Roadha Mihaaru
މަންޑޭގެ މުދާތައް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލަނީ

މަންޑޭގެ އަގުބޮޑު މުދާތައް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަނީ

25 ޑިސެމްބަރ 2023

ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ރެސިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ރެސިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި އެވެ.

ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުންޏަށް ނޭނގި ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ އެއް ހިއްސާދާރު މަންޑޭގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި، މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް އެއް އަހަރަށް ހިފެހެއްޓީ ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމުމުން އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މަންޑޭގެ ފަރާތުން ހުށަހެޅި އެވެ.

ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ރަޖިސްޓްރާގެ ނިންމުން ބާތިލް ކުރުމަށެވެ.

އެގޮތަށް ނިންމެވީ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރައުޔަކީ އެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތުމުން މައްސަލަ ބަލައިގަންނަން ޖެހޭ ކަމަށެވެ.

ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ވަނީ ކޮށްފަ އެވެ.