Roadha Mihaaru
ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލާ ޓެސްޓު އައިޖީއެމްއެޗުން

ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލަން މާބަނޑުއިރު ހަދާ ޓެސްޓު އައިޖީއެމްއެޗުގައި ފަށައިފި

17 ޑިސެމްބަރ 2023

ކުއްޖާ އުފަންވުމުގެ ކުރިން އެއީ ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓު އައިޖީއެމްއެޗްގައި ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުއްޖާ އުފަންވުމުގެ ކުރިން އެއީ ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓު އައިޖީއެމްއެޗްގައި ފަށައިފި އެވެ.

ސިއްހީ ސާމާނު ފޯރުކޮށްދޭ "ވޯލްޑިވްސް" ކުންފުންޏާ ހަވާލުކޮށްގެން ގެނައި މެޝިނުން ޑައުންސިންޑްރަމްގެ އިތުރުން ޕަޓައު ސިންޑްރޯމް، ޓްރައިޕްލޮއިޑީ އަދި ޓާނާ ސިންޑްރޯމް ހުރިތޯ ޓެސްޓު ހެދެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓު އައިޖީއެމްއެޗު މެދުވެރިކޮށް މީގެ ކުރިން ވެސް ހެދި ކަމަށާއި އެކަމަކު އޭރު އެ ޓެސްޓު ހެދީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކަމަށެވެ. އެހެންވެ ނަތީޖާ ލިބެނީ 2-3 ހަފުތާ ފަހުންނެވެ.

"މިހާރު އެއަށްވުރެ އަވަހަށް ނަތީޖާ ލިބިގެންދާނެ ރާއްޖޭގައި ޓެސްޓު ހަދާނީ." އޮފިޝަލް ވިދާޅުވި އެވެ.

މީގެ ދެ ހަފުތާއެއްހާ ކުރިން ހަދަން ފެށި މި ޓެސްޓުތައް ހަދައިދޭނީ ޑޮކްޓަރުގެ ލިޔުމާއެކުގަ އެވެ.

ޓްރައިޕްލޮއިޑީ އަކީ ސެލްއެއްގައި 46 ގެ ބަދަލުގައި ޖުމްލަ 69 ކްރޮމޮޒޮމް ހުންނަ ވަރަށް ނާދިރު ހާލަތެކެވެ. މި ޖެނެޓިކްގެ އާދަޔާ ހިލާފު ކަންކަމުގެ ސަބަބުން މައިބަދައަށް އަސަރުކޮށް ފުރާނައަށް ނުރައްކާވެ އެވެ. އެ ސިންޑްރޯމްގެ ސަބަބުން އާދަޔާ ހިލާފު ގިނަ ކަންތައްތަކެއް ދިމާވެ، އާންމު ގޮތެއްގައި މިސްކެރީޖްވެ ނުވަތަ އަވަހަށް ތުއްތު ކުދިން މަރުވެ އެވެ.

ހަމައެކަނި އަންހެނުންނަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ޓާނާ ސިންޑްރޮމްގެ ނަތީޖާއަކީ އެކްސް ކްރޮމޮޒޯމްގެ ތެރެއިން އެއް ކްރޮމޮޒޯމް (ސެކްސް ކްރޮމޮޒޯމް) ގެއްލުމުން ނުވަތަ ބައިބައިކޮށް ގެއްލުމުންނެވެ. ޓާނާ ސިންޑްރޯމްގެ ސަބަބުން ސިއްހީގޮތުންނާއި ހެދިބޮޑުވުމުގައި ތަފާތު މައްސަލަތައް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި އިސްކޮޅުން ކުރުވިމާއި އޯވަރީ ހެދިބޮޑުނުވުން އަދި ހިތުގެ މައްސަލަތައް ދިމާވުން ހިމެނެ އެވެ.

ޕަޓައު ސިންޑްރޯމް ކިޔަނީ އެ ޑިސްއޯޑާގައި އާންމުކޮށް 2 ކޮޕީގެ ބަދަލުގައި ކްރޮމޮޒޯން 13 އިން ޖެނެޓިކް މެޓީރިއަލްގެ 3 ކޮޕީ ހުންނަ ކަމެކެވެ. ވަރަށް މަދުން ނޫނީ އިތުރު މެޓީރިއަލް އެހެން ކްރޮމޮޒޯން އާ ގުޅިފައި ހުރެދާނެ އެވެ.