Roadha Mihaaru

އިންޑިއާ އާއި ނޭޕާލުން ވެސް ލޭބަރުން ގެނެވޭ ގޮތަށް ހަދައިފި

ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ އެކު، އިންޑިއާ އާއި ނޭޕާލުގެ އަންސްކިލްޑް ލޭބަރުންގެ ގެނައުމުގެ ހުއްދަ ވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފި އެވެ.

އިންޑިއާ، ނޭޕާލުން ވެސް ލޭބަރުން ގެނެވޭ ގޮތް ހަދައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

20 ޑިސެމްބަރ 2023

ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ އެކު، އިންޑިއާ އާއި ނޭޕާލުގެ އަންސްކިލްޑް ލޭބަރުންގެ ގެނައުމުގެ ހުއްދަ ވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފި އެވެ.

ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މި ހަފުތާގައި އެ ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކުން ރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސާލަން މިނިސްޓްރީން ނިންމި އެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ވަގުތަށް ނޭޕާލާއި އިންޑިއާގެ ލޭބަރުންނަށް ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކަށް ވެސް ކުރިމަގުގައި އެ ހުއްދަ ދޭނެ ކަމަށެވެ.

"އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެން ހަދަން ޖެހޭ އެސެސްމެންޓުތައް ހަދާފައި ނޯމަލް އޮޕަރޭޝަނަށް އާންމުކޮށް މި އޮންނަ ގޮތަށް ބަދަލުކޮށްލާނަން،" އިހުސާން ވިދާޅުވި އެވެ.

އެހެންކަމުން މި ވަގުތު ރާއްޖެ އެތެރެވުމުގެ ހުއްދަ އޮންނާނީ މި ތިން ގައުމުގެ ލޭބަރުންނަށް އެކަންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެ އިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.