Roadha Mihaaru

ވޯލްޑް ކަޕްގައި އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލުން

އަންނަ ޖޫން ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރު ނަގައިފި އެވެ.

ވޯލްޑް ކަޕްގައި އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

06 ޑިސެމްބަރ 2025

އަންނަ ޖޫން ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރު ނަގައިފި އެވެ.

ފުރަތަމަ ފަހަރަށް 48 ޓީމާ އެކު ބާއްވާ ވޯލްޑް ކަޕްގައި އެންމެ ޝައުގުވެރި ގުރޫޕަކީ އައި އެވެ. އެ ގުރޫޕްގައި ފްރާންސާއި ނޯވޭ ލައްވާލުމުން ކިލިޔަން އެމްބާޕޭ އާއި އާލިންގް ހާލަންޑްގެ ކުރިމަތިލުމެއް ފެންނާނެ އެވެ.

މަޝްހޫރު ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަޅަކިޔައި ވާދަވެރިކަން އުފެއްދުމުގައި މީޑިއާތަކުން އަދާކުރި ދައުރު މިހާރު ވަނީ ނިމިފަ އެވެ. އެ ދެ ލެޖެންޑުންނަށް ހާއްސަކުރި ވަރުގެ ކަވަރޭޖެއް އެމްބާޕޭ އާއި ހާލަންޑަށް އަދި ނެތް ނަމަވެސް މިޑީއާތަކުގައި މިހާރު އެންމެ ބޮޑަށް އަޅާކިޔަނީ އެ ދެ ކުޅުންތެރިންގެ މެދުގަ އެވެ. އަންނަ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި މި ދެ ކުޅުންތެރިން ކުރިމަތިލާން ޖެހުމުން މީޑިއާގެ ކަވަރޭޖް މިހާރު ވެސް ވަނީ ބޮޑުވެފަ އެވެ.

ފްރާންސަކީ އެންމެ ފަހުގެ ރަނަރަފެވެ. ވޯލްޑް ކަޕް އަނެއްކާވެސް ކާމިޔާބުކޮށްފާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. އެ ގުރޫޕްގައި ދެނެ ހިމެނެނީ ސެނެގޯލާއި ޕްލޭއޮފް މަރުހަލާއިން އަންނާނެ ޓީމަކަށް ކަނޑައަޅާފައިވާ ޖާގަ އެވެ. ކޮރެއާ އާއި ޖަޕާނުގައި 2002 ގެ ވޯލްޑް ކަޕްގައި ސެނެގޯލުން ވަނީ ފްރާންސް ބަލިކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ފްރާންސް ކަޓައިގެން ދިޔައީ އެވެ.

ވޯލްޑް ކަޕްގެ ގުރު ލައްވާލި ގޮތް

ވޯލްޑް ކަޕްގެ ގުރު ލައްވާލި ގޮތް

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ހިމެނެނީ ގުރޫޕް ޖޭގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރިއާ އާއި އަލްޖީރިއާ އަދި އުރުދުން އެވެ.

ވަރުގަދަ ގުރޫޕްތަކެއްގެ ގޮތުގައި ބެލެވުނު ދެ ގުރޫޕަކީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ރަނަރަފް އިންގްލެންޑް ލައްވާލި ގުރޫޕްތަކެވެ.

ސްޕެއިން ލައްވާލީ އުރުގުއޭ އާ އެކު ގުރޫޕް އެޗްގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ކޭޕް ވާޑޭ އާއި ސައުދީ އަރަބިއާ އެވެ. އިންގްލެންޑް ލައްވާލީ ކްރޮއޭޝިއާ އާއި ގާނާ އަދި ޕެނަމާ ހިމެނޭ ގުރޫޕް އެލްގަ އެވެ.

ވޯލްޑް ކަޕާ އެންމެ ރައްޓެހި ބްރެޒިލް ލައްވާލީ މޮރޮކޯ އާއި ސްކޮޓްލެންޑް އަދި ހެއިޓީއާ އެކު ގުރޫޕް ސީ ގަ އެވެ.