Roadha Mihaaru
ކާލްގެ އަމާޒު: ކަސްޓަމަރުން ލޯބިވާ ބޭންކަކަށް ހެދުން

ކާލްގެ އަމާޒު: ކަސްޓަމަރުން ލޯބިވާ ބޭންކަކަށް ހެދުން

26 ޑިސެމްބަރ 2023

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކާ ބީއެމްއެލްއާ ގުޅިވަޑައިގަތީ، އެ ބޭންކަކީ ރަނގަޅު ބޭންކަކަށްވެ، ކުރިއަށް ގެންދާނެ ފުރުސަތުތައް ފަހި ކުރެވޭނެ ބޭންކަކަށް ވާތީ އެވެ. ބޭންކާ ގުޅިވަޑައިގެން މަސައްކަތް ފެއްޓެވި އިރު އެންމެ ތަފާތު ކަމެއްގެ ގޮތުގައި އޭނާ އަށް ފާހަގަވީ، ތިން ލައްކަ ކަސްޓަމަރުން ތިބި ނަމަވެސް، ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ބޭންކާ މެދު ދެކޭ ގޮތް އެހާ ރަނގަޅު ނުވުމެވެ. އެއީ އޭނާ އަށް "ސަޕްރައިޒް" އެއް ލިބުނު ކަމެއް ނަމަވެސް، ކާލް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެކަން ބަދަލުކޮށް، އާންމުން ބަލައިގަންނަ ފަދަ ބޭންކަކަށް ހެދުމަށް ކަމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކާ ބީއެމްއެލްއާ ގުޅިވަޑައިގަތީ، އެ ބޭންކަކީ ރަނގަޅު ބޭންކަކަށްވެ، ކުރިއަށް ގެންދާނެ ފުރުސަތުތައް ފަހި ކުރެވޭނެ ބޭންކަކަށް ވާތީ އެވެ. ބޭންކާ ގުޅިވަޑައިގެން މަސައްކަތް ފެއްޓެވި އިރު އެންމެ ތަފާތު ކަމެއްގެ ގޮތުގައި އޭނާ އަށް ފާހަގަވީ، ތިން ލައްކަ ކަސްޓަމަރުން ތިބި ނަމަވެސް، ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ބޭންކާ މެދު ދެކޭ ގޮތް އެހާ ރަނގަޅު ނުވުމެވެ. އެއީ އޭނާ އަށް "ސަޕްރައިޒް" އެއް ލިބުނު ކަމެއް ނަމަވެސް، ކާލް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެކަން ބަދަލުކޮށް، އާންމުން ބަލައިގަންނަ ފަދަ ބޭންކަކަށް ހެދުމަށް ކަމަށެވެ.

ކަސްޓަމަރުން ބޭނުންވެގެން، ހިދުމަތް ހޯދާ ބޭންކަކަށް ހެދުމަށް އޭނާ ގެންދަވަނީ ކުންފުނީގެ ބައެއް ކަންކަމަށް ބަދަލުތައް ގެންނަމުންނެވެ. މިއީ އެކަންކަމާ ގުޅޭ ގޮތުން އޭނާ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއު އެވެ.

ބީއެމްއެލް ސީއީއޯ ކާލް ސްޓުމްކަ. އޭނާ އަންނަނީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބީއެމްއެލް ސީއީއޯ ކާލް ސްޓުމްކަ. އޭނާ އަންނަނީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

1. ކަސްޓަމަރުން ބޭނުންވާ ކަންކަމަށް ބަދަލު އަންނަ އިރު، އެ ކަންކަމަށް ހައްލެއް ހޯދުމަށް ބޭންކުން ވަކި މަސައްކަތްތަކެއް ކުރައްވަންތޯ؟

