Roadha Mihaaru
ވީޑިއޯ ކޮންފަރެންސުން ޝަރީއަތް ކުރެވޭ ބިލް ފާސްކޮށްފި

ވީޑިއޯ ކޮންފަރެންސުން ޝަރީއަތް ކުރެވޭ ބިލް ފާސްކޮށްފި

29 ޖޫން 2020

ޚާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޚާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުގެ ޖުޑިޝަރީ ކޮޮމެޓީން ފާސްކުރީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އެ ބިލް މިހާރު އޮތްގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރެވޭނީ ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި އެކަންޏެވެ.

ކޮމެޓީން ގެނައި ބަދަލުތަކާ އެކު، މަޖިލީހުގެ މިއަދުުގެ ޖަލްސާގައި އެ ބިލް ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

އެ ބިލް މަޖިލީހުން ފާސްކުރި ގޮތުން ޚާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވޭނީ ވަކި ބާވަތުގެ އަޑުއެހުންތަކެކެވެ. އެގޮތުން ބަންދާ މެދު ގޮތެއް ނިންމުމާއި އިބްތިދާއީ އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގައި ދައުވާ ލިބޭ މީހާގެ ރުހުން ހޯދަން އެ ބިލު ލާޒިމް ކުރެ އެވެ. އެކަމަކު ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކާއި ސިިކުނޑީގެ އުނިކަމެއް ހުންނަ މީހުންގެ މައްސަލަތައް އެއްވެސް ހާލަތެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުން އެ ބިލު މަނާ ކުރެ އެވެ.

މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރުމާއި އިސްތިއުނާފްގެ މުއްދަތު ވެސް އިތުރު ކުރެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.