Roadha Mihaaru
އެޒްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓަކީ ސޯލާ ޕްރޮޖެކްޓެއް

އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓްގެ ގޮތުގައި ސޯލާ ބިޔަ ޕްރޮޖެކްޓެއް ލިބިއްޖެ

24 ޑިސެމްބަރ 2023

ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ސޯލާ އެނާޖީގެ ބިޔަ މަޝްރޫއުއެއް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ސޯލާ އެނާޖީގެ ބިޔަ މަޝްރޫއުއެއް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މިރޭ މާގިރި ހޮޓަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން އިންވެސްޓަރުންނަށް ސަރުކާރުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ފުރަތަމަ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯޒަލަކީ ރިނިއުވަބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓު ހާސިލުވެގެންދާ ޕްރޮޕޯޒަލެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ދާދިފަހުން ބޭއްވި ކޮޕް 28 އަށް ފަހު، އެ ބައްދަލުވުމުގައި ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދުނިޔޭގެ އެއްވެސް ގައުމަކުން ފެށި ފުރަތަމަ މަސައްކަތެވެ.

ނަމަވެސް، އެ މަޝްރޫއުގެ އިތުރު ތަފްސީލެއް ރައީސް މިރޭ ނުދެއްވަ އެވެ.

އާ ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އަދި އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނެ އެވެ.

ރައީސް މިރޭ ވަނީ އެސްއީޒެޑްގެ ބޭނުން ކޮންސްޓްރަކްޝަން އިންޑަސްޓްރީން ވެސް ރަނގަޅަށް ހިފުމަށް ގޮވާލައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ވެސް ދިވެހި ކުންފުނިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހެ އެވެ.

އެސްއީޒެޑްގެ ފުރުސަތު ތަންމިނަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީން ވެސް އެ ފުރުސަތުގެ ބޭނުންހިފައި، ބޭރުގެ އިންވެސްޓްމަންޓުތައް ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްތައް ބަލްކުކޮށް ގެނެސް، އެސްއީޒެޑް ސްޓޭޓަސް ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ރާއްޖޭގައި ބަލްކް ސްޓޯރެޖް ފަށައި، ސްޓޯ ކޮށްގެން ރީ-އެކްސްޕޯޓް ކުރަންވީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ހުންނާނެ އެވެ.