Roadha Mihaaru
މެމްބަރަކަށް 100،000ރ. ލިބޭ ގޮތަށް ފާސްކޮށްފި

މަޖިލިސް މެމްބަރަކަށް މަހަކު 100،000ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

19 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ކަންކަން މިއަދު މާލިއްޔަތު ކޮމިޓީގައި ކުރިއަށް ދިޔައިރު އެންމެ ފުރަތަމަ ހުށަހެޅީ މުސާރައިގެ ގޮތުގައި 82،000ރ. މެންބަރުންނަށް ކަނޑައެޅުމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް ގޮތުގައި 82،000ރ. އެވެ.

ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި އޮފް ދަ ރެކޯޑުގައި ބައެއް މަޝްވަރާއަށް ފަހު އަސާސީ މުސާރަ ވަނީ 55،000ރ. އަށް ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ކޮމިޓީން ފާސްކުރީ މެންބަރުންނަށް 80،000ރ. ގެ މުސާރައެކެވެ.

މި ބަދަލާއެކު ކޮމިޓީ އެލަވަންސްތައް ކުރިއެކޭ އެއްގޮތަށް ވެސް ލިބޭނެ ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000ރ. ގެ އެލަވަންސް ލިބޭއިރު ބޮޑުކުރި މުސާރައާ އެކު މަހަކު 100،000ރ. ގެ މުސާރައެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާގައި ބައެއް މެންބަރުން ވަނީ އަންނަ ދައުރުން ފެށިގެން މި ބަދަލަށް އަމަލުކުރަން ހުށަހަޅުއްވައިފަ އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެ މަޖިލީހަކުން އަމިއްލަ މުސާރަ ބޮޑުކުރުމަކީ ނުބައި ޕްރެކްޓިސްއަކަށް ވެދާނެ ކަމަށާއި ބާކީ އޮތް ހަ ވަރަކަށް މަސް ދުވަހު ބޮޑު ނުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

އެ ކަމަށް ދެކޮޅު ހައްދަވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދައުރު ނިމެން ކުޑަތަން ވެފައިވަނިކޮށް މުސާރަ ބޮޑުކުރަނީ އަންނަ ދައުރުގެ މެންބަރުންނަށް ކަމަށެވެ.

"މަޖިލިސް މެންބަރުން މުސާރަ [މި ދައުރުގައި] ބޮޑުނުކުރާ ވާހަކަ އެބަ ދައްކަވާ. އެއީ ހަގީގަތެއް ނޫން، އެ ބޭފުޅުން ވެސް ބޭނުންވޭ މުސާރަ ބޮޑުވާން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޮޑުކުރަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި މަޖިލީހުން މުސާރަ ކަނޑައަޅާ ހުރިހާ މަގާމުތައް ކަމަށެވެ.

މަޖިލިސް މެންބަރުންނަށް ކުރިން ލިބެނީ ކޮމިޓީ އެލަވަންސާއެކު 80،000ރ އެވެ.