ރާއްޖޭގައި މިހާރު ބީއެމްއެލް އިން މި ދޭ ހިދުމަތްތަކަކީ، ދުނިޔޭގެ މަޝްހޫރު އެހެން ބޭންކްތަކުން ވެސް ދޭ ހިދުމަތްތައް. އެއް ޕްރޮޑަކްޓްތަކެއް މި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެނީ. ރާއްޖޭގައި އޮތީ ވަރަށް ޒުވާން އާބާދީއެއް. މޯބައިލް އާއި އިންޓަނެޓް ބޭންކިން ބޭނުން ކުރާ މިންވަރު ވަރަށް ގިނަ. އަދި ޑިޖިޓަލް ހިދުމަތްތައް އިހްތިޔާރު ކުރާ ވަރު އިތުރުވުމަކީ އާ ކަމެއް ނޫން. މިކަން މިހެން އޮތް އިރު ބޭންކްގެ އެބަ އޮތް ސޯޝަލް ރެސްޕޮންސިބިލިޓީއެއް ވެސް. ބީއެމްއެލްއެއް ބްރާންޗުތަކުން ދޭ ހިދުމަތް ހުއްޓާލައިގެން، އެއްކޮށް ޑިޖިޓަލްވާކަށް ނުވިސްނަން.

އާބާދީގައި އަދިވެސް އެބަ އުޅޭ ބްރާންޗުތަކަށް ގޮސް ހިދުމަތް ހޯދަން ބޭނުންވާ މީހުން ވެސް. ބޮޑަށް އެ ހިދުމަތްތަކަށް އެދެނީ އުމުރުން ދުވަސްވީ މީހުން. އެ ފަރާތްތަކުން ޑިޖިޓަލް ހިދުމަތްތަކަށް ބަދަލުވާން އަދި ދުވަސް ނަގާނެ. އެހެންވީމަ ބޭންކުން މަސައްކަތް ކުރާނީ ޑިޖިޓަލް ހިދުމަތްތަކާއި ކުރިން ހިދުމަތް ދޭ ގޮތަށް ވެސް ކަސްޓަމަރުން ބޭނުން ނަމަ އެކަން އެގޮތަށް ކުރެވޭނެ ގޮތްތަކެއް ފަހިކޮށްދީގެން.

ނަމަވެސް، ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ، ބްރާންޗްތަކުގެ ބޭނުން ކުރާ ވަރު މަދުވާނެ ކަމަށް މި ބަލަނީ. އޭރުން ފަހަރެއްގައި ބްރާންޗުތައް މަދުކޮށް، ނޫނީ ކުރިން ބޭނުން ކުރި ބްރާންޗުތައް ބޭނުން ކުރާ ގޮތްތަކަށް ބަދަލުތައް އައިސްފާނެ. މި ވަގުތު ވެސް ބޭންކްގެ 90 ޕަސެންޓް ޓްރާންސެކްޝަން ހިންގަނީ ޑިޖިޓަލްކޮށް.

2. ބްރާންޗުތައް މަދު ކުރުމަށް ހާއްސަ ޕްލޭނެއް އެބަ އޮތްތޯ؟

މި ވަގުތަކު ބްރާންޗުތައް މަދު ކުރަން ޕްލޭނެއް ނެތް. އެކަމަކު ވަގުތާ އެކު އެކަމަށް ބަދަލު އަންނާނީ. ކަސްޓަމަރުންގެ ޑިމާންޑަށް ބެލުމަށް ފަހު އެކަންކަމަށް ބަދަލު ގެންނާނީ. ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ކަންކަން ބަދަލު ކުރާނީ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބޭންކަށް އިތުރު ބްރާންޗުތަކެއް ބޭނުމެއް ނުވޭ. ރާއްޖޭގެ އާބާދީ ގިނަ ރަށްތަކަކަށް ބެހިފައި އޮތުމުން، ކަސްޓަމަރުން ކޭޝް ފޯރުކޮށްދިނުމަކީ ވެސް ހަރަދު ބޮޑު ކަމެއް. އެހެންވެ، މޯބައިލް ބޭންކުން ހިދުމަތް ހޯދާ ވަރު އިތުރުވޭ. އެކަމަކު އަދިވެސް، ނަގުދު ފައިސާ އަށް ބަރޯސާވާ ކުޑަ އާބާދީއެއް އެބަ އޮތް. އެހެންވެ، އެ މީހުންގެ ބޭނުންތައް ފުއްދަން ބްރާންޗުތައް ބަހައްޓަން ޖެހޭ.

3. ރާއްޖޭގެ ޓޫރިޒަމް ސެކްޓަރު އެއް އަހަރުން އަނެއް އަހަރަށް ފުޅާވަމުން ދިޔަ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރުމަކަށް އެއްވެސް ބަދަލެއް ނާދޭ. އަދި ކަޅު ބާޒާރު ރޭޓު ކޮންޓްރޯލް ކުރެވޭތަނެއް ވެސް ނުފެނޭ. ކާލް ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގައި ވިޔަފާރިތަކާއި އާންމުންނަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދެވޭނީ ކޮން ގޮތަކުންތޯ؟

މިކަމުގައި އަޅުގަނޑު ދެކޭ ގޮތެއް ނެތް. އެކަމަކު، ތި ސުވާލުން އެނގޭ "ކަޅު ބާޒާރެ"އް އޮތްކަން ގަބޫލު ކުރާކަން. ކަޅު ބާޒާރެއް އޮވެ، އެ ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓާ ބޭންކުން ވާދައެއް ނުކުރަން. ވާދަ ނުކުރާ ކަމުގައިވާ ނަމަ، ބޭންކަކަށް ޑޮލަރެއް ވަކި ނުލިބޭނެ. އާންމު ދިވެއްސަކު ބޭނުން ވަނީ 1،000 ޑޮލަރު ވިއްކަން 18ރ. ރޭޓުން. އެހެންވީމަ އޭނާ ކީއްކުރަން ބޭންކެއް މެދުވެރިކޮށް އެ މުއާމަލާތް ކުރާނީ.

އެހެންވީމަ، ކަޅު ބާޒާރާއި ރަސްމީ މާކެޓު ރޭޓާ ވާދަ ކުރެވޭނެ ހާލަތެއް ކުރިމަތިވެގެން ނޫން ގޮތަކަށް، މިކަމުގައި ހައްލެއް ނޫން. އެހެންވީމަ ކަޅު ބާޒާރު ހުއްޓިގެން ނޫން ގޮތަކަށް ބޭންކްތަކުގައި ޑޮލަރު ހިފެހެއްޓޭނެ ގޮތެއް ނެތް.

4. ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމުގައި ކާޑު ލިމިޓުތަކެއް އެބަވޭ ކަނޑައަޅާފައި. އެ ލިމިޓު އުވާނުލެވި އެހާ ދުވަސްވަނީ ކީއްވެތޯ؟

ކޮވިޑް ދުވަސްވަރު ލިމިޓު ކަނޑައެޅި ނަމަވެސް، މި ވަގުތު އެ ލިމިޓް އޮތީ، ކޮވިޑާ ހެދިއެކޭ ނުބުނެވޭނެ. މިސާލަކަށް 100 ޑޮލަރު މި ގަންނަނީ. އެހެންވިއްޔާ ވިއްކެން ވެސް ޖެހޭނީ 100 ޑޮލަރަށް ހަމަ. އެކަމަކު މި ވާގޮތަކީ 100 ޑޮލަރު ގަތީމަ 125 ޑޮލަރަށް އެބަ ވިއްކޭ.

ހަގީގަތަކީ، ބީއެމްއެލް އިން ބޭނުންވޭ ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ލިމިޓެއް ނެތި ބޭނުން ކުރެވޭ ގޮތް ހަދަން. ބޭންކަށް މާ ފައިދާ ވެސް ވާނެ. އެކަމަކު ޑޮލަރުގެ މައްސަލަ ހައްލުނުވެ، ބޭންކަށް ކަޅު ބާޒާރުގެ އަގާ ވާދަ ނުކުރެވެންޏާ، އެކަން ހައްލެއް ނުވާނެ. ޑޮލަރު ބޭންކަށް ވަންނަ ވަރު އިތުރުވާ ވަރަކުން ލިމިޓަށް ބަދަލު ގެނެވޭނީ.

މިކަން ހައްލު ކުރަން ކަމާ ގުޅޭ އިދާރާތަކާ އެކު އެބަ މަސައްކަތްތަކެއް ކުރަން. ކުރިއަށް އޮތް ތިން މަސްތެރޭ އެކަމަށް ބަދަލުތަކެއް ގެންނާނަން.

5. ބޭންކަށް އީޖާދީ ބަދަލުތަކެއް ގެނައުމަށް އެބަ މަސައްކަތްތައް ކުރޭތޯ؟

މީގެ ކުރިން އަޅުގަނޑުވާނީ ފުލް ޑިޖިޓަލް ބޭންކެއްގައި ވެސް މަސައްކަތްކޮށްފައި. އަމާޒަކީ ބޭންކުން ދޭ ހިދުމަތްތައް ވީހާ ވެސް ބޮޑަކަށް ޑިޖިޓަލް ކުރުން. އަންނަ އަހަރު އެންމެ ބޮޑަށް ބަލާނީ، އޭއައި އާއި ރޮބޮޓިކް ވަސީލަތްތަކާ އެކު ބައެއް ހިދުމަތްތައް ދޭނެ ގޮތްތައް ފަހި ކުރުން. އާންމުކޮށް މީހުން ކުރަން ފޫހިވާ ކަންކަން އޭއައި މެދުވެރިކޮށް ބަދަލު ކުރެވޭނެ ގޮތްތައް މިބަލަނީ. މިސާލަކަށް ޓީޓީ ހިދުމަތް. އަދި ވަޒީފާ އަދާ ކުރާ މީހުން "ކްރިއޭޓިވް" މަސައްކަތްތަކުގައި އުޅެވޭނެ ގޮތްތައް ހެދުމަށް އިސްކަން ދޭނަން.

ބައެއް ހިދުމަތްތައް އޮޓަމޭޓުކޮށް، ހިއުމަން އެރާ މަދުކުރެވޭނެ ފަދަ ގޮތަކަށް ބޭންކްގެ ހިދުމަތްތައް ބަދަލު ކުރުމަށް މަސައްކަތް ކުރާނަން. އެފަދަ އެރާތައް މަދުވާ ވަރަކަށް ކަސްޓަމަރުން ހިތްހަމަޖެހޭ ވަރު ވެސް އިތުރުވާނެ. އަދި ކަސްޓަމަރުންނަށް އަމިއްލައަށް ވަރަށް ގިނަ ކަންކަން ކުރެވޭނެ ގޮތްތަކަށް ހިދުމަތްތައް ބަދަލު ގެނައުން.

ކަސްޓަމަރުން ބޭނުންވާ ލިމިޓުތައް އަމިއްލަ އަށް އިހުތިޔާރު ކުރެވޭނެ ގޮތް ފަހިކޮށްދިނުން. މިސާލަކަށް ޓްރާންސްފާ ކުރުމުގައި ބޭނުންވާ ލިމިޓު. އަދި ޑެއިލީކޮށް ޓްރާންސްފާ ކުރާނެ ވަރު އަމިއްލަ އަށް ކަނޑައެޅުމުގެ ފުރުސަތު ދިނުން. އަދި ކްރެޑިޓް ކާޑުގެ ލިމިޓު އަމިއްލަ އަށް ކަނޑައެޅޭނެ ގޮތް ހެދުން.

ކާލް ދިޔަ ބީއެމްއެލްގެ ބްރާންޗުތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކާލް ދިޔަ ބީއެމްއެލްގެ ބްރާންޗުތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

6. ބޭންކުން ވަނީ ބޭރު ގައުމަކަށް ބީއެމްއެލްގެ ހިދުމަތް ފުޅާ ކުރާނެ ކަން އިއުލާނުކޮށްފައި. ކޮބައިތޯ އެކަމުގެ އަޕްޑޭޓަކީ؟

އެކަން ކުރަން ބޯޑުން މިހާރު ވަނީ އެޕްރޫވަލް ލިބިފައި. އެހެންވެ އެކަމަށް ބޭނުންވާ މަސައްކަތްތައް މިވަނީ ފަށާފައި. އެއީ ކޮން ހިދުމަތެއްތޯ އާއި ކޮން ގައުމެއްކަން ހާމަކުރަން އަދި އަވަސް. އެކަމަކު ކުރިއަށް އޮތް ތިން މަސް ތެރޭ، އެކަމުގެ މައުލޫމާތުތައް ހާމަކުރާނަން.

7. މި ވަގުތު ދުނިޔޭގެ އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބޭންކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ؟

ބީއެމްއެލް އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ މުޅި ބޭންކިން ސެކްޓާ އަކީ ބީއެމްއެލް އަށް ވުން. މި ބޭންކުން ޑޮމިނޭޓު ކުރޭ 55 ޕަސެންޓް މާކެޓު ޝެއާ. އެހެންވެ، އިގްތިސާދު ފުޅާވާ މިންވަރަށް ވުރެ އިތުރަށް ބޭންކު ފުޅާކުރަން އަބަދުވެސް އުނދަގޫވޭ. އިގްތިސާދު ރަނގަޅު ނަމަ، ބީއެމްއެލް ވެސް ރަނގަޅުވާނެ. އިގްތިސާދު ހީނަރުވާ ނަމަ، ބޭންކަށް ވެސް ހީނަރުކަން ކުރިމަތިވާނެ.

އެހާ ބޮޑު މާކެޓު ޝެއާއެއް އޮތުމުން ބޭންކްގެ އާމްދަނީ އެހެން ދާއިރާތަކަށް ބަދަލު ކުރަން ވެސް އުނދަގޫތައް ކުރިމަތިވޭ. ބޭންކްގެ އިންކަމް ސްޓްރީމް ޑައިވާސިފައި ކުރުމަކީ އޮތް ބޮޑު ގޮންޖެހުމެއް. އާމްދަނީ ފުޅާ ކުރެވޭނެ ގޮތްތަކާ މެދު އެބަ އޮތް ޕްލޭނެއް. އެކަންކަން ބޯޑަށް ހުށަހެޅި، މަޝްވަރާކޮށް، ގޮތްތަކެއް ނިންމާނަން.

8. ކުރިއަށް އޮތްތަނުގައި ބީއެމްއެލް ކުރިއަށް ގެންދިއުމަށް އޮތް ޕްލޭނަކީ ކޮބައިތޯ؟

ބޭންކުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަންކަން ބަދަލު ކުރަން އެބަޖެހޭ. އަޅުގަނޑު ގަބޫލު ކުރަނީ، ކަސްޓަމަރުން ބީއެމްއެލްގެ ހިދުމަތް ހޯދަން ޖެހޭނީ ބޭނުންވެގެންނޭ، މަޖުބޫރު ވެގެންނެއް ނޫނޭ. އެކަން ހާސިލުކުރަން ކުންފުނީގެ ބައެއް އުސޫލުތައް އެބަ ބަދަލު ކުރަން ޖެހޭ. ކަސްޓަމަރުންނާ ގާތް ގުޅުމެއް ބާއްވާ ބޭންކަކަށް އެބަ ހަދަން ޖެހޭ.

މިހާރު ވެސް ބޭންކު 4:00 އަށް ހުޅުވާފައި ހުއްޓަސް ބައެއް ހިދުމަތްތައް ދެނީ 12:00 އާ ހަމައަށް. އެފަދަ ކަންކަން އެބަޖެހޭ ބަދަލުވާން. ކަސްޓަމަރުން ބޭނުންވާ ވަގުތެއްގައި އެ ބޭނުންވާ ހިދުމަތް ފަސޭހައިން ލިބޭ ގޮތަށް އެބަ ބަދަލު ކުރަން ޖެހޭ. ކަސްޓަމަރުން އެޕޮއިންޓްމެންޓް ހައްދައިގެން ބޭންކުގެ ހިދުމަތް ހޯދާ ސަގާފަތް ބަދަލުކޮށް، ބޭނުންވާ ވަގުތެއްގައި ހިދުމަތް ލިބޭނެ ގޮތް ހަދަން ޖެހޭ.