Roadha Mihaaru
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި

ފުލުހުންގެ އިމާރާތް އަޅަން ހަވާލުކުރި ކުންފުނި ހޯދިއްޖެ، 3.6 މިލިއަން ޑޮލަރު އެބަހުރި: އިހުސާން

12 މެއި 2024

ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ އިމާރާތްތަކެއް އެޅުމަށް ކުރީ ސަރުކާރުން ހަވާލު ކުރި އިންޑިއާ ކުންފުނި ދެނެގަނެވިފައިވާ ކަމަށާއި 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ) ވެސް އެ ކުންފުނީގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ އިމާރާތްތަކެއް އެޅުމަށް ކުރީ ސަރުކާރުން ހަވާލު ކުރި އިންޑިއާ ކުންފުނި ދެނެގަނެވިފައިވާ ކަމަށާއި 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ) ވެސް އެ ކުންފުނީގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ވަނީ 61 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް 41 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައި އެ މަސައްކަތް އިންޑިއާ ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ.

އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ނިންމާފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށެވެ.

އެހެން ނަމަވެސް އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ލޯނު ހަމަޖައްސައި ދެވެން ނެތް ކަމަށް އެގްޒިމް ބޭންކުން އަންގާފައިވާ ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުން އެޑްވާންސް ފައިސާ މާ ކުރިން އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.

މާޗް 7، 2023 ގައި ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި ނަމަވެސް އެ ކުންފުންޏާއި ފައިސާ އަށް ވެސް ވީނުވީއެއް ނޭނގޭ ކަމަށް އިހުސާން ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ އެ ކުންފުނި މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށާއި އެ ކުންފުނި ދިވެހި ދައުލަތާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ކަމަށެވެ.

ނަމަވެސް އެ ޖޮއިންޓް ވެންޗާ މިހާރު އުވިފައިވާ ކަމަށާއި ސަރުކާރުން ދިން 3.6 މިލިއަން ޑޮލަރު ވެސް އެ ކުންފުނީގައި ހުރި ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދިން ކަމަށް އިހުސާން ވިދާޅުވި އެވެ.

"މިހާތަނަށް ޔަގީންވެ ކަށަވަރުވާ ގޮތުގައި ދިވެހި ދައުލަތުގެ 3.6 މިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާ ކޮށްފައިވޭ، އެ ލާރި އެ މީހުންގެ އަތުގައި އެބަހުރި ކަމަށް އެ މީހުން އެބަ މައުލޫމާތު ދޭ." އިހުސާން ވިދާޅުވި އެވެ.

އެ މަޝްރޫއު ހަވާލު ކުރި ކުންފުނިން ޖޮއިންޓް ވެންޗާ އުވާލުމުން ދިމާވެފައިވާ ގާނޫނީ މައްސަލަ ހައްލުވުމުން 3.6 މިލިއަން ޑޮލަރަށް ވާވަރަށް ރަށްރާށުގައި ފުލުހުންގެ އިމާރާތް އަޅާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރަން މިހާރު ފުލުހަށް ހުށަހަޅާފައިވާ އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ކުރިޔަށް އޮތް ތަނުގައި ހުށަހަޅާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.