Roadha Mihaaru
އިރުފާން ދޫކޮށްލަން ހައި ކޯޓުން މިފަހަރު ތާއީދު!

72 ކިލޯގެ ޑްރަގް: އިރުފާން ދޫކޮށްލި އަމުރަށް ހައި ކޯޓުން މިފަހަރު ތާއީދުކުރުމުން ފުލުހުންގެ ކަންބޮޑުވުން

21 ޑިސެމްބަރ 2023

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއިދު ކުރުމުން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއިދު ކުރުމުން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި 10 މީހަކަށް ދައުވާކުރިއިރު ހަތް މީހެއްގެ ދައުވާ އަނބުރާ ގެންދިޔަ އެވެ.

ދައުވާ އަނބުރާ ނުގެންގޮސް އޮތީ މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ ތިން މީހުންގެ ދައުވާ ކަމަށް ދައުލަތުން ބުނެފައިވާއިރު އޭގެ ތެރޭގައި އިރުފާން ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލާގައި އިރުފާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށް ފަހު މި އަހަރުގެ އޮކްޓޯބަރު މަހު އޭނާ ބަންދުން ދޫކޮށްލި އެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކަނޑައެޅީ އިރުފާން ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމާއި އޭނާ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ދައުލަތުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ކޯޓުން ނިންމީ، ހައި ކޯޓުން ބަންދު ދޫކޮށްލުން ރަނގަޅު ނޫން ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށާއި އެހެންވެ އިރުފާން ބަންދު ނުކުރާށެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ވެސް ދައުލަތުން ހައި ކޯޓުގައި އިސްތިއުފާނުކުރި އެވެ. އެކަމަކު މިފަހަރު ހައި ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ ފަހުގެ ނިންމުން ރަނގަޅު ނޫންކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށާއި އެހެންވެ އެ އަމުރު ރަނގަޅު ކަމަށެވެ.

އެހެންވެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ފުލުހުން ކުރާ އިރުފާން މިނިވަންވެފައިވުމުން ފުލުހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު: އިރުފާންއަކީ މައްސަލާގެ އިސް މީހަކަށްވާތީ ބަންދު ނުކުރި އަމުރު އިސްތިއުނާފު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު: އިރުފާންއަކީ މައްސަލާގެ އިސް މީހަކަށްވާތީ ބަންދު ނުކުރި އަމުރު އިސްތިއުނާފު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރުއާ "މިހާރު" އިން ސުވާލުކުރުމުން ވިދާޅުވީ އުއްމީދުކުރަނީ އިރުފާންގެ މައްސަލައިގައި ބަންދުން ދޫކޮށްލި އަމުރު ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިސްތިއުނާފުކުރުން ކަމަށް ކަމަށެވެ.

"އެ މައްސަލާގައި އެންމެ އިސް ފަރާތް ކަމަށްވާތީ އޭނާ ބަންދު ކުރުމަށް މައްސަލަ އެޕީލް ކުރުމުގެ މަސައްކަތް ކުރާނެ އުއްމީދު ކުރަނީ،" ޝާކިރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ޑްރަގުގެ ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތު ނުވެ، މީހުން ދޫވެގެން ގޮސްފައިވާ ސަބަބު ދެނެގަތުމަށް ހާއްސަ އޮޑިޓެއް ހަދަން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓްރީ އާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއި ފުލުހުންނެވެ.

"ސަބަބުތައް ދެނެގަތުމަށް ފަހު ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް މި އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ކުރާ ތަހުގީގުގައި ވެސް އަދި ޕީޖީ އޮފީހާ އެކު، ކުރާ މަސައްކަތުގައި ވެސް އަދި ތަހުގީގުގެ އެކިއެކި މަރުހަލާތަކުގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް އިދާރީ ކަންކަމާއި އަދި އެހެން ވެސް ކަންކަމާ ގުޅިގެން އަތް ދަށުން ދޫވެގެންދާ ބޮޑެތި ކުށްތައް ކުރާ މީހުން ދޫވެގެން ނުދާނެ ގޮތަކަށް މަސައްކަތް އެބަ ކުރަން،" މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޑްރަގުގެ ބޮޑެތި އޮޕަރޭޝަންތައް ފުލުހުން ހިންގި ނަމަވެސް، އެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް އަދަބު ނުދެވި ދޫވާ މައްސަލައިގައި ފުލުހުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. ނަމަވެސް، ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ފާހަގަކުރަނީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާގައި ދައުލަތުން އިދާރީ ގޯސްތައް ހަދާފައި ހުންނަ ކަމެވެ.

ބޮޑެތި ކުށްވެރިން ދޫވާ މައްސަލާގައި ރިޝްވަތާއި ނުފޫޒުގެ ތުހުމަތުތައް ވެސް ފުލުހުންނާއި ކޯޓުތަކުގެ މައްޗަށް ކުރެވެ އެވެ.