Roadha Mihaaru
ކޯޓުން މޮޅުވިއަސް ކުލަބުތައް ސުޕަ ލީގާ ދެކޮޅު

ކޯޓުން ކާމިޔާބު ހޯދިއަސް ކުލަބުތައް ސުޕަ ލީގާ ދެކޮޅު

24 ޑިސެމްބަރ 2023

ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވެރިން އަޑީގައި ތިބެގެން 2021 ވަނަ އަހަރު ލޯންޗް ކުރި ޔޫރަޕިއަން ސުޕަ ލީގާ އެއްކޮޅަށް ޔޫރަޕިއަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވުމާ އެކު ވެސް، ބޮޑެތި ގިނަ ކްލަބްތަކަކުން އަންނަނީ މުބާރާތާ ދެކޮޅުކަން ހާމަކޮށް ބަޔާންތައް ނެރެމުންނެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވެރިން އަޑީގައި ތިބެގެން 2021 ވަނަ އަހަރު ލޯންޗް ކުރި ޔޫރަޕިއަން ސުޕަ ލީގާ އެއްކޮޅަށް ޔޫރަޕިއަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވުމާ އެކު ވެސް، ބޮޑެތި ގިނަ ކްލަބްތަކަކުން އަންނަނީ މުބާރާތާ ދެކޮޅުކަން ހާމަކޮށް ބަޔާންތައް ނެރެމުންނެވެ.

އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ލީގުގެ މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް އަދި ޗެލްސީގެ އިތުރުން، ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި އިންޓަ މިލާން ފަދަ ކްލަބްތައް ހިމެނެ އެވެ. ރެއާލާއި ބާސާ ފިޔަވައި ސްޕެއިންގެ ނުވަ ކްލަބަކުން ވެސް ވަނީ ފާޅުގައި ސުޕަ ލީގާ ދެކޮޅުކަން ހާމަކޮށް ބަޔާން ނެރެފަ އެވެ.

ޔޫރަޕިއަން ސުޕްރީމް ކޯޓުން ނިންމި ގޮތުގައި ސުޕަ ލީގު އިއުލާން ކުރިތާ 72 ގަޑިއިރު ތެރޭ ފީފާ އާއި ޔޫއެފާ އިން މުބާރާތް މަނާ ކުރަން ނިންމީ ގާނޫނާ ހިލާފަށް ނުފޫޒުގެ ބޭނުން ކޮށްގެން ކަމަށާއި، އެފަދަ މުބާރާތްތައް ބާއްވަން ޔޫރަޕިއަން ޔޫނިއަންގެ ކުޅިވަރު މުބާރާތް ބާއްވާ ގާނޫނުން ހުރަހެއް ނެތް ކަމަށެވެ.

ހަމަ އެއާ އެކު ސުޕްރީމް ކޯޓުން ހާމަކުރި ގޮތުގައި، ކޯޓުގެ މި ނިންމުމުގެ މާނައަކީ ސުޕަ ލީގު ހުއްދަ ކުރަން މަޖުބޫރުކުރުން ނޫން ކަމަށާއި ނަމަވެސް ކޯޓުން ފީފާ އާއި ޔޫއެފާއާ ދެކޮޅަށް މައްސަލަ ނިންމާފައި ވަނީ، މުބާރާތުގެ ޕްރޮޖެކްޓާ މެދު ދެ އެސޯސިއޭޝަނުން ގޯސް ކޮށް ގޮތް ނިންމާފައި ވާތީ އެވެ.

ކޯޓުން ކާމިޔާބު ލިބުމާ ގުޅިގެން، ސުޕަ ލީގު ހިންގާ އޭ 22 ސްޕޯޓްސް މެނޭޖްމަންޓްގެ ސީއީއޯ ބާންޑް ރީޗާޓް ބުނީ، ކުލަބްތައް މިވަނީ ބައެއްގެ އަޅުވެތިކަމުން މިނިވަން ވެފައި ކަމަށެވެ.

ކޯޓުން ކާމިޔާބު ލިބުމާ އެކު އޭ 22 ސްޕޯޓްސް އިން ވަނީ 64 ޓީމު ހިމެނޭހެން ތިން ޑިވިޝަނަކަށް މުބާރާތް ކުޅޭނެ އާ ފޯމެޓެއް އިއުލާން ކޮށްފަ އެވެ. ހަމަ އެއާ އެކު 32 ޓީމު ހިމެނޭ އަންހެން ޑިވިޝަންގެ މުބާރާތެއް ވެސް އޭ 22 ސްޕޯޓްސް މެނޭޖްމަންޓުން އިއުލާން ކުރި އެވެ.

ނަމަވެސް ކްލަބްތަކުން ބުނަނީ، ޔޫއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންގެ ނިންމުންތަކާ ހިލާފު ނުވާނެ ކަމަށެވެ. އަދި 2021 ވަނަ އަހަރު ޔޫއެފާ އާއި ފީފާގެ އިންޒާރާއި ސަޕޯޓަރުންގެ ނުރުހުންތަކާ އެކު ސުޕަ ލީގުން ވަކިވި ކްލަބްތައް ވެސް ހާމަކުރާ ގޮތުގައި އަލުން ސުޕަ ލީގާ ގުޅުމުގެ ވިސްމުމެއް އެ ކްލަބްތަކުން ނުގެންގުޅެ އެވެ.

ސުޕަ ލީގުގެ ފައުންޑިން މެމްބަރުން ގޮތުގައި 2021 ވަނަ އަހަރު ހިމެނުނު 12 ކްލަބްގެ ތެރެއިން 10 ކްލަބަކުން ސުޕަ ލީގާ ދެކޮޅު ހަދަމުން އައި ނަމަވެސް، ބާސެލޯނާ އާއި ރެއާލް މެޑްރިޑުން އަދިވެސް ތިބީ ސުޕަ ލީގުގެ ޕްލޭން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަކީ ސުޕަ ލީގު އިއުލާން ކުރި އިރު އެ ލީގުގެ ޗެއާމަނެވެ. ކޯޓުން ސުޕަ ލީގާ އެއްކޮޅަށް ނިންމި ނިންމުމާ އެކު ޕެރޭޒް ވަނީ، މިއީ "ފުޓްބޯޅައިގެ ތާރީހަށް ލިބުނު ބޮޑު އުފަލެއް" ގޮތުގައި ސިފަ ކޮށްފަ އެވެ.