Roadha Mihaaru
"ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް"

ސާމާނުތަކަށް އޯޑަރެއް ނުދޭ، ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް: މުއިއްޒުގެ އޮފީސް

16 އޮކްޓޯބަރ 2023

ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބުނެފި އެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ދަނީ އެކި އިދާރާތަކަށް ޒިޔާރަތް ކުރަމުންނެވެ. އެ ޒިޔާރަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވަނީ ސިއްހީ ނިޒާމުގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަންބޮޑުވުންތައް މިއަދު ހިއްސާ ކުރައްވައިފަ އެވެ.

ފިރުޒުލް ވިދާޅުވީ، ލެބޯރެޓަރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވާއިރު އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

"ކޮންމެ އަހަރަކު ދެ ފަހަރު ޕީއޯ ރެއިޒް ކުރަމުން މިދަނީ މިފަދަ ސާމަނަށް. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އައި އިރު ވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުހަވަށް ބޭނުންވާ ސާމާނަށް ޕީއޯ ނުވަތަ އޯޑާ ރެއިސް ކޮށްފައެއް ނުވޭ. އޭގެ ސަބަބުން ފާހަގަ ކުރެވޭ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓެމުންދާ ތަން،" ފިރުޒުލް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ މި ހާލަތު މިގޮތަށް ދެމިގެން ގޮސްފި ނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް. އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ."

ފިރުޒުލް ވިދާޅުވި ގޮތުގައި، މިހާރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ހިދުމަތްތައް ދެމުން ގެންދަނީ އިމެޖެންސީ ސްޓޮކްގައި ހުރި ސާމާނު ބޭނުންކޮށްގެންނެވެ. މިހާތަނަށް ސާމާނަށް އޯޑަރު ނުކުރީ އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހި އޮތުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކޮންމެ އަހަރަކު ދެ ފަހަރު ޕީއޯ ރެއިޒް ކުރަމުން މިދަނީ މިފަދަ ސާމަނަށް. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އައި އިރު ވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުހަވަށް ބޭނުންވާ ސާމާނަށް ޕީއޯ ނުވަތަ އޯޑާ ރެއިސް ކޮށްފައެއް ނުވޭ. އޭގެ ސަބަބުން ފާހަގަ ކުރެވޭ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓެމުންދާ ތަން،"--- ފިރުޒުލް

އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރާއި ނޭޝަނަލް ޔޫރޮލޮޖީ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ބޭރުގެ ކުންފުންޏަށް ފައިސާ ނުދޭތީ ބޮޑު ބިލެއް އެބަ އޮތް ކަމަށާއި އެއީ ޖުމްލަ 5.3 މިލިއަން ޑޮލަރު ކަން ފިރުޒުލް ހާމަކުރެއްވި އެވެ.

ފައިސާ ނުދައްކައި ހުރި ގިނަ ބިލްތަކަކީ އެ ސެންޓަރުތަކަށް ބޭނުންވާ ސާމަނު ފޯރުކޮށްދީފައިވާ އަގުގެ ބިލްތަކަކެވެ.

"މި ބިލްތައް ނުދައްކައި ހުރުމުގެ ސަބަބުން މި ސެންޓަރުތަކުގެ ހިދުމަތް ވެސް ހުއްޓިދާނެ ކަމީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ބަޖެޓްގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި މި އަހަރުގެ ބާކީ ދުވަސްތަކަށް ފައިސާ ހަމަޖެހިފައިވަ ނީ ހަމައެކަނި މުވައްޒަފުންގެ މުސާރަ އަށް ކަމަށެވެ. ތަނުގެ މަރާމާތާއި މެޝިންތަކުގެ މާރާމާތުގެ މަސައްކަތްތައް ވެސް ފައިސާ ނެތުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.