ.

ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހައްލު ކުރުމުން އެ ދެ ކްލަބްގެ ސަސްޕެންޝަން 2022 ގައި އެފްއޭއެމުން އުވާލި އެވެ. އެކަމަކު އެ އެސޯސިއޭޝަންގެ ކޮންގްރސްގައި ތަމްސީލު ކުރުމުގެ ފުރުސަތެއް މިހާތަނަށް އެ ދެ ކްލަބަކަށް ނުލިބެ އެވެ.

އަންނަ މަހު 26 ގައި ބާއްވާ އިންތިހާބީ ކޮންގްރެސްގައި އެ ދެ ކްލަބަށް ވެސް ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.