Roadha Mihaaru
ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް، ނަތީޖާއަކީ ސުމެއް

ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް، ނަތީޖާ ހަމަ ސުމެއް

27 ޑިސެމްބަރ 2023

ރާއްޖޭގައި ގާނޫނުތައް ލިޔަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި މުއްސަނދި އަދި އެންމެ ވަސީލަތްތައް ހުރި ގައުމުތަކުގެ ފެންވަރުގަ އެވެ. ނަމަވެސް އެ ނިޒާމު ރާއްޖޭގައި ތަންފީޒު ކުރަން އޮތީ 1990 ވަނަ އަހަރުގެ ބަޖެޓާއި ވަސީލަތްތަކެވެ. މިއީ ދައުލަތުގެ އިސް ބޭފުޅަކު ވިދާޅުވި ވާހަކައެކެވެ. ޒަމާނީ ފެންވަރަށް ރާއްޖޭގައި ނިޒާމުތައް ބަދަލު ކުރަމުން އަންނައިރު، ނަތީޖާއެއް ނުފެންނަ ކަމުގެ ޝަކުވާ އަބަދުވެސް އަންނަނީ ސަބަބުތަކެއް އޮވެގެންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ގާނޫނުތައް ލިޔަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި މުއްސަނދި އަދި އެންމެ ވަސީލަތްތައް ހުރި ގައުމުތަކުގެ ފެންވަރުގަ އެވެ. ނަމަވެސް އެ ނިޒާމު ރާއްޖޭގައި ތަންފީޒު ކުރަން އޮތީ 1990 ވަނަ އަހަރުގެ ބަޖެޓާއި ވަސީލަތްތަކެވެ. މިއީ ދައުލަތުގެ އިސް ބޭފުޅަކު ވިދާޅުވި ވާހަކައެކެވެ. ޒަމާނީ ފެންވަރަށް ރާއްޖޭގައި ނިޒާމުތައް ބަދަލު ކުރަމުން އަންނައިރު، ނަތީޖާއެއް ނުފެންނަ ކަމުގެ ޝަކުވާ އަބަދުވެސް އަންނަނީ ސަބަބުތަކެއް އޮވެގެންނެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ އެކު އެންމެ އަވަސް އަދި ބޮޑު ބަދަލެއް އައީ އަދުލުގެ ނިޒާމަށެވެ. ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމުގެ ގޮތުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ސޮޔާއެކު ވުޖޫދަށް އައި ގާނޫނު އަސާސީގެ ކޮޕީތައް މީހުންގެ އަތަށް ނުލިބެނީސް، ޖިނާއީ އަދުލުގެ ނިޒާމު އެއްކޮށް އަނެއް ފުށަށް ޖަހާލާ ބޮޑު ބަދަލެއް ގެނަ އެވެ. ނަމަވެސް ބަދަލުނުވީ އެ ބިޔަ ނިޒާމު ހިންގަން ހުރި ވަސީލަތްތަކެވެ.

ގާނޫނުއަސާސީ އަށް 15 އަހަރު ފަހުން މިއަދު ވެސް ހާލަތަކީ މިއީ އެވެ. ބައެއް މުއައްސަސާތައް ދުނިޔޭގެ ފެންވަރަށް ކުރިއަރައިގެން ދިޔަޔަސް، ފުރިހަމަ ނިޒާމު ހިންގަން ހުރި ކޯޓުތަކާއި ޝަރުއީ ދާއިރާގެ ވަސީލަތްތައް އޮތީ ބަޔަކު ލޮލުން ކަރުން އަންނަހާ ދަތި ހާލެއްގަ އެވެ. ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތް އެ ކުރަނީ ޖާގަ ނެތިގެން ދަންފަޅި ބަހައިގެންނެވެ. ދެން ހުރި ކޯޓުތައް ވެސް ހަމަ އެހާމެ ދަތި ހާލެއްގަ އެވެ. ނަމަވެސް އެންމެން ވެސް އުއްމީދު މި ކުރަނީ އެމެރިކާ ފެންވަރުގެ ޝަރުއީ ނިޒާމަކަށެވެ.

"އެއްވެސް ޝަރީއަތެއް ގާނޫނުގައި ބުނާ ދުވަހަކަށް ނުނިންމޭ."

ހަމައެހެންމެ، މާ ބޮޑު މައްސަލަތަކެއް ނެތި ރާއްޖޭގައި ހިންގަމުން އައި މަދަނީ އަދުލުގެ ނިޒާމު ހުއްޓުމަކަށް އައީ ބޭރު ގައުމެއްގެ މަދަނީ އަދުލުގެ ނިޒާމު ކޮޕީކޮށްގެން މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނުގެ ހިސާބުންނެވެ. އެ ގާނޫނުގެ ދަށުން ގެނައި ނިޒާމަކީ މިހާރު ކޯޓުތަކާއި ދައުލަތުގެ ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު ތަންފީޒު ކުރަން ކެރި ކުޅަދާނަ ވާރުގެ ނިޒާމެއް ނޫނެވެ. ނަތީޖާއަކީ ހުކުމްތައް ތަންފީޒު ނުވެ، ފައިސާ ނުލިބި އެތައް ބަޔަކު ތިބެން ޖެހުމެވެ.

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މިހާރު

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މިހާރު

ޖިނާއީ އިޖްރައާތުގެ ގާނޫނަކީ މެދުކެނޑުމެއް ނެތި އަވަސްކަމާ އެކު ޝަރީއަތްތައް ކުރިއަށް ގެންދަން ހެދި ނިޒާމެއް ކަމަށް ވިޔަސް، އެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖްރައާތުތައް ފުރިހަމަ ކުރަން ހިނގާ ވަގުތާއި ބޭނުންވާ ވަސީލަތްތައް ދަތިކަމުން އެކަން އެމަގުން ހިނގާ ގޮތެއް ނުވެ އެވެ. ކޯޓުތަކުގެ ޖާގަ އާއި ވަސީލަތްތައް ހުރީކީ އެފަދަ ބޮޑު ނިޒާމެއް، އެހާ އަވަހަށް ހިންގޭނެ ގޮތަކަށް ނޫނެވެ. މި ހުރިހާ ކަމެއްގެ ދެމެދުގައި އާހިރުގައި ތާށިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

މުޖްތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެ ބަންދު ކުރަންޖެހޭ މަދު މީސްކޮޅު ވެސް ބަންދު އެކަށީގެންވާ ޖާގައެއް ޖަލުތަކުގައި ނެތެވެ. ބަންދުގައި ތިބޭއިރު ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބިގެން ކުރާ ޝަކުވާތަކާ ހެދި އިންސާނީ ކަރާމާތަށްޓަކައި ވެސް މީހުން ދޫކޮށްލަން ޖެހޭ ފަހަރު މަދެއް ނޫނެވެ. ކުރުކޮށް ބުނާނަމަ، ދުނިޔޭގެ އެހެން ގައުމުތަކާ އެއް ފެންވަރުގެ ނިޒާމުތައް ރާއްޖެއަށް ތައާރަފް ކުރަމުން ދަނީ ރާއްޖެއަށް ކެރި ކުޅަދާނަ މިންވަރަކަށްތޯ ސުވާލު އުފެދެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ އިސް ބޭފުޅަކު ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބޭރުގެ ގައުމުތަކުގައި އަމަލުކުރާ ގޮތްތައް ބަލައިގެން ރާއްޖެއަށް އާ ނިޒާމުތައް ތައާރަފް ކުރަނީ ދައުލަތުގެ ކެރިފޯރުންތެރިކަމާއި ވަސީލަތްތައް ހުރި މިންވަރަށް ރިއާޔަތް ކޮށްގެން ނޫނެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް ބަދަލެއް ގެނައި ނަމަވެސް އެކަން ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެކަމަކު ބައެއް މުއައްސަސާތަކުން އެކަންކަން ނުކޮށް އަދިވެސް ތިބޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ތަހުގީގް ކުރުމާއި ދައުވާ ކުރުމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި މުއްދަތުތަކެއް ކަނޑައަޅާފައި އެބައޮތް. ޝަރީއަތް ޝަރީއަތުގެ މަރުހަލާއަށް ވެސް މުއްދަތުތަކެއް ކަނޑައަޅާފައި އެބައޮތް. އެކަމަކު އެއްވެސް ޝަރީއަތެއް ގާނޫނުގައި ބުނާ ދުވަހަކަށް ނުނިންމޭ. އެއީ ޖިނާއީ އަދުލުގެ ނިޒާމް ތަރައްގީވެގެން އައިއިރު ހުރިހާ ނިޒާމެއް އެއްކޮށް ތަރައްގީ ކުރަން މަސައްކަތް ނުކުރެވުމުގެ ނަތީޖާ." އޭގެ މިސާލެއް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ކަރެކްޝަނަލް ސާވިސް. ގާނޫނުތަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، ބަދަލުތަކާ ފައި ހަމަކުރަން ވިސްނާލެވިފައެއް ނެތް. ޖަލަށް ނުލައި ދޭންޖެހޭ އަދަބުތައް ކަނޑައެޅިތާ 10 އަހަރުވީއިރު ވެސް އެފަދަ ޕްރޮގްރާމެއް ޑިޒައިން ކުރެވިފައެއް ނެތް. މިއީ ވަގުތު ނެތިގެން ނުވެ އޮތް ކަމެއް ނޫން. އެހީތެރިކަން ވެސް ލިބުނީސް. އެކަމަކު ބަލަންޖެހޭ ކަންކަން ބަލައިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ވިސްނުންތެރިކަމާ އެކު މަސައްކަތް ކޮށްފައި ނެތީ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު

ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ބައެއް ބަދަލުތައް ގެނައުމުގެ ސަބަބުން ތަހުގީގުތަކާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުން ފަދަ ނިޒާމުތައް ހަރުދަނާވެ، ހެޔޮ ބަދަލުތަކެއް އައިސްފައިވެ އެވެ. އަދި ބައެއް ބަދަލުތައް ފުރިހަމައަށް ތަންފީޒު ކުރަން ދަތިތައް ހުއްޓަސް، އެއީ މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނެރެވޭ ގޮތަށް ޖަޒުބާތީ ގޮތެއްގައި ބައެއް ބަދަލުތައް ގެނެސްފައި ހުރި ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނާއި ގާނޫނުލް އުގޫބާތުގެ 18 ވަނަ މާއްދާ އިތުރުކުރުން ފަދަ ބަދަލުތަކުން ނިޒާމަށް އައީ ލޮޅުމެއް. ލިބުނީ ދަތް ނެތް ބާރުތަކެއް. ހަލާކުވެފައި އޮތް ގާނޫނުތަކެއް." އޭނާ ވިދާޅުވި އެވެ.

"އެންމެން ބޭނުންވެގެން ގެނައި ނިޒާމެއް. މީތި ފަހަތަކަށް ނުގެންދެވޭނެ."

އޭނާ ވިދާޅުވި ގޮތުގައި ބައެއް ބަދަލުތައް އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ގެންނަން ޖެހެނީ އެހެން ގައުމުތަކުގައި ވެސް އެގޮތަށް އެކަންކަން ދަމަހައްޓަމުން ދާތީ އެވެ. ނަމަވެސް ރާއްޖެ އުފެދިފައި އޮތްގޮތާއި އެހެން ބައެއް ސަބަބުތަކަށްޓަކައި ރާއްޖެއަށް ހާއްސަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާ ނިޒާމުތަކެއް ރާއްޖެއަށް ތައާރަފްކުރީ ގިނަ ތަޖްރިބާތަކަށްފަހު އަދި ރައްޔިތުން އެގޮތް ބޭނުންވާތީ އެވެ. އަދި ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމަކީ ފަހަތަށް ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި އަލަށް ގެންނަ ނިޒާމު ތަންފީޒު ކުރަން އުނދަގޫވާނަމަ އެކަމަށް ހައްލު ހޯދޭން ގޮތްތައް ވެސް އެ ނިޒާމުގެ ތެރެއިން އޮތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ބަންދު މީހުން ގިނަވިއްޔާމު ހިނގާ ޓެގިން ސިސްޓަމް ވަރުގަދަ ކުރަމާ. ނޫނީ ކަފާލާތު ފަދަ ނިޒާމުތައް ބޭނުން ކުރަން ފަށަމާ. މިއީ އަޅުގަނޑުމެން އެންމެން ބޭނުންވެގެން ގެނައި ނިޒާމެއް. މީތި ފަހަތަކަށް ނުގެންދެވޭނެ." ކުރިން ފަނޑިޔާރު ކަން ވެސް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

މާ ސިންގާ ގާނޫނުތައް ހަދައިގެން ޒަމާނީ ބަދަލުތައް ރާއްޖެ ގެނެސްފައި ހުރީ ރާއްޖޭގައި ހުރި ވަސީލަތްތަކާއި ދައުލަތުގެ ކެރިފޯރުންތެރި ކަމަށް ބެލުމެއް ނެތި އެވެ. ނަތީޖާއަކަށް ވަނީ އެ ބަދަލުތަކުން އުއްމީދު ކުރި ވަރާ ގާތަށް ވެސް އެ ނިޒާމުތަކުގެ ފައިދާއެއް ރައްޔިތުންނަކަށް ނުލިބުމެވެ. ރާއްޖޭގެ އަދުލުގެ ނިޒާމަށް ގެންނަ ޒަމާނީ ފެންވަރުގެ ބަދަލުތަކަކީ ހަމައެކަނި ކަރުދާހުން ގެނެވޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތަންފީޒު ކުރެވޭނެ ނިޒާމުތަކެއް ގެންނަން އެބަޖެހެ އެވެ